Roadha Mihaaru
މަސްވެރިންގެ ލޮލަށް ބުޅި! މި އަނިޔާ އާންމުވަނީ!

މަސްވެރިންގެ ލޮލަށް ބުޅި! މި އަނިޔާ އާންމުވަނީ!

29 ނޮވެމްބަރ 2020

މި ދުވަސްކޮޅު އެންމެ ގިނައިން ފެންނަ އެއް ޚަބަރަކީ މަސް ބާނަން އުޅެނިކޮށް ލޮލަށް ބުޅި ހެރިގެން ކޮންމެވެސް މީހަކަށް ފަރުވާ ދޭން ޖެހޭ ވާހަކަ އެވެ. މި މަހު އެކަނި ވެސް މިހާތަނަށް ފަސް މަސްވެރިއެއްގެ ލޮލަށް ބުޅި ހެރުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ދުވަސްކޮޅު އެންމެ ގިނައިން ފެންނަ އެއް ޚަބަރަކީ މަސް ބާނަން އުޅެނިކޮށް ލޮލަށް ބުޅި ހެރިގެން ކޮންމެވެސް މީހަކަށް ފަރުވާ ދޭން ޖެހޭ ވާހަކަ އެވެ. މި މަހު އެކަނި ވެސް މިހާތަނަށް ފަސް މަސްވެރިއެއްގެ ލޮލަށް ބުޅި ހެރުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގައިފި އެވެ.

ލޮލުގެ ހާއްސަ ޑޮކްޓަރު މުހައްމަދު އައްޒާމް ވިދާޅުވާ ގޮތުން ނަމަ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި "ހަފުތާއަކު މީހަކު ނޫނީ ދެ މީހަކަށް"، ލޮލަށް ބުޅި ހެރިގެން ފަރުވާ ދޭން ޖެހެ އެވެ.

"މިއީ ވަރަށް އާއްމު، އެކަމަކު ވަރަށް ނުރައްކާތެރި ކަމެއް،" ބުޅި ހެރިގެން މާލެ ގެންނަ ގިނަ ބަޔަކަށް ފަރުވާ ދެއްވާފައިވާ ޑޮކްޓަރު ވިދާޅުވި އެވެ.

އެކަމުގެ ނުރައްކާތެރިކަން ޑރ. އައްޒާމް އާއި ލޮލުގެ މަޝްހޫރު އެހެން ޑޮކްޓަރެއް ކަމަށް ވާ އަބްދުﷲ ޖުނައިދު ވިދާޅުވެދެއްވީ ލޮލުގެ ފެނުމަށް ކުރާ ނުބަައި އަސަރުގެ ތަފުސީލުންނެވެ.

ދެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ލޮލަށް ބުޅި ހެރިގެން ގެންނަ ގިނަ މީހުންގެ ލޮލުގެ ފެނުމުގެ 85-90 ޕަސެންޓް ގެއްލެ އެވެ. ބައެއް ފަހަރަށް މުޅި އުމުރަށް އަނދިރިކަމާ ކުރިމަތިލާން ޖެހެ އެވެ. ކުރީ ބައިގައި ފަރުވާ ދެވިއްޖެ ނަމަ އެއްކޮށް ލޯ އަނދިރިވުމުން ސަލާމަތް ކުރެވުނު ނަމަވެސް، ޑޮކްޓަރުންނާ ހަމައަށް ބަލި މީހާ ގެނެވޭއިރު ގިނަ ފަހަރަށް ހުންނަނީ މާ ބޮޑުވަރުވެފަ އެވެ.

މަސް މާރުކޭޓު ސަރަހައްދުގައި ދެ މީހަކު މަސް ބާނަނީ .-- ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަސް މާރުކޭޓު ސަރަހައްދުގައި ދެ މީހަކު މަސް ބާނަނީ .-- ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޑރ. އައްޒާމް ވިދާޅުވީ ބުޅި ހެރުމުން އެންމެ ބޮޑަށް ގެއްލުން ވަނީ އެ ނައްޓަން އަމިއްލައަށް މަސައްކަތްކުރުމުން ކަމަށެވެ. އޭރުން ލޮލުގެ އެތެރޭގައި ހުންނަ ޓިޝޫތައް ހަލާކުވެ، ޑޮކްޓަރުންނަށް އެ ގެއްލުން މަރާމާތުކުރަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަނގަޅު ފަރުވާ ލިބެންދެން ސަމާލުވާން ޖެހޭ ކަންކަން

އޭނާ ވިދާޅުވި ގޮތުގައި ލޮލުގެ ކަޅު ކަޅިއަށް ބުޅި ނުހެރޭ ނަމަ، އަދި ބުޅި ނައްޓާނުލައި، އިންގޮތަށް ޑޮކްޓަރުންނާ ހަމައަށް ގެންނަ ނަމަ، އޮޕަރޭޝަން ކޮށްގެން ރަނގަޅު ވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އޭރުން ވެސް ދެތިން އޮޕަރޭޝަން ކުރަން ޖެހޭ ފަހަރު އަންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުގެ އިރުޝާދަކީ ބިރުން ވެސް އަމިއްލައަށް ބުޅި ނައްޓާނުލުން. އޭރުން ލޯ ސަލާމަތް ކުރަން ޑޮކްޓަރުންނަށް ވެސް ފަސޭހަ ވާނެ،" އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ޑރ. އައްޒާމް ވިދާޅުވި އެވެ.

ޑރ. ޖުނައިދު ވިދާޅުވި ގޮތުގައި ބުޅި ހެރިއްޖެ ނަމަ، އެންމެ ފުރަތަމަ ސާފު އައިޕެޑަކުން ލޯ ނިވާކުރުން މުހިންމެވެ. އެކަމަކު ސިއްހީ ފަރުވާ ދޭ ތަނަކަށް ގެންދެވެން ދެން، އައިޑްރޮޕް ކަހަލަ ލޮލަށް އަޅާ އެއްވެސް ބޭހެއް ނޭޅުމަށް އޭނާ އިރުޝާދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވީ އެންމެ އަވަހަކަށް، ލޮލުގެ ފަރުވާ ދޭ ހާއްސަ ޑޮކްޓަރަކު އިންނަ ތަނަކަށް ގޮސް، އިމަޖެންސީގައި އޮޕަރޭޝަން ކުރަން ޖެހޭނެ އެވެ.

ލޮލަށް ގެއްލުން ލިބުމާ އެކު ފެން ބުއިމާއި ކާއެއްޗެހި ކެއުން ހުއްޓާލަން ވެސް ޖެހެ އެވެ. އެއީ ލޮލުގެ މިފަދަ އިމަޖެންސީ އޮޕަރޭޝަންތައް ކުރަނީ ހޭނައްތައިގެން ކަމުން، އެއްޗެއް ކައިފި ނަމަ، އޮޕަރޭޝަން ނުކުރެވި މަދުވެގެން ހައެއްކަ ގަޑިއިރު މަޑުކުރަން ޖެހޭނެތީ ކަމަށް ޑރ. ޖުނައިދު ވިދާޅުވި އެވެ.

ހައްލަކީ މަސް ބާނާއިރު އައިނު އެޅުން

ރާއްޖޭގެ އާބާދީގައި މަސްވެރިން ގިނަ އެވެ. ހާއްސަކޮށް، މިހާރު މަޖަލަށް މަހަށް ދާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ. އެކަމަކު މަސް ބާނަން އުޅޭއިރު ލޮލަށް ބުޅި ހެރުން ފަދަ ހިތާމަވެރި ހާދިސާތައް ގިނަވަނީ އެކަމުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ދެކެވަޑައިގަނެ އެވެ.

ބ. އޭދަފުށި ފަޅުތެރޭގައި އެ ރަށު ރައްޔިތުން މަސް ބާނަނީ: މަސް ބާނާ އިރު ބުޅި ހެރުން ފަދަ ކަމެއް ދިމާވެދާނެތީ ރައްކާތެރިވާން ޖެހޭ --- ފޮޓޯ: އަބްދުﷲ އަބީދު

ބ. އޭދަފުށި ފަޅުތެރޭގައި އެ ރަށު ރައްޔިތުން މަސް ބާނަނީ: މަސް ބާނާ އިރު ބުޅި ހެރުން ފަދަ ކަމެއް ދިމާވެދާނެތީ ރައްކާތެރިވާން ޖެހޭ --- ފޮޓޯ: އަބްދުﷲ އަބީދު

ޑރ. ޖުނައިދާއި ޑރ. އައްޒާމުގެ ވެސް އިލްތިމާސްއަކީ މަސް ބާނާއިރު އައިނު އެޅުމެވެ. މަސްވެރިކަން ކުރާއިރު ދުވާލާއި ރޭގަނޑު ވެސް އެޅޭނެ ފަދަ އައިނު މިހާރު ބާޒާރުން ލިބެން ހުރި އިރު، މިއީ ހައްލު ކުރަން ފަސޭހަ މައްސަލައެއް ކަމަށް ވެސް ދެ ޑޮކްޓަރުން ވިދާޅުވި އެވެ.

އެކަމަކު ޑރ. އައްޒާމު ވިދާޅުވީ އެކަން ކުރަން ގިނަ މީހުން ބޭނުން ނުވަނީ އެއީ އާއްމު ކަމަކަށް ނުވާތީ ކަމަށެވެ. އައިނު އަޅައިގެން މަސް ބާނަން އުޅޭއިރު މީހުން މަލާމާތް ކުރިޔަސް، އޭނާ ވިދާޅުވި ގޮތުގައި ވިސްނަންވީ، މަސްވެރިކަމުގެ ތެރެއަށް އަންގި އާއި އެފަދަ ފެޝަންގެ ބާވަތްތައް ވެއްދި އިރުއައިނު ވެސް އިތުރުކުރާށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން އެންމެން ނާޅާތީ ގިނަ މީހުން އެކަން ކުރަން ބޭނުން ނުވަނީ. އެކަމަކު މިއީ ވަރަށް، ވަރަށް މުހިއްމު ކަމެއް،" ރޭގަނޑު މަސް ދަތުރުތަކަށް ވަޑައިގަންނަވާ ޑރ. އައްޒާމް ވިދާޅުވި އެވެ.

"ލޮލުގެ ފެނުން ގިނަ މީހުންނަށް މި އިހުސާސް ކުރެވެނީ އެ ގެއްލުނީމައި. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެވޮއިޑް ކުރެވިދާނެ ފަދަ މައްސަލައެއް."