Roadha Mihaaru
ކޯޓުން ވެސް ޔުވެންޓަސް އަށް ކާމިޔާބެއް ނުލިބުނު

ކޯޓުގައި ނާކާމިޔާބުވެ ޔުވެންޓަސް އަށް ބޮޑު ވެއްޓުމެއް

23 މެއި 2023

ޓިއުރިން (މޭ 23) - އިޓަލީގެ ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް ކޯޓުގައި އެ ކްލަބަށް ނާކާމިޔާބުވެ ބޮޑު ގެއްލުމެއް ކުރިމަތި ވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޓިއުރިން (މޭ 23) - އިޓަލީގެ ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް ކޯޓުގައި އެ ކްލަބަށް ނާކާމިޔާބުވެ ބޮޑު ގެއްލުމެއް ކުރިމަތި ވެއްޖެ އެވެ.

ޓްރާންސްފާތަކުގައި މަކަރު ހެދުމާއި ކްލަބްގެ އާމްދަނީ އޮޅުވާލުމުގެ ތުހުމަތު ސާބިތުވުމުން އެ ކްލަބުގެ މައްޗަށް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެ ކްލަބުން ހުށަހެޅި މިދިޔަ މަހު އެވެ. އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ކޯޓުން ނިންމީ ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކުރަން ނިންމީ ރަނގަޅަށް ކަމަށެވެ. އެކަމަކު އެ ކްލަބުން ވަކާލާތު ކުރީ ޕޮއިންޓެއް އުނިނުކޮށް މައްސަލަ ނިންމައިދިނުމަށެވެ.

ފަހުގެ ހުކުމާ އެކު 10 ޕޮއިންޓް އުނިކުރުމުން ޔުވެންޓަސް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް 36 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު ހަތަރު ވަނައިގައި އޮތް އޭސީ މިލާންއާ ޔުވެންޓަސްއާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެ އަދަބާ އެކު އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކުން އެޓީމު ނުފެނުމުގެ ފުރުސަތު އެބައޮތެވެ.

ޔުވެންޓަސް ވަނީ ރޭ އިޓާލިއަން ލީގުގައި ރަށުން ބޭރުގައި އެމްޕޮލީ އަތުން 1-4 އިން ބަލިވެފަ އެވެ. ޔުވެންޓަސް މެޗު ކުޅުނީ އަދަބު ލިބުނުކަން އިއުލާންކުރި ފަހުންނެވެ.

މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނީ އެމްޕޮލީ މެޗުގެ 10 މިނިޓް ކުރިން އެކަހަލަ ހުކުމެއް ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ އަސަރު މެޗަށް ކުރިކަން ކޯޗު ފާހަގަކުރި އެވެ.

ޔުވެންޓަސް އިން މާލީ ހިސާބުތައް އޮޅުވާލިކަމަށް ތުހުމަތުކުރީ 2019 އިން 2021 އާ ދެމެދު އެވެ. އޭރު ކްލަބުން ހެދި ޓްރާންސްފާތަކުގެ މާލީ ހިސާބު އޮޅުވާލުމާއި، ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ވެސް އޮޅުވާލުން އުޅޭކަން ފާހަގަކުރެވުނެވެ. އަދި، ކުޅުންތެރިން އިމޭޖް ރައިޓްސް އިން ލިބުނު އާމްދަނީ ހިސާބު ކުރުމުގައި ވެސް މަކަރު ހަދައިފައިވާކަން އެނގުނެވެ.

އެ މައްސަލައާ ގުޅިގެން އޭރު ކްލަބް ހިންގުމުގައި އުޅުނު ގިނަ ބަޔަކަށް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.