Roadha Mihaaru
ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ދީފި

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ދީފި

27 މެއި 2023

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދައުވަތު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދައުވަތު ދީފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އިންތިހާބު އޮބްޒާވްކުރަން ހުށަހަޅާފައިވަނީ، އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އަދި ސާކް ގައުމުތަކުގެ އިލެކްޝަން ބޮޑީސް، ފެންބޯސާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކަމަށެވެ.

އޭގެ އިތުރުން، އެ ގައުމުތަކުގެ އިިންތިހާބުތައް އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ދޭ ގައުމުތައް ވެސް ބަލާފާއިވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

އިންތިހާބު އޮބްޒާވްކުރަން ދައުވަތު ދިން ގައުމުތަކުގެ ތެރޭގައި ޖޯޖިއާ އާއި ފިލިޕީންސާއި އޮސްޓްރޭލިއާ އާއި ޖަޕާނާއި ނޭޕާލް އަދި ސްރީ ލަންކާ ހިމެނެ އެވެ.

ހަބީބް ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް ދައުވަތު ދީފައިވަނީ ދެ ބޭފުޅަކަށް ކަމަށެވެ. ރާއްޖޭގައި ތިބުމާއި ކެއުމާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

އިންތިހާބަށް ތައްޔާރުވުމަށް ޓާސްކްފޯހުގެ އިތުރުން އިންތިހާބަށް އޮފިޝަލުންގެ ގޮތުގައި ވެސް މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ކޮމިޝަނުން ބުނީ ޓާސްކް ފޯހަށް 296 މުވައްޒަފުން އަދި އޮފިޝަލުންގެ ގޮތުގައި 6،000 މުވައްޒަފުން ބޭނުންވާ ކަމަށެވެ.