Roadha Mihaaru
ބަހުސްގެ ވަގުތު ދޫކޮށްލެވެންވާނީ މެމްބަރުން އަމިއްލައަށް

ބަހުސްގެ ފުރުސަތު ދޫކޮށްލުމުގެ އިހުތިޔާރު އޮންނަންވާނީ މެމްބަރުންނަށް: އާމިރު

28 މެއި 2023

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސްތަކުގައި މެމްބަރުންނަށް ވަގުތު ދެވޭ މިންވަރު ސިޔާސީ ޕާޓީތަކުން ކަނޑައެޅުމުގެ ބަދަލުގައި، އެ ފުރުސަތު ދޫކޮށްލުމުގެ އިހުތިޔާރު އޮންނަންވާނީ ސީދާ މެމްބަރުންނަށް ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީގެ މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސްތަކުގައި މެމްބަރުންނަށް ވަގުތު ދެވޭ މިންވަރު ސިޔާސީ ޕާޓީތަކުން ކަނޑައެޅުމުގެ ބަދަލުގައި، އެ ފުރުސަތު ދޫކޮށްލުމުގެ އިހުތިޔާރު އޮންނަންވާނީ ސީދާ މެމްބަރުންނަށް ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީގެ މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާ އެކި މައްސަލަތަކުގައި ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތު ދެނީ ފުރުސަތަށް އެދޭ މެމްބަރުންގެ ތަރުތީބުންނެވެ.

ފަހަކަށް އައިސް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާ ކޮންމެ ކަމެއްގައި ބަހުސް ފުރުސަތަށް އެދޭ ލިސްޓުގެ އެންމެ ކުރީގައި ތިއްބަވަނީ އެމްޑީޕީން ވަކިވެ، ނަޝީދުގެ ފެކްޝަންގެ ބޭފުޅުން އުފައްދަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ މެމްބަރުންނެވެ.

އެއާއެކު، މަޖިލީހުގެ މެޖޯރިޓީ އޮންނަ ބަހުސްތަކުގެ ކޮންޓްރޯލް އަނބުރާ ހޯދުމުގެ ބޭނުމުގައި، އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ އެ ޕާޓީގެ މެމްބަރަކު ވާހަކަ ދައްކަވާ ނިމެންދެން ބަހުސްކުރަން އެ ޕާޓީ އަށް ލިބޭ ވަގުތު ދިނުމަށް ރިޔާސަތުގައި އެދިފަ އެވެ.

އެކަމަކު އެއީ މަޖިލީހުގެ ނިޒާމާ ހިލާފުކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެގޮތަށް ވަގުތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"...އެމްޑީޕީ އަށް ވަގުތު އޮތް ނަމަވެސް، އިއްޒަތްތެރި މެމްބަރު މި ތަނުގައި 30 މިނެޓުއިރު ވަންދެން ވާހަކަ ދައްކާކަށް ފުރުސަތެއް ނޭރުވޭނެ،" މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް، މަޖިލިސް ތަމްސީލުކުރާ އެހެން ޕާޓީތަކުގެ މެމްބަރުންނަށް، އެ ޕާޓީތަކުގެ ވަގުތު ނިމެންދެން ރިޔާސަތުން މީގެ ކުރިން ފުރުސަތު ދީފައި އެބަހުއްޓެވެ.

އެކަމަށް އިޝާރާތްކުރައްވައި އާމިރު ވިދާޅުވީ މެމްބަރުންނަށް ބަހުސްކުރުމުގެ ވަގުތު ދިނުމުގެ އިހުތިޔާރު ޕާޓީތަކަށާއި ރިޔާސަތަށް އޮތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އާމިރު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ކޮންމެ މެމްބަރަކަށް ވެސް އެ މެމްބަރަކު އިންތިހާބުވި ދާއިރާ ތަމްސީލުކޮށް، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެންޖެހޭނެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސިޔާސީ ޕާޓީއަކަށް ނޫނީ ރިޔާސަތަކުން ނޫން އެކަން [ވަގުތު ދިނުން] ކަނޑައަޅާނީ. އެ އިހުތިޔާރު އޮންނަން ވާނީ ސީދާ މެމްބަރަށް. މިސާލަކަށް ބިލަކަށް ބަހުސްކުރަން އަޅުގަނޑަށް ލިބޭ ވަގުތު އެހެން މެމްބަރަކަށް ދޫކޮށްލެވިދާނެ އަޅުގަނޑު އަމިއްލަ އަށް ބޭނުންވެގެން،" ގަވައިދަކަށް ވުރެ ގާނޫނުއަސާސީ މަތިވާނެކަން ފާހަގަކުރައްވައި އާމިރު ވިދާޅުވި އެވެ.

ނަމަވެސް، ޕާޓީއަކަށް ލިބޭ ވަގުތު ހުސްވަންދެން ވަކި މެމްބަރަކު ވާހަކަ ދައްކަން ފުރުސަތު ދެވުމަކީ، އެ މައުލޫއާމެދު ވާހަކަ ދައްކަން ބޭނުންވެފައިހުރި އެ ޕާޓީގެ އެހެން މެމްބަރަކަށް ފުރުސަތު ނުލިބި، ގާނޫނުއަސާސީން ލިބިދޭ ހައްގެއް ގެއްލުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މެމްބަރުންނަށް ވަގުތު ލިބެނީ ކިހިނެއް؟

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހަށް ހުށަހަޅާ ގިނަ ކަންކަމަކަށް ބަހުސް ކުރަން ލިބެނީ ޖުމްލަ ހަތަރު ގަޑިއިރެވެ.

ޖުމްލަ ވަގުތުގެ ހަތަރުބައިކުޅަ އެއްބައި ވަގުތު ބަހާފައި ވަނީ މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ މެދުގައި ހަމަހަމަކޮށް ކަމަށް ގަވައިދުގައި ބުނެ އެވެ.

ޖުމްލަ ވަގުތުން އެ ވަގުތު އުނިކުރުމުން ބާކީވާ ވަގުތު ބަހާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ނިސްބަތުން ބައިކުރެވޭ ގޮތަށް ކަމަށް ވެސް ގަވައިދުގައި ވެ އެވެ.