Roadha Mihaaru
އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް

އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް

31 މެއި 2023

އުތުރު ކޮރެއާ އިން އުފެއްދި ޖާސޫސީ ސެޓެލައިޓް ޖައްވަށް ގެންދިއުމަށްޓަކައި ބާރުގަދަ ރޮކެޓެއްގައި އިއްޔެ ހެނދުނު އުދުއްސައިލި ފަހުން، މާގިނައިރުތަކެއް ނުވަނީސް ދިމާވި ޓެކެނިކަލް މައްސަލަތަކަކާ ގުޅިގެން، އެ ރޮކެޓް ކަނޑަށް ވެއްޓި، ސެޓެލައިޓް ގެއްލިއްޖެ ކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާ އިން އުފެއްދި ޖާސޫސީ ސެޓެލައިޓް ޖައްވަށް ގެންދިއުމަށްޓަކައި ބާރުގަދަ ރޮކެޓެއްގައި އިއްޔެ ހެނދުނު އުދުއްސައިލި ފަހުން، މާގިނައިރުތަކެއް ނުވަނީސް ދިމާވި ޓެކެނިކަލް މައްސަލަތަކަކާ ގުޅިގެން، އެ ރޮކެޓް ކަނޑަށް ވެއްޓި، ސެޓެލައިޓް ގެއްލިއްޖެ ކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

ސެޓެލައިޓް ގެއްލުނު ނަމަވެސް، ރޮކެޓްގެ އެތިކޮޅުތަކެއް ކަނޑުން ފެނިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. ޝެއޮލީމާ-1ގެ ނަން ދީފައިވާ ރޮކެޓް ވެއްޓުނީ ކޮރެއާގެ ހުޅަނގު ކަނޑުތެރެއަށެވެ. އުތުރު ކޮރެއާ އިން ބުނި ގޮތުގައި ޝެއޮލީމާ އަށް މައްސަލަތަކެއް ކުރިމަތިވީ، ބިމުން ފެށިގެން ވަކި ހިސާބަކަށް އަރައި، ރޮކެޓްގެ އެންމެ ތިރީ ބައި ވަކިކޮށްލުމަށް ފަހު ދެ ވަނަ މަރުހަލާގެ އިންޖީނު ސްޓާޓް ކުރުމުގެ ތެރޭގަ އެވެ.

މިއީ އުތުރު ކޮރެއާ އިން ޖައްވަށް ސެޓެލައިޓް ފޮނުވަން އުޅުނު ހަ ވަނަ ފަހަރެވެ. އަދި 2016 ވަނަ އަހަރަށް ފަހު ޖައްވަން ފޮނުވަން އުޅުނު ފުރަތަމަ ސެޓެލައިޓެވެ. އިއްޔެ ވެއްޓުނު ރޮކެޓްގައި ފޮނުވައިލި ސެޓެލައިޓަކީ، އެ ގައުމުން ޖައްވަށް ފޮނުވަން މަސައްކަތް ކުރި ފުރަތަމަ ޖާސޫސީ ސެޓެލައިޓެވެ.

އުތުރު ކޮރެއާ އިން އިއްޔެ ރޮކެޓް ފޮނުވައިލީ، މޫސުމީ ގޮތުން އެކަމަށް ފުރުސަތު ލިބިފައިވާ 12 ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހު އެވެ. އެހެންކަމުން، އިއްޔެގެ މަސައްކަތް ފެއިލްވުމާ ގުޅިގެން، ކުރިއަށް އޮތް 11 ދުވަހުގެ ތެރޭގައި އިތުރު ރޮކެޓެއް ޖައްވައި ފޮނުވައިލުމުގެ ފުރުސަތު އެބަ އޮތް ކަމަށް، ވާދަވެރި ދެކުނު ކޮރެއާ އިން ބުނެ އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިއްޔެގެ ހެނދުނު 6:30 ހާއިރު، އުތުރު ކޮރެއާ އިން ވައިގެ ތެރެއަށް ދުވެލި ބާރު ރޮކެޓެއް ފޮނުވައިލިކަން ރާޑަރުތަކަށް ފާހަގަކުރެވުނެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ އެ ރޮކެޓް ރާޑަރަށް ގެއްލުނު ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ.

އެ ގައުމުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން ފޮނުވައިލި ރޮކެޓް ވެއްޓުނީ ދެކުނު ކޮރެއާ އާއި ޖަޕާނުގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގުޅޭ ހިސާބަށެވެ. އަދި މި ހާދިސާގައި ދެކުނު ކޮރެއާގެ އެއްވެސް މަސްވެރިއަކަށް އަދި އެހެން މީހަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އެ ގައުމުން ބުންޏެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް ބަލާއިރު، އެ ބާވަތުގެ ސެޓެލައިޓެއް ޖައްވަށް ފޮނުވުމުގެ ހުއްދަ އުތުރު ކޮރެއާއަކަށް ނޯންނާނެ އެވެ. އެއީ ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކުރުން، ސަލާމަތީ މަޖިލީހުގެ ގަރާރަކުން އުތުރު ކޮރެއާ އަށް މަނާކޮށްފައިވާތީ އެވެ.

ސަލާމަތީ މަޖިލީހުންނާއި ހުޅަނގުގެ ގައުމުތަކުން، އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވިޔަސް، އެ ގައުމުން އަންނަނީ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއު އިތުރަށް ތަރައްގީކޮށް އަސްކަރީ ބާރު ގަދަ ކުރަމުންނެވެ. އެ ގޮތުން، މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި އުތުރު ކޮރެއާ އިން ވަނީ ރެކޯޑް އަދަދަކަށް، ބެލިސްޓިކް މިސައިލާއި ކުރު ރާސްތާ އަދި ދުރުރާސްތާގެ މިސައިލްތައް އަޖުމަބަލައިފަ އެވެ.