Roadha Mihaaru
ނިދާފައި ތިއްބާ ގެ އަނދައި ހުލި؛ ސަލާމަތްވީ ކިރިޔާ!

ނިދާފައި ތިއްބާ ގެ އަނދައި ހުލި؛ ސަލާމަތްވީ ކިރިޔާ!

01 ޖޫން 2023

ހއ. ފިއްލަދޫ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. ފިއްލަދޫ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

އާއިލާއެއް ދިރިއުޅުނު އެ ގޭގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފިއްލަދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެފައި.-- ފޮޓޯ: އެންޑީއެމްއޭ

ފިއްލަދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެފައި.-- ފޮޓޯ: އެންޑީއެމްއޭ

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން މިއަދު "މިހާރު" އަށް ވިދާޅުވީ އެ ރަށު ހިތަށްފިނިވާގޭގައި ރޭ ދަންވަރު އެކެއް ޖަހާކަށް ހާއިރު ހިނގި މި ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ރަށު ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މެންދަމު 2:30 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް ކޮޓަރި ހުންނަ އެ ގޭގައި ދިރިއުޅުނީ އުމުރުން ދުވަސްވީ ދެމަފިރިންނާއި އިތުރު ދެ އަންހެނަކާއި ތިން ކުޑަކުދިންނެވެ. ގޭގައި ރޯވި އިރު އެ އެންމެން ތިބީ ނިދައިފަ އެވެ.

"އޭގެ ތެރެއިން އެ އަންހެނަކީ އެ ގޭގެ ކުއްޖަކާ އިނދެގެން އުޅޭ ޖަޕާނު މީހެއް. އޭނާއަށް ހޭލެވުނީ ހޫނުވެގެން. ދެން އޭނާ ކޮޓަރިން ސިޓިން ރޫމަށް ނުކުމެ ބެލި އިރުގައި ފެނުނީ ކަރަންޓު ބޯޑާ ދިމާލުން ސީލިންގުގައި ރޯވެފައި ހުއްޓާ،" ފަތުހުﷲ ވިދާޅުވި އެވެ.

ފިއްލަދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެފައި.-- ފޮޓޯ: އެންޑީއެމްއޭ

ފިއްލަދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެފައި.-- ފޮޓޯ: އެންޑީއެމްއޭ

"އޭނާ އެންމެނަށް ގޮވާއި ހޭލައްވައިގެން ގެއިން އެންމެން ނެރުނީ."

ފަތުހުﷲ ވިދާޅުވީ އަލިފާން ނިއްވާލެވުނުއިރު، ގޭގައި ހިފައިގެންގުޅޭ ހުރިހާ ސާމާނެއް އަނދައި ހުލިވެފައިވާ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ގުޅިގެން އާއިލާއަށް އެހީތެރިވުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފިއްލަދޫ ގެއެއްގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

ފިއްލަދޫ ގެއެއްގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

"ސްކޫލަށް ދާ ކުދިން ތިބީމާ އެ ކުދިންނަށް ކިޔަވަން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްކޫލާ ވެސް ވާހަކަދައްކަމުން މި އަންނަނީ. އަދި އާއިލާއަށް ބޭނުންވާ ޒަރޫރީ އެހެން އެއްޗެހި ރައްޔިތުންގެ އެހީތެރިކަމާ އެކު ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގައި ދިިރިނޫޅެވޭ ވަރަށް އެ ގެ އަނދައިގެން ގޮސްފައި ވާތީ، އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.