Roadha Mihaaru
ޑިމޮކްރެޓްސްގެ ފޯމުތައް 3 ހަފުތާ ތެރޭ ނިމޭނޭ: ފުއާދު

ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހެޅި ފޯމުތައް ތިން ހަފުތާ ތެރޭ ނިމޭނެ: ފުއާދު

04 ޖޫން 2023

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން މިދިޔަ ބުރާސްފަތިދުވަހު ހުށަހެޅި ފޯމުތައް ތިން ހަފުތާ ތެރޭގައި ޕްރޮސެސްކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން މިދިޔަ ބުރާސްފަތިދުވަހު ހުށަހެޅި ފޯމުތައް ތިން ހަފުތާ ތެރޭގައި ޕްރޮސެސްކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި އެމްޑީޕީގެ ކުރީގެ މެމްބަރުންތަކެއް އިސްވެ އުފައްދަވާ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހެޅީ 3،560 ފޯމާ އެކުގަ އެވެ. ގާނޫނު ބުނާ ގޮތުން ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެނީ 3،000 ފޯމެވެ.

މި އަދަދު، ޑިމޮކްރެޓްސް އިން ހަމަކުރީ ޕާޓީ ރަޖިސްޓްރީކުރަން ހުއްދަދިންތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ.

ޑީއާރުޕީ ދެ ފަޅިވެ އުފެދުނު، ރާއްޖޭގައި މިހާރު އެންމެ ބޮޑު އެއް ޕާޓީ، ޕީޕީއެމް އާއި ގާނޫނީ މައްސަލަތަކެއްގެ ތެރޭގައި އޮތް އެމްއާރުއެމް އުފައްދަން ވެސް ހުށަހެޅީ 3،000 ފޯމާ އެކުގަ އެވެ. ދެ މަސް ދުވަހުގެ މަސައްކަތުން އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި އެއް ޕާޓީއަކީ 5،000 ފޯމާއެކު އެމްއެންޕީ އެވެ. މި ޕާޓީތައް އީސީން ވަނީ ހުށަހެޅިތާ ދޮޅުމަހެއްހާ ދުވަހުގެ ތޭރޭގައި ރަޖިސްޓްރީކޮށްދީފަ އެވެ.

ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްހަކަން އިތުރަށް ކަށަަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ފޮނުވުމުގެ އިތުރުން އީސީގެ ވެބްސައިޓުގައި ފޯމުގެ މައުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް އިލެކްޝަންސް ކޮމިޝަނުން ދެ އެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "މިހާރު"އަށް ވިދާޅުވީ އާއްމުކޮށް އަމަލުކުރަމުން އަންނަ އުސޫލުން ޕާޓީއަށް ވަންނަން އެދި ހުށަހެޅި ހުރިހާ އެންމެންގެ މައުލޫމާތު މިއަދު އާއްމުކުރާނެ ކަމަށެވެ. ޝަކުވާ ހުށަހަޅަން ހަފުތާއަކަށް ފަހު ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މުވައްޒަފުން ތިބި އަދަދުން އަޅުގަނޑުމެންނަށް ވީ އެންމެ އަވަހެއް ކުރާނަން. ފޯމުތަކުގެ މަސައްކަތް ނިމެން، އަޅުގަނޑުމެންނަށް ލަފާކުރެވެނީ ގާތްގަނޑަކަށް ދެ ހަފުތާ އާއި ތިން ހަފުތާއާ ދޭތެރޭގެ މުއްދަތެއް ނަގާނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އީސީއަށް ފޯމު ހުށަހެޅުމަށް ފަހު ހަސަން ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އީސީއަށް ފޯމު ހުށަހެޅުމަށް ފަހު ހަސަން ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތަކާ އެކު މި މަހުގެ މެދު ތެރޭގައި ގިނަ ރަށްތަކެއްގެ ބައި އިލެކްޝަންތަކެއް ބޭއްވުމުގެ ކަންކަން ވެސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ. އަންހެނުންގެ ކޮމިޓީތަކުން ހުސްވާ މެމްބަރުން އިންތިހާބުކުރަން، ކޮމިޝަނުން ބައި އިލެކްޝަން ބާއްވަނީ ގާނޫނަށް ގެނައި އިސްލާހާ އެކު ގިނަ ރަށްތަކެއް އެއްކޮށްލައިގެންނެވެ.

ފުއާދު ވިދާޅުވި ގޮތުގައި އެއްފަހަރާ ޕްރޮސެސްކުރަން ބަލާއިރު 3،500 އަކީ ގިނަ އަދަދެކެވެ. ކިތަންމެ ބާރަށް މަސައްކަތް ގެންދިޔައަސް މިހާރު ލަފާކޮށްފައިވާ މުއްދަތު ހޭދަވާނެ ކަަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ނަމުގައި ދަ ޑިމޮކްރެޓްސް އުފައްދަން ނިންމައި ރަޖިސްޓްރީކުރަން ހުށަހެޅީ އެމްޑީޕީ އުފެއްދި މަގްސަދާ ހިލާފަށް ވަކި ބަޔަކު ޕާޓީ ހައިޖެކްކޮށްގެން ހިންގާ ކަމަށް ވިދާޅުވެ އެވެ. އެ ޕާޓީގެ އަމާޒަކަށް ވާނީ، ޑިމޮކްރަސީ ކުރިއެރުވުން ކަމަށާއި އެ މަގްސަދަށް ވާސިލްވާން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު މި އަހަރުގެ އިންތިހާބުގައި ވާދަކުރާނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.