Roadha Mihaaru
އަޑުގަދަކުރާތީ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި

ކޮމިޓީތައް އެކުލަވާލުން އެޖެންޑާއިން ނަގަން ޝަރުތުކޮށް އަޑުގަދަކުރާތީ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި

14 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި އެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ.

ނަމަވެސް އާދަމް ޝަރީފް މައްސަލަ ހުށަހަޅައްވަން މަސައްކަތް ކުރައްވަނިކޮށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވީ އެވެ.

މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ އަޑާއެކު، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެތައް ފަހަރެއްގެ މަތިން ފުރުސަތު ދެއްވައިގެން، އާޒިމް ނެންގެވި ނުކުތާގައި ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އެވެ.

އެ މާއްދާގައި ބުނާ ގޮތުގައި ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާ އެއްގައި ނިންމުމަށް އެދި، ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަމެވެ. އަދި އެ ކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބު ވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމަށެވެ.

އޭގެ ފަހުން، ޑިމޮކްރެޓްސްގެ އިތުރު މެމްބަރުން ވެސް ވަނީ ނިޒާމީ ނުކުތާތައް ނަންގަވައިގެން ހަމަ އެ މައްސަލަ ފާހަގަކުރައްވައިފަ އެވެ. އަދި މިހާރު މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި 16 މެމްބަރުންގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ޖަލްސާ އެއްގޮތަކަށް ވެސް ކުރިޔަށް ނުގެންދެވޭ ގޮތް ވުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މިކަން ހައްލު ކުރެއްވުމަށް ފަހު މަޖިލިސް ފެއްޓެވުމަށެވެ.

އެ ކަން ބަލައިގަނެ އަފީފް ވަނީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލައިފަ އެވެ.

މަޖިލިސް އަލުން ފަށައި ކުއްލި މައްސަލަ ހުށަހަޅަން އާދަމް ޝަރީފަށް ފުރުސަތު ދެއްވުމާއެކު އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އަނެއްކާވެސް ކޮމިޓީތައް އެކުލަވާލުމުގެ އައިޓަމް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވައިގެން، ހަމަ އެ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވި އެވެ. އަދި އެ އައިޓަމް އެޖެންޑާއިން އުނިކޮށްގެން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަމުން ގެންދެވި އެވެ.

ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ދެއްވަން ރިޔާސަތުން އަފީފް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް، އެއްވެސް މެމްބަރެއްގެ ނަން އިއްވާފައެއް ނުވެ އެވެ.

އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވައި އެމްޑީޕީ މެމްބަރުން ވެސް ނިޒާމީ ނުކުތާތައް ނަންގަވައި، މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރިޔާސަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަކު އެއިރުވެސް، ތަޅުމުގައި އިދިކޮޅު މެމްބަރުން ގެންދެވީ އަޑުގަދަ ކުރައްވައި ޖަލްސާއަށް ހުރަސްއަޅުއްވަމުންނެވެ.

އެ އާއެކު ޕާޓީތައް މަޝްވަރާކޮށްގެން ހައްލެއް ލިބޭތޯ ބެލުމަށް މެމްބަރު އާމިރު އަނެއްކާވެސް ހުށަހެޅުއްވުމުން، އެކަމަށް ފުރުސަތު ދިނުމަށް މިއަދުގެ ޖަލްސާ ދެވަނަ ފަހަރަށް ވަނީ މެދުކަނޑާލާފަ އެވެ.