Roadha Mihaaru
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި

ހުރިހާ މެޗަކުން މޮޅުވެ ނެޓްބޯޅައިގެ ދެވަނަ ޑިވިޝަން ނެޓާސްއިން ކާމިޔާބު ކޮށްފި

07 ޖޫން 2023

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އެމްވީ ނެޓާސް، ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އެމްވީ ނެޓާސް، ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ނެޓާސް ޗެމްޕިއަންކަން ހޯދީ ފޯރި ގަދަ ފައިނަލްގައި 33-31 އިން ކްލަބް މެޓްރިކްސް ބަލިކޮށްގެންނެވެ.

މިދިޔަ މަހުގެ 29 އިން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިއަހަރުގެ ދެވަނަ ޑިވިޝަންގައި ފަސް ކްލަބަކުން ވާދަ ކުރި އެވެ. އެއީ އެމްވީ ނެޓާސް އާއި ކްލަބް މެޓްރިކްސްގެ އިތުރުން ޒެނިތު ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ސްކައިލާކް އަދި ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބެވެ. ފަސް ކްލަބުގެ މެޗުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލުގެ ޖާގަ ހޯދީ އެންމެ ނަތީޖާ ރަނގަޅު ދެ ކްލަބެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެޓާސްގެ އައިޝަތު ނޫމީ ނާސިރު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ނޫމީ ވަނީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ނެޓާސްގެ އަމްނާ އަސްވަދު އިސްމާއިލް އާއި މެޓްރިކްސްގެ މަރިޔަމް ސާރާ އިސްމާއިލް، މިޝްކާ އަފްރާހު ހަސަން، އައިޝަތު ޔޫހާ މުހައްމަދު، ޒީކް އިސްމާއިލް މުހައްމަދު އަދި ޒީނާ އަހުމަދެވެ.

ދެވަނަ ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ޔުނައިޓެޑް ޔުނިޓީގެ ޝިބާ ހަސަން ސުހެއިލް އެވެ. އެންމެ މޮޅު ކޯޗަކީ އެމްވީ ނެޓާސްގެ އައިޝަތު ލޫނާ އެވެ.

ހޯމަ ދުވަހުގެ ރޭ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ކުޅުން ވެސް ވަނީ ފަށައިފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރެއާ ހަމައަށް ކުރިއަށްދާ ފުރަތަމަ ޑިވިޝަނުގައި ވެސް ފަސް ކްލަބަކުން ވާދަ ކުރެ އެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ރަނަރަޕް ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ އަދި މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ކާމިޔާބު ކުރި ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބެވެ.