Roadha Mihaaru
ޓޫރިޒަމުން ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް

ޓޫރިޒަމުން ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް

28 ޖެނުއަރީ 2017

ކޮލަމްބޯ (ޖެނުއަރީ 28) - ޓޫރިޒަމުން މިދިޔަ އަހަރު ސްރީ ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް ކަމަށްވާ 3.5 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސަރުކާރުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖެނުއަރީ 28) - ޓޫރިޒަމުން މިދިޔަ އަހަރު ސްރީ ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް ކަމަށްވާ 3.5 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސަރުކާރުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ނަމަވެސް، ލަންކާގެ މަދަނީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އަހަރުން އަހަރަށް ޓޫރިޒަމް ކުރިއަރަމުން ދިޔަ ނަމަވެސް މަރާމާތަށް އެއާޕޯޓް ދުވާލު ވަގުތުގައިބަންދު ކުރުމުން ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވީ މިދިޔަ އަހަރު ލަންކާ އަށް 2.05 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފީ 2.2 މިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ގެނައުމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މި އަހަރު އިތުރަށް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ދުވާލު ވަގުތުތަކުގައި ކޮލަމްބޯ އެއާޕޯޓް ބަންދު ކުރުމުން ޓޫރިސްޓް އެރައިވަލް މި އަހަރު 30 ޕަސެންޓް ދަށްވާނެ ކަމަށް އިންޑަސްޓްރީގެ އޮފިޝަލުން ލަފާކުރެ އެވެ. މީގެ އިތުރުނ ގައުމީ އެއާލައިން ސްރީ ލަންކަން އިން ވަނީ ފްރާންސަށާއި ޖަރުމަނަށް ސީދާ ދަތުރުތައް ހުއްޓާލައިފަ އެވެ.

އެއާޕޯޓުގެ މަރާމަތަށް ދުވާލު ގަޑީގައި ރަންވޭ ބަންދު ކުރުމުން ވަރަށް ގިނަ އެއާލައިންތަކުން ވަނީ ފްލައިޓްތައް މަދުކޮށްފަ އެވެ. އެއާޕޯޓުގެ މަރާމާތު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އެޕްރީލް މަހު އެވެ.

މިހާރު ވެސް ގެއްލުމާ އެކު ހިންގާ ސްރީ ލަންކަން އެއާލައިންސް އިން ބުނެފައި ވަނީ، އެއާޕޯޓް ބަންދު ކުރުމުން އެ އެއާލައިނަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.