Roadha Mihaaru
ޕާކުތަކަށް ވަންނަ ބިދޭސީންނަށް15-500ރ. ގެ ފީއެއް

ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން 15-500ރ. އާ ދެމެދު ފީއެއް

21 ޖޫން 2023

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީ މާލޭ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީ މާލޭ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.

ކައުންސިލުން ނިންމާފައި ވަނީ އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގާށެވެ.

މާޅެ ސިޓީ ކައުންސިލްގެ މި ހަފުތާގެ ބައްދަލުވުމުގައި، ޕާކް ތަކަށް ވަންނަ ބިދޭސީންނަށް ކަނޑައަޅާފައިވާ ފީތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވިދާޅުވީ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގަން ނިންމާފައި ވަނީ ތަފާތު އަގުތަކެއް ކަމަށެވެ. އޭގެ ތެރޭގައި ވެސް އިސްތިސްނާވާ ހާލަތްތަކެއް ހުރެ އެވެ.

ބިދޭސީންގެ އަތުން ނަގާ ފީތައް:

- ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15ރ.

- އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50ރ.

- ޓޫރިސްޓް ވިސާގައި ޕާކަށް ވަނަން ބިދޭސީއަކަށް 75ރ.

- ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500ރ.

ޕާކްތަކަށް ވަނަން ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައް:

- އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީން.

- ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުން.

- 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިން.

މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޑިޕްލޮމެޓިކް ކާޑު އޮންނަ މީހުން އަތުން ވެސް އެއްވެސް ފީއެއް ނުނެގާ ގޮތަށް ހަދަން ހުށަހަޅާފައިވާ ކަމަށެވެ.

ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި، ސަލްޓަން ޕާކް މަރާމާތުކޮށް އަލުން ހުޅުވިއިރު އެ ތަނަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގި އެވެ. ނަމަވެސް، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު އެކަން ހުއްޓާލީ އެވެ.