Roadha Mihaaru
އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް: ހުކުމް

އެމްއާރްއެމް އުވާލަން އީސީން ނިންމީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓު

13 ފެބުރުއަރީ 2024

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި އެމްއާރްއެމް ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި އެމްއާރްއެމް ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

މައުމޫން މުސްތަޝާރުކަން ކުރައްވާ، އަދި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން، ރައީސްކަން ކުރައްވާ ޕާޓީ އުވާލަން ނިންމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ކުރެއްވި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ.

"އެ މާއްދާއިން ކޮންމެ ހަމަކުން އެއް ފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަން ޖެހޭ ޒިންމާދާރު ގޮތަށް މާޒީގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމް އިން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ނޫން" ކަމަށް ހުކުމްގައިވެ އެވެ.

އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަކުރަން އަންގައި ފެބުރުއަރީ މަހު ފޮނުވި ނޯޓިސްގައި މެންބަރުންގެ އަދަދު ކަމަށް ކޮމިޝަނުން އަންގާފައިވަނީ 2981 އެކެވެ. އެ ޕާޓީން މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އެ އަދަދަށް ބަލައިގެންނެވެ. އަދި އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމްތަކެއް ހުރިކަން ވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އަދި ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގައި ނޭކަށޭނަ ލަސްވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓައި، އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ހުރިހާ ކަމެއް ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ގާނޫނާ ހިލާފަށް އެމްއާރްއެމްއާ މެދު އެޅި ފިޔަވަޅުގެ ސަބަބުން ކޯޓަށް ދާން ޖެހި އެކަމަށް ހޭދަވި ހަރަދުގެ ބަދަލުގެ ގޮތުގައި 50،000ރ. އިލެކްޝަން ކޮމިޝަންގެ ފަރާތުން އެމްއާރްއެމް އަށް ހަތް ދުވަސް ތެރޭ ދައްކަން ވެސް އަމުރުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ކައިރިވެފައިވަނިކޮށް ޕާޓީ އުވާލުމަށް ނިންމުމުން އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން، އިންތިހާބުގައި ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުންނެވެ.