Roadha Mihaaru
ނާހިލްގެ ގާތިލަށް ފައިސާ އެއްކޮށްދޭތީ ބޮޑު ދެބަސްވުމެއް

ފްރާންސްގެ ހަމަނުޖެހުން: ނާހިލްގެ ގާތިލަށް ފައިސާ އެއްކޮށްދޭތީ ބޮޑު ދެބަސްވުމެއް

04 ޖުލައި 2023

ޕެރިސް (ޖުލައި 4) އަރަބި ދަރިކޮޅުގެ ޒުވާނަކަށް ފިސްތޯލަ އިން ހަމަލާ ދީ މަރައިލި ފަރަންސޭސި ފުލުސް މީހާ އަށް އެހީވުމަށް ފައިސާ އެއްކުރުމަށް އެ ގައުމުގައި ފަށައިގެން ކުރިއަށް ގެންދާ ހަރަކާތާ މެދު އެ ގައުމުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

ޕެރިސް (ޖުލައި 4) އަރަބި ދަރިކޮޅުގެ ޒުވާނަކަށް ފިސްތޯލަ އިން ހަމަލާ ދީ މަރައިލި ފަރަންސޭސި ފުލުސް މީހާ އަށް އެހީވުމަށް ފައިސާ އެއްކުރުމަށް އެ ގައުމުގައި ފަށައިގެން ކުރިއަށް ގެންދާ ހަރަކާތާ މެދު އެ ގައުމުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

މަޣްރިބު ދަރިކޮޅަށް ނިސްބަތްވާ އަލްޖީރިއާގެ ޒުވާނެއް ކަމަށްވާ އުމުރުން 17 އަހަރުގެ ނާހިލް މަރްޒޫގުގެ ގަޔަށް، ފަރަންސޭސި ފުލުހުން ފިސްތޯލަ ޖެހީ، ހުސްވި ޖޫން މަހުގެ 27 ވަނަ ދުވަހު އޭނާ ދުއްވަމުން ދިޔަ ކާރު ހުއްޓުވައި ސުވާލު ކުރަން ފެށުމުން، އެކަމުގައި އެއްބާރުލުން ނުދީ ކާރު ދުއްވައިލުމުންނެވެ. ވަކި ހިސާބަކަށް ގޮސް ކާރު ތަނެއްގައި ޖެހުމާއެކު، އެ ކާރުގެ ކުރީ ސީޓުގައި އިން އެކަކު ވަނީ ފިލައިފަ އެވެ.

ކާރު ހުއްޓުމާ އެކު ފުލުހުން އެ ތަނަށް ގޮސް، ވަޒަން އަރާފައި އޮތް ނާހިލް ހައްޔަރުކޮށް އޭނާ އަށް ސިއްހީ ފުރަތަމަ ފަރުވާ ދިނެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ނާހިލްގެ ފުރާނަ ދިޔަ އެވެ.

އެ ހާދިސާއަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި ނާހިލްގެ ގަޔަށް ފިސްތޯލަ ޖެހީ އޭނާ ފުލުސް މީހާގެ ގައިގައި ޖައްސައި ފުލުސް މީހާގެ ގައިމަތިން ކާރު ދުއްވާލަން އުޅުމުންނެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ފުލުހުން ހެދީ ދޮގުކަން އެނގި، ބޭރު ގައުމުތަކުން އައިސް ފަރަންސޭސި ވިލާތުގައި ވަޒަންވެރިވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ގޮތަށް، އާންމުން މަގުތަކަށް ނުކުމެ ފުލުހުންނާ ދެކޮޅަށް މުޒާހަރާ ކުރަން ފެށި އެވެ.

އާންމުން ރުޅިގަދަވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ދޭން ފެށުމާ ގުޅިގެން ފުލުހުން ވަނީ ނާހިލްގެ ގަޔަށް ފިސްތޯލަ ޖެހި މީހާ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން، ބިދޭސީ ވަޒަންވެރިންނާ ދެކޮޅު، ފަރަންސޭސި ވިލާތުގެ އަސްލު ވަޒަންވެރިން ވަނީ، ފުލުސް މީހާގެ ދިފާއުގައި އަޑު އުފުލަން ފަށައިފަ އެވެ.

އެ ގޮތުން، ފަރަންސޭސި ވިލާތުގެ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރެއް ކަމަށްވާ މަރިން ލު ޕޭންގެ ކުރީގެ އެޑްވައިޒަރު ޖޯން މެސިއާ ވަނީ، ގޯފަންޑްމީ ގެ ނަމުގައި ފައިސާ އެއްކުރުމުގެ ހަރަކާތެއް ފަށައިފަ އެވެ. އެ ހަރަކާތަށް އިއްޔެގެ ނިޔަލަށް 963000 ޔޫރޯ (1.05 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ލިބިފައިވާ އިރު، އެ ގައުމުގެ ސިޔާސީ އަދި އިޖްތިމާއީ ދާއިރާގެ އިސް ހަރަކާތްތެރިން ދަނީ އެ މަސައްކަތް ހުއްޓައިލުމަށް ގޮވާލަމުންނެވެ.

ފަރަންސޭސި ވިލާތުގެ ވެރިކަން ކުރާ ޕާޓީން ބުނި ގޮތުގައި ޖޯން މެސިއާ ފަށާފައިވާ ހަރަކާތަކީ އަނދައަނދާ އޮތް އަނގުރު ގަނޑަކަށް ތެޔޮ އެޅުން ފަދަ ކަމެކެވެ.

ނާހިލް މަރްޒޫގް: އޭނާ މަރައިލީ ފްރާންސްގެ ފުލުހުން ބަޑިން ދިން ހަމަލާއެއްގައި

ނާހިލް މަރްޒޫގް: އޭނާ މަރައިލީ ފްރާންސްގެ ފުލުހުން ބަޑިން ދިން ހަމަލާއެއްގައި

"އެއީ ހަމަނުޖެހުންތަކުގެ އިންޖީނެއް. ޒުވާން ނާހިލްގެ ގަޔަށް ފިސްތޯލަ ޖަހައި މަރައިލި ފުލުސް އޮފިސަރަށްޓަކައި އެތައް ލައްކަ ޔޫރޯއެއް ޖަމާކޮށްދިނުމަކީ، ވަރަށް ނާލާއިގު އަދި ވަރަށް މުޑުދާރު އަމަލެއް،" ރައީސް އިމަނުއެލް މެކްރޯންގެ އެން މާޝް ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

ސޯޝަލިސްޓް ޕާޓީގެ ވެރިޔާ އޮލީވިއާ ފޮރޭ ވިދާޅުވި ގޮތުގައި ގޯފަންޑްމީ ހަރަކާތަކީ ބަޔަކު މީހުން ހިންގާ ވަރަށް ހަޑިހުތުރު އަމަލެކެވެ.

"ގަސްދުގައި މީހަކު މެރި ފުލުސް އޮފިސަރަކަށް ހިތްވަރު ދިނުމުގެ އެ ހަރަކާތުގައި ބައިވެރިވެގެން ކަލޭމެން ތި މަސައްކަތް ކުރަނީ މިހާރު ވެސް ލާފައި އޮތް ރެނދެއް އިތުރަށް ބޮޑުކުރަން. ތިކަން ހުއްޓައިލާ،" އޮލީވިއާ ފޮރޭ ވިދާޅުވި އެވެ.

ވާތު ފިޔައިގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޑޭވިޑް ގުއަރޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުސް އޮފިސަރަށްޓަކައި ފައިސާ އެއްކުރުމަކީ، އެ ގައުމުގައި މިހާރު ވެސް އުފެދިފައި އޮތް ނަސްލީ ތަފާތުކުރުން އިތުރަށް ވަރުގަދަ ކުރުމަށް ދެވޭ ހިތްވަރެކެވެ.

"ތި ހަރަކާތުން ދެވޭ މެސެޖަކީ، އަރަބިން މަރާށޭ، އޭރުން ކަލޭ ވެސް މިލިއަނަރަކަށް ވާނެޔޭ. މި ނުބައި ޖަރީމާ ހިންގާއިރު ވެސް ސަރުކާރުން ބަހެއް ނުބުނެ އެ އޮތީ ކުޅި ބަލަން،" ޑޭވިޑް ގުއަރޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.