Roadha Mihaaru
ކުރުދީންނަށް ދިން ހަމަލާއަށްފަހު ޕެރިހުގައި ހަމަނުޖެހުން

ކުރުދީންނަށް ދިން ހަމަލާއަށް ފަހު ޕެރިހުގައި ހަމަނުޖެހުން

25 ޑިސެމްބަރ 2022

ފަރަންސޭސި ވިލާތުގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް، މިދިޔަ ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާތަކަށް ފަހު، ފަރަންސޭސި ވިލާތުގައި ވެރިރަށް ޕެރިހުގައި މުޒާހަރާކޮށް ހަމަނުޖެހުންތައް އުފެދިއްޖެ އެވެ.

ފަރަންސޭސި ވިލާތުގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް، މިދިޔަ ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާތަކަށް ފަހު، ފަރަންސޭސި ވިލާތުގައި ވެރިރަށް ޕެރިހުގައި މުޒާހަރާކޮށް ހަމަނުޖެހުންތައް އުފެދިއްޖެ އެވެ.

ޕެރިހުގެ މެދުތެރޭގައި، ގިނަ އަދަދެއްގެ ކުރުދީން އުޅޭ ސަރަހައްދެއްގައި ހުކުރު ދުވަހު ދިން ހަމަލާގައި، ކުރުދީ ދަރިކޮޅުގެ ތިން މީހުން މަރުވެ އިތުރު ތިން މީހަކު ޒަޚަމްވި އެވެ. އެ ތިން މީހުންނަށް ވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިންގެ އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

އުމުރުން 69 އަހަރުގެ ފަރަންސޭސި ފިރިހެނަކު، ހުކުރު ދުވަހު ކުރުދީންގެ ސަގާފީ މަރުކަޒަކަށް ވަދެ ބަޑި ޖެހީ، ކުރުދީންނާ މެދުގައި އޮންނަ ނަސްލީ ދެކޮޅުވެރިކަމެއްގެ ސަބަބުން ކަމަށް، ތަހުގީގުތަކާ ހަވާލާދީ ފުލުހުން ބުންޏެވެ. މީގެ ކުރިން ވެސް ހަތިޔާރު ބޭނުންކުރުމުގެ ތުހުމަތެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު، ދާދި ފަހުން މިނިވަންކުރި އެމީހާ، ހުކުރު ދުވަހުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށް ނަފްސާނީ ފަރުވާ ދޭ މަރުކަޒަކަށް ގެންދިޔަ އެވެ.

ނަމަވެސް ސިއްހީ ސަބަބުތަކަކާ ހުރެ ހޮނިހިރު ދުވަހު ފުލުހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ނަމަވެސް މި ހާދިސާގެ ތަހުގީގުގެ ބޭނުމަށްޓަކައި އޭނާ ހައްޔަރުކުރުމަށް ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ކުރުދީންގެ ސަގާފީ މަރުކަޒަށް ވަދެ ބަޑިން ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ އިތުރު ދެ ތަނަކަށް ވަދެ ހަމަނުޖެހުން ހިންގި ފަހުންނެވެ. އެއީ ކުރުދީންގެ އަވަށުގައި ހިންގާ ރެސްޓޯރަންޓަކާއި ބޯކޮށާ ތަނެކެވެ. އެ ދެ ތަނަށް ވަދެ ވެސް ބަޑިން ހަމަލާ ދިނުމަށް މަސައްކަތް ކުރި އެވެ.

ބަޑިޖެހުމުގެ ހާދިސާ އަށް ފަހު ޕެރިހުގެ މަގުތަކަށް އާންމުން ނުކުމެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން ފެށި އެވެ. މުޒާހަރާ އަށް ނުކުތް މީހުން އެއްގަމު އުޅަނދުތަކުގެ ބިއްލޫރިތައް ތަޅައި އެ އުޅަނދުތަކުގައި އަލިފާން ޖަހައި، ފިހާރަތަކަށް ގެއްލުން ދެމުން ދަނިކޮށް، ފުލުހުން އެމީހުން މައިތިރިކުރީ ކަރުނަ ގޭސް ޖަހައިގެންނެވެ.

ހުކުރު ދުވަހުގެ މުޒާހަރާ ރޫޅައިލުމުން، އިއްޔެ ވެސް ޕެރިހުގެ މަގުތަކަށް އާންމުން ނުކުމެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގި އެވެ. އިއްޔެ މުޒާހަރާ އަށް ނުކުތް މީހުން ވެސް ބައެއް ކާރުތައް ފުށުން ޖަހައި، ހުޅު ރޯކޮށް، މަގުތަކުގައި ހުރަސްތައް ބަހައްޓައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި އެވެ. އިއްޔެގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ވެސް ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ.

އިއްޔެގެ މުޒާހަރާތައް ފެށުނީ، ހުކުރު ދުވަހުގެ ހާދިސާގައި މަރުވި ތިން މީހުންގެ ހަނދާން އައުކުރުމުގެ ގޮތުން، ކުރުދީންގެ ބަޔަކު، ޕެރިހުގެ ޖުމްހޫރީ މައިދާނަށް އެއްވެ ސުލްހަވެރިކަމާ އެކު ހަމަހިމޭންކަމުގެ ސުކޫތެއް ފާހަގަކުރަން ތިއްބައި އެ ސަރަހައްދަށް އާންމުންގެ އެހެން ބަޔަކު އެއްވެ އަޑުގަދަކުރަން ފެށުމުންނެވެ.

އިއްޔެގެ ހަމަނުޖެހުންތައް މައިތިރި ކުރުމުގެ ތެރޭގައި ފުލުހުންގެ 31 މީހަކާއި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން އެކަކު ޒަޚަމްވި އެވެ. އަދި މުޒާހަރާގައި ބައިވެރިވި 11 މީހަކު ހައްޔަރުކުރި އެވެ.