Roadha Mihaaru
ވޯޓު ކަރުދާސް ވަގުތުން ނައްތާލަން އެއްބަހެއް ނުވެވުނު

ވޯޓުލާ ނިމުމުން ބާކީ ކަރުދާސް ވަގުތުން ނައްތާލަން އެއްބަހެއް ނުވެވުނު

05 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލައި ނިމުމުން ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން އެ މަރުކަޒެއްގައި ނައްތާލަން ޕީޕީއެމުން ހުށަހެޅި ގޮތަށް ނުނިމި ދެ ހައްލެއް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލައި ނިމުމުން ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން އެ މަރުކަޒެއްގައި ނައްތާލަން ޕީޕީއެމުން ހުށަހެޅި ގޮތަށް ނުނިމި ދެ ހައްލެއް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމުން އީސީގައި ތަކުރާރުކޮށް އެދިފައި އޮތީ ބާކީ ހުންނަ ކަރުދާސްތައް ވަގުތުން ނައްތާލައި ދެ ވަނަ ފަހަރަށް ބޭނުން ކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތެއް ހެދުމަށެވެ. އެއީ އިންތިހާބުތަކާ ގުޅޭ ގޮތުން އަބަދުވެސް ކުރާ ތުހުމަތުތަކާ ގުޅިގެން ކޯޓާ ހިސާބުން ނޫން ގޮތަކަށް ނުނިމޭތީ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނީ ބާކީ ކަރުދާސް ވަގުތުން ނައްތާލަން ޖެހެނީ އިންތިހާބުގެ އިންސާފުވެރިކަން ކަށަވަރުކުރަން ކަމަށެވެ.

ޕީޕީއެމަށް 2018 ގައި ނާކާމިޔާބުވި އިންތިހާބުގައި ވެސް ބާކީ ވޯޓު ކަރުދާސްތައް ބޭނުންކޮށްގެން އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރެ އެވެ.

ގާނޫނުގައި ބުނާ ގޮތުން ވޯޓު ކަރުދާސް ވަގުތުން ނައްތައެއް ނުލެވޭނެ އެވެ. އިންތިހާބާ ބެހޭ ގާނޫނުގައި ވޯޓު ކަރުދާހާ މެދު އަމަލުކުރަން ޖެހޭ މާއްދާ އަށް ރިއާޔަތްކޮށް އީސީން ވަނީ ދެ ހައްލެއް ގައުމީ ލަފާ ދޭ ކޮމިޓީގައި ހުށަހަޅައިފަ އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، ބާކީވާ ކަރުދާސްތަކާ މެދު އަމަލުކުރާނެ ވަކި ގޮތެއް ގާނޫނުގައި ކަނޑައަޅާފައި އޮއްވައި ވަގުތުން ނައްތާލުމަކީ އަނެއްކާވެސް އީސީން ބަދުނާމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. ޕީޕީއެމްގެ ހުށަހެޅުމަށް ކޮމިޝަންގެ މެމްބަރުން މަޝްވަރާކުރި އިރު ދެ ގޮތަށް ކަންތައް ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

މާލެ: ސެޕްޓެމްބަރު 23، 2018: ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނުމަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ: ސެޕްޓެމްބަރު 23، 2018: ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނުމަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެއްގޮތަކީ ވޯޓު ކަރުދާސް ޗާޕްކުރާއިރު، ކަނުން ކަފާ ލެވޭ ގޮތަށް ހެދުން ނުވަތަ ބާކީވާ ކަރުދާހުގައި ލޯވަޅެއް އެޅުން ކަމަށް ހަބީބް ވިދާޅުވި އެވެ.

"ކަރުދާހުގެ ވަކި ހިސާބަކުން ކަނުން ކަފާލުން ނުވަތަ ލޯވަޅެއް އެޅިދާނެ ގޮތަކަށް އަމަލު ކުރެވިދާނެ," ހަބީބް ވިދާޅުވި އެވެ.

މި ހައްލު އޮތް ކަމަށް އީސީން ބުނުމުން ޕީޕީއެމުން މިއަދު ވެސް ހުށަހެޅީ ކަރުދާސް ނައްތާލާށެވެ. ގާނޫނަށް އެފަދަ ބަދަލެއް ގެނައުމުގެ ވިސްނުމެއް އީސީގައި އޮތްތޯ ވެސް ޕީޕީއެމުން ސުވާލު އުފެއްދި އެވެ.

އެމްޑީޕީން ބުނީ ބާކީވާ ވޯޓު ކަރުދާހުގެ ކަނުން ކަފާލުން އެ ޕާޓީ އަށް މައްސަލައެއް ނެތެވެ.

އީސީން ބުނި ގޮތުގައި އިންތިހާބެއް ބޯމަތިވެފައި އޮއްވައި އެއްވެސް ގާނޫނަކަށް ބަދަލު ގެނައުމަކީ އެ ކޮމިޝަނުން ތަރުހީބުދޭ ކަމެއް ނޫނެވެ. އެކަމަކު ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމުގައި ހޯދެން އޮތް އެންމެ ރަނގަޅު ހައްލެއް ހޯދާނެ އެވެ.

ވޯޓުލައި ނިމުމުން ބާކީ ހުންނަ ކަރުދާސްތަކަކީ ސެކިއުރިޓީ އުރައިގައި ބަންދުކޮށްފައި ހުންނަ ކަރުދާސްތަކެއް ކަމަށާއި އޭގައި ސޮއިކުރުމާއި ބާކީ ކަރުދާސްތައް ގުނަނީ ވެސް އެންމެންގެ ކުރިމަތީގައި ކަން ހަބީބް ފާހަގަކުރެއްވި އެވެ.

ލަފާދޭ ކޮމިޓީގައި ކުރި މަޝްވަރާތަކަށް ފަހު އީސީ މެމްބަރުން ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ހޯދަން ވަނީ ނިންމައިފަ އެވެ.