Roadha Mihaaru
ކުއްޖެއްގެ ކުރިމަތީ މީހަކު ހައްޔަރުކުރިގޮތުން ފާޑުކިޔަނީ

ފޮޓޯއެއް ނެގި ކަމަށް ބުނެ ކުޑަކުއްޖެއްގެ ކުރިމަތީ މީހަކު ހައްޔަރުކުރި ގޮތުން ފުލުހުންނަށް ފާޑުކިޔުން!

07 ޖުލައި 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މަގުމަތީ އިހުތިޖާޖުކުރި ވަގުތު ސައިކަލެއްގައި ކުއްޖަކު ގޮވައިގެން ދިޔަ މީހަކު އެ ސަރަހައްދަށް މަޑުކޮށް އެތަނުގައި އުޅުނު ފުލުހުންގެ "ފޮޓޯއެއް ނެގުމުން" ކުއްޖާގެ ކުރިމަތީ އެ މީހާ ހައްޔަރުކުރި ގޮތުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މަގުމަތީ އިހުތިޖާޖުކުރި ވަގުތު ސައިކަލެއްގައި ކުއްޖަކު ގޮވައިގެން ދިޔަ މީހަކު އެ ސަރަހައްދަށް މަޑުކޮށް އެތަނުގައި އުޅުނު ފުލުހުންގެ "ފޮޓޯއެއް ނެގުމުން" ކުއްޖާގެ ކުރިމަތީ އެ މީހާ ހައްޔަރުކުރި ގޮތުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ހައްޔަރުކުރި އެ މީހާ އަކީ އިހުތިޖާޖު ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުން ދުއްވާފައި ދަމުން މަޑުކޮށްލި މީހެއް ކަމަށާއި އޭނާ ފޮޓޯއެއް ނެގުމުން ކަމަށް ބުނެ ހައްޔަރުކުރީ ކަމަށެވެ.

"ސައިކަލެއްގައި ކުޑަ ކުއްޖަކާ އެކު ދަތުރު ކުރި ފިރިހެނަކު އެސަރަހައްދަށް މަޑުކޮށް އޭނާގެ ފޯނުން ފޮޓޯއެއް ނެގުމަށްފަހު ސަރަހައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް އެ ފިރިހެން މީހާގެ ސައިކަލުގައި އިން އެކުއްޖާއާ ހަވާލުވަނީ ކާކުތޯވެސް ބެލުމެއް ނެތި، އެކުއްޖާގެ ވެސް ކުރިމަތީ އެ މީހާއަށް ފުލުހުން އަނިޔާކޮށް، އަނިޔާވެރިކަމާ އެކު ހައްޔަރުކުރި ކުރުން އެއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގި އަމަލެއް ގޮތުގައި މިކޯލިޝާނުން ސިފަ ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

ޕީޕީއެމުން ބުނީ އެ މީހާ ހައްޔަރުކުރީ އެއްވެސް ވަރަކަށް ބެލުމެއް ނެތި އަދި ވީ ކީއްކަން ވެސް ނޭނގި ކަމަށެވެ.

"ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫން" ކަމަށް އެ ބަޔާނުގައިވެ އެވެ.

މުޒާހަރާ ކޮންޓްރޯލްކުރަން ގޮސް ތިބި އެސްއޯ ފުލުހުންގެ އެތައް ބަޔަކުވެގެން އެ މީހާ ހައްޔަރުކުރާއިރު ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާ ވެސް ދިޔައީ ގަދަ ދައްކަމުންނެވެ. ފޮޓޯ ނެގީ ކީއްވެތޯ އަހާ އަޑު އިވެ އެވެ. ފުލުހުންނާއި ހައްޔަރުކުރި މިހާ އާއި މުޒާހަރާގެ ބައިވެރިން ބަހުގެ ހަމަލާތައް ދެމުން ގޮސް، އެ މީހާ ފުލުހުންގެ ވެހިކަލަށް އަރުވަ އެވެ.

މުޒާހަރާކުރި މީހުން ވެސް، ކުޑަކުއްޖާ ހުއްޓާ ފުލުހުންނާ ދިމާލަށް ހުތުރު އެއްޗެހި ގޮވާތީ އިވެ އެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ މި ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ވެސް މި މައްސަލަ ބަލައި ވީގޮތް ސާފުކޮށްދޭން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވަނީ ގޮވާލައިފަ އެވެ.

ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އެ މީހާ ހައްޔަރުކޮށްގެން ގެންދިއުމުން، އާއިލާއިން ކުއްޖާ ބަލާ އަންނަންދެން އެ ކުއްޖާ ގެންގޮސް ބައިންދާފައި އިނީ ޕީޕީއެމްގެ އޮފީހުގަ އެވެ.

މި މިހާގެ އިތުރުން ވެސް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު އެ މީހުން ވެސް ދޫކޮށްލަން ޕީޕީއެމް އިން ގޮވައިލި އެވެ.

ކުޑަ ކުއްޖެއްގެ ކުރިމަތީގައި މީހާ ހައްޔަރުކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު މީހުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ފުލުހުން ބުނީ ކަން ހިނގި ގޮތް އޮޅުންފިލުވުމަށް ފަހު މިކަމާ ބެހޭ ގޮތުން ޖަވާބެއް ދޭނެ ކަމަށެވެ.