Roadha Mihaaru
ދާއިމީ ކޮމިޓީތައް އެންމެ ފަހުން އެކުލަވާލެވިއްޖެ

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގޮތަށް ދާއިމީ ކޮމިޓީތައް އެކުލަވާލައިފި

10 ޖުލައި 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ނޯންނަ ގޮތަށް އިދިކޮޅުން ހުށަހެޅި އިސްލާހުތައް ބަލައިނުގަނެ، ދިގުލައިގެން ގޮސްފައިވާ ދާއިމީ ކޮމީޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދު ނިންމައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ނޯންނަ ގޮތަށް އިދިކޮޅުން ހުށަހެޅި އިސްލާހުތައް ބަލައިނުގަނެ، ދިގުލައިގެން ގޮސްފައިވާ ދާއިމީ ކޮމީޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ، މަޖިލީހުގެ ތިއްބެވި އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

އޭގެފަހުން ކޮމިޓީތައް އެކުލަވާލުމުގައި ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވި މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައި އޮންނަތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އެ މަސައްކަތް ނުނިންމައި މަޖިލިސް މިދިޔަ މަހު ޗުއްޓީ އަށް ދިޔުމުން، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ވަނީ އެ މަސައްކަތް ނިންމަން ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ހުށަހަޅައިފަ އެވެ.

އެ މަސައްކަތް ނިންމަން، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކޮމިޓީތައް އަލުން އެކުލަވާލުމަށް ހުށަހަޅާފައިވާ ރިޕޯޓަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފްގެ އިތުރުން އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީއާ ގުޅިވަޑައިގެން ހުންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިތުރުން 16 ދާއިމީ ކޮމިޓީއެއް ހިމެނޭއިރު، އެ ދެ މެމްބަރުން ވަނީ ގިނަ ކޮމިޓީތަކުގައި އެމްޑީޕީގެ މެޖޯރިޓީ ނޯންނަ ގޮތަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ ތެރޭގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، އިގުތިސޯދީ ކޮމިޓީ، ޖުޑީޝަރީ ކޮމިޓީ، އެސްއޯއީ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަދި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ހިމެނެ އެވެ.

އެ އިސްލާހުތައް ހުށަހެޅުއްވި މަގުސަދެއް ކަމަށް މައިގަނޑު ގޮތެއްގައި އެ ދެ މެމްބަރުން ވެސް ވިދާޅުވީ އެ ކޮމިޓީތަކުގައި ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއެޅޭތީ އެވެ. އަދި އެ ކޮމިޓީތަކުގެ މުގައްރިރުކަން ވެސް އެމްޑީޕީ އަށް ނުލިބޭ ގޮތަށް އެ އިސްލާހުތަކުގައި ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ. އެ އިސްލާހުތައް ފާސްކުރަން 21 މެމްބަރުންގެ ތާއީދު ބޭނުންވާއިރު، އެ އިސްލާހުތަކާ ދެކޮޅަށް 33 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އިސްލާހުތައް ފާސްކުރަން ފެންނަ ކަމަށް ލިބުނީ 13 ވޯޓެވެ.

ހުރިހާ ކޮމިޓީއެއްގައި އެމްޑީޕީގެ މެޖޯރިޓީ

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ހުށަހެޅި ރިޕޯޓުގައި ދެ ހުށަހެޅުމެއް އޮތީ ހިމަނައިފަ އެވެ. އެ ދެ ހުށަހެޅުމުގައި ކުޑަ ފަރަގުތަކެއް ހުރި ނަމަވެސް، ހުރިހާ ކޮމިޓީއަކަށް ވެސް ހުށަހަޅާފައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގޮތަށެވެ.

މިގޮތުން، މިއަދުގެ ހާއްސަ ޖަލްސާގައި އޭގެ ތެރެއިން ފާސްކޮށްފައިވަނީ ރިޕޯޓުގައި އޮތް ފުރަތަމަ ހުށަހެޅުމެވެ. އެ ހުށަހެޅުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 14 މެމްބަރުން ވޯޓު ދެއްވި އެވެ. އެ ހުށަހެޅުން ފާސްކުރަން ބޭނުންވި އަދަދަކީ 25 އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ޕާޓީތަކުގެ ނިސްބަތުން ސްލޮޓުތައް ކަނޑައެޅުމަށް މިއަދު ފާސްކުރި ގޮތް. -

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ޕާޓީތަކުގެ ނިސްބަތުން ސްލޮޓުތައް ކަނޑައެޅުމަށް މިއަދު ފާސްކުރި ގޮތް. -

މިއަދު ފާސްކުރި ނިސްބަތަށް ބަލާއިރު، 17 ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ޖުމްލަ 183 ސްލޮޓުގެ ތެރެއިން 113 ސްލޮޓު 54 މެމްބަރުން ތިބި އެމްޑީޕީ އަށް ލިބެ އެވެ. މި ވަގުތު މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް ހަތް ސްލޮޓު ލިބޭއިރު، ޕީއެންސީ އާއި އެމްއެންޕީ އަށް ލިބިފައިވަނީ ފަސް ސްލޮޓެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ 18 މެމްބަރުން މަޖިލީހުގައި މި ވަގުތު ތިބިއިރު، އެ މެމްބަރުންނަށް 35 ސްލޮޓު ލިބޭ ގޮތަށް މިއަދު ފާސްކުރި އިސްލާހުގައި ވެ އެވެ.

ކޮމިޓީތައް އެކުލަވާލުން ފާސްވުމުން، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، ކޮމިޓީތަކަށް އައްޔަނުކުރަން ބޭނުންވާ ވަކިވަކި މެމްބަރުންގެ ނަންތައް މިރޭ 9:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް އަންގައި ދެއްވުމަށް ޕާޓީތަކުގެ ޕީޖީ ލީޑަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ސްލޮޓުތައް އެ މެމްބަރުންގެ ހިޔާލާއެކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވާނެ ކަމަށް މިއަދުގެ ހާއްސަ ޖަލްސާ ނިންމަވާލައްވަމުން އަފީފް ވިދާޅުވި އެވެ.

އިތުބާރުނެތް ކަމުގެ މައްސަލަތަކަށް މިހާރު ހުރަހެއް ނެތް

ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން އެދުނީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަތައް ވެސް ނިންމާށެވެ.

އެ ދެ މައްސަލަ ވެސް ކުރިއަށް ނުގެންދެވި ޕާކުކޮށްފައިވަނީ، ބަހުސް ކުރުމަށާއި ދިފާއުވުމަށް ވަގުތު ކަނޑަނޭޅި އޮތުމުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރުނެތް ކަމުގެ މައްސަލައިގެ ވަގުތުތައް މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަންޖެހެ އެވެ.

އެކަމަކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދު ނިންމާފައިވާތީ، އިތުބާރުނެތްކަމުގެ އެ ދެ މައްސަލައަށް ވެސް ދިމާވެފައިވާ ހުރަސް މިހާރު ނޯންނާނެ އެވެ.