Roadha Mihaaru
ޝަހީމް ސަރުކާރާ ގުޅެނީތޯ ޕީޕީއެމުން ސުވާލު އުފައްދައިފި

ޑރ. ޝަހީމް ސަރުކާރާ ގުޅެނީތޯ ޕީޕީއެމް ސެނެޓުގައި ސުވާލު އުފައްދައިފި

10 ޖުލައި 2023

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިދިކޮޅު ޕީޕީއެމާ ދުރަށް ޖެހިވަޑައިގެން ސަރުކާރަށް ތާއީދު ކުރައްވަނީތޯ އެ ޕާޓީގެ ސެނެޓުގައި ސުވާލު އުފައްދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިދިކޮޅު ޕީޕީއެމާ ދުރަށް ޖެހިވަޑައިގެން ސަރުކާރަށް ތާއީދު ކުރައްވަނީތޯ އެ ޕާޓީގެ ސެނެޓުގައި ސުވާލު އުފައްދައިފި އެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރެއްވި ޑރ. ޝަހީމަކީ ޕީޕީއެމް/ޕީއެންސީ އަށް ޔާމީން ކަނޑައަޅާފައިވާ އެޑްވައިޒަރެކެވެ.

ނަމަވެސް ދީނީ އިލްމުވެރިޔާ ޑރ. ޝަހީމް ސަރުކާރާ ގުޅިވަޑައިގަންނަވަން ދައުވަތެއް އައިސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ޕީޕީއެމްގެ ސެނެޓް މެންބަރު މުއާޒް ހަލީމް އެ ޕާޓީގެ ސެނެޓުގެ ވަޓްސްއެޕް ގްރޫޕްގައި ވެސް މިއަދު އެ ސުވާލު ޑރ. ޝަހީމާ ކުރެއްވި އެވެ. އެކަމަކު، އެ އަށް އެއްވެސް ޖަވާބެއް އޭނާ ނުދެއްވަ އެވެ.

ނަމަވެސް މުއާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ އެއީ ގްރޫޕްގައި ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެ ސުވާލު ސީދާ ޑރ. ޝަހީމާ ކުރައްވަން ޓޮމް އެދިވަޑައިގަތެވެ.

މިކަމާ ބެހޭ ގޮތުން "މިހާރު" އިން ޑރ. ޝަހީމްގެ ބަހެއް ހޯދަން ވެސް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައިވާ އިރު ޕީޕީއެމް/ޕީއެންސީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އާ ވެސް މަޝްވަރާތައް ފަށައިފަ އެވެ.

އެފަދަ ބޮޑެތި ނިންމުންތައް ޕާޓީން ނިންމާއިރު ޕާޓީގެ އެޑްވައިޒަރުންނާއި ސެނެޓްގެ މެންބަރުން ކައިރީ ވެސް މަޝްވަރާ ނުހޯދާ ކަމުގެ ޝަކުވާ އޮވެ އެވެ. ޕީޕީއެމްގެ އިސް ބޭފުޅުންތައް އެކަހެރި ކުރައްވާ ވަކި ލީޑަޝިޕްގެ ވަކި މެންބަރުންތަކެއް އެ މަޝްވަރާތަކަށް އިސް ނަގާ ކަމުގެ ޝަކުވާ ވެސް ޕާޓީގެ ތެރޭގައި އެބަ އޮތެވެ.

ނަމަވެސް ޕީޕީއެމުން ޕާޓީގެ ތެރޭގައި އެފަދަ އެއްވެސް މައްސަލައެއް އޮތް ކަމަކަށް އެއްބަހެއް ނުވެ އެވެ. އެ ޕާޓީން ބުނާ ގޮތުން ޑިމޮކްރެޓްސްއާ މަޝްވަރާ ކުރުމާއި އެހެނިހެން ނިންމުންތައް ވެސް ނިންމަނީ ޔާމީން ދެއްވާ އިރުޝާދުގެ މަތިންނެވެ.