Roadha Mihaaru
ތިން ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ޔާމީނަށް އޮތް

ޖަލުގައި ނޯންނަވާ ތިން ގައުމަކަށް ވަޑައިގެންނެވުމުގެ ފުރުސަތު ޔާމީނަށް އޮތް: ސައީދު

13 ޖުލައި 2023

ޖަލުގައި ހުކުމް ތަންފީޒު ކުރެއްވުމުގެ ބަދަލުގައި، ތިން ގައުމަކަށް ވަޑައިގެން އެތަނުގައި ހުންނެވުމުގެ ފުރުސަތު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޖަލުގައި ހުކުމް ތަންފީޒު ކުރެއްވުމުގެ ބަދަލުގައި، ތިން ގައުމަކަށް ވަޑައިގެން އެތަނުގައި ހުންނެވުމުގެ ފުރުސަތު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މައި އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި، ނުހައްގުން ޖަލަށް ލައިގެން ޔާމީނަށް އަނިޔާދެމުންދާތާ މިހާރު 959 ދުވަސް ވަނީ ވެފަ އެވެ.

ޕާޓީގެ އާންމު މެމްބަރުންނާއި ލީޑަޝިޕަށް އެ ހިތްދަތިކަން ތަހައްމަލު ނުކުރެވިގެން، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޖަލަށް ވަޑައިގެން ޔާމީން އަރިހު ދެންނެވި ކަމަށް ސައީދު ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވީ ތި ވާހަކަ ދައްކަން އަބްދުއްރަހީމް ވަޑައިގެން ހުރިއްޔާ އެހެރީއޭ ވަތް ދޮރުން ނުކުމެން ވަޑައިގަންނަވާށޭ. ރައްޔިތުން ދޫކޮށް ދާންޖެހޭނެ ދެވަނަ ތަނެއް ނޯންނާނެ އޭ ސާބިތުކަމާއެކު ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.

އެކަން ހުށަހެޅުއްވީ ސައީދު ވިދާޅުވި ގޮތުގައި، ޖަލުގައި ނުހުންނަވައި ބޭސްފަރުވާގެ ނަމުގައި ތިން ގައުމަކަށް ވަޑައިގެން ހުންނެވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގެންފައި އޮތީމަ އެވެ.

"...ބޭނުން ކަމެއް ކުރައްވަން، ބޭނުން މަސައްކަތްޕުޅެއް ކުރައްވަން. ބޭނުން ދިރާސާއެއް ކުރައްވަން ފުރުސަތު އޮތް،" އެ ތިން ގައުމުގެ ނަން ހާމަނުކުރައްވައި ސައީދު ވިދާޅުވި އެވެ.

އެކަމަކު ޖަލުގައި އަނިޔާތައް ތަހައްމަލުކުރައްވަމުން ޔާމީން ގެންދަވަނީ، ސައީދު ވިދާޅުވި ގޮތުންނަމަ، ރައްޔިތުންނާއި ގައުމުގެ ހައްގުގަ އެވެ.

އަދި އެއީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ވެރިންގެ ކިބައިން މިހާތަނަށް ފެނިފައިނުވާ ހިތްވަރެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.

ސައީދުގެ ވާހަކާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހައި ކޯޓުގައި މިހާރު ކުރިއަށްދާ ޔާމީންގެ އިސްތިއުނާފުގެ މައްސަލައަށް ރައީސް އިސްވެ ސަރުކާރުން ދަނީ އެކި ކަހަލަ ނުފޫޒުތައް ފޯރުވަމުންނެވެ.

އެކަން ކުރަނީ ސައީދު ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން ހުންނެވި ޔާމީނަށް ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ނިޔަތުގަ އެވެ.

އެކަމަކު ގާނޫނުއަސާސީންނާއި ގާނޫނުތަކުން ޒިންމާތަކާއި ވާޖިބުތައް މަތިކޮށްފައިވާ މުއައްސާތަކުން ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، އެކަން ހުއްްޓުވުމަށް ސައީދު ރޭ ގޮވާލެއްވި އެވެ.