Roadha Mihaaru
ފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް އަދީބު އެދިއްޖެ

ފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް އަދީބު އެދިއްޖެ

22 ޖުލައި 2023

ބޭސް ފަރުވާ އަށް ސިންގަޕޫރަށް ފުރަން ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޭސް ފަރުވާ އަށް ސިންގަޕޫރަށް ފުރަން ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިވަޑައިގެންފި އެވެ.

އަދީބުގެ ޕާޓީ އެމްޓީޑީން ބުނި ގޮތުގައި އަދީބު ފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އެކި ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.

މި މަހު 12 ވަނަ ދުވަހު ސަރުކާރުން ވަނީ 10 ދުވަހުގެ މުއްދަތެއް އަދީބަށް ދީފަ އެވެ. އެ މުއްދަތު މިއަދަށް ހަމަވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކަރެކްޝަންސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ނުނިމޭތީ މުއްދަތު އިތުރު ކޮށްދިނުމަށް އޭނާގެ ފަރާތުން އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ގައިދީންނެކޭ އެއްގޮތަށް ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތުގައި ފަރުވާގެ ކަންކަން ނުނިމިއްޖެ އާ ލިޔެކިޔުންތައް ހުށަހަޅައި އެކްސްޓެކްޝަނަކަށް އެދެވޭ. މި ކޮޅުން އެ ޕްރޮސެސް އެބަ ކުރިޔަށް ދޭ،" އޭނާ ވިދާޅުވި އެވެ.

އަދީބުގެ ފަރާތުން އެދިފައި ވަނީ ކިހާ ދުވަހެއް އިތުރު ކޮށްދިނުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ.

އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ. އަދީބު ވަނީ ޕެރޯލްގެ ދަށުން ޖަލު ހުކުމްގެ ލުޔަކަށް ވެސް އެދިފަ އެވެ. ނަމަވެސް، އެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.