Roadha Mihaaru
ގާސިމްގެ ބޭސްފަރުވާ އަށް އިތުރު 5 ދުވަސް ދީފި

ގާސިމްގެ ބޭސްފަރުވާ އަށް އިތުރު 5 ދުވަސް ދީފި

26 ސެޕްޓެމްބަރ 2017

ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިތުރު ފަސް ދުވަސް ދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިތުރު ފަސް ދުވަސް ދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ގާސިމަށް އެންގި އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިނުގަތުމުން ދެން އަމަލު ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފައިވެ އެވެ. ނަމަވެސް ކަރެކްޝަންސް އިން މިއަދު ހަވީރު ބުނީ ގާސިމަށް މާދަމާ އިން ފެށިގެން އިތުރު ފަސް ދުވަސް ހަމަޖައްސާދީފައިވާ ކަމަށެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމްގެ ހިތުގެ ބައްޔަކަށް ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ޓެސްޓުތައް ހަދަން ދިނީ 10 ދުވަހެވެ. އެ މުއްދަތުގައި އޮޕަރޭޝަން ނުކުރެވިގެން އިތުރުކޮށްދިން 10 ދުވަސް މިއަދުގެ ނިޔަލަށް ހަމަވާތީ، ކަރެކްޝަންސް އިން އެންގީ ގާސިމް އިއްޔެ މާލެ ވަޑައިގަތުމަށެވެ.

ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން މި ވަގުތު ދަތުރު ނުކުރެއްވުމަށް ސިންގަޕޫރުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ ސިންގަޕޫރު އެއާލައިންސަކަށް ނޭރުވި އެވެ. އެހެންވެ ގާސިމަށް ރާއްޖެ ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ބޭސްފަރުވާއަކަށް ވަޑައިގެން ހުންނެވި ގާސިމް ފުރާވަޑައިގަތުމަށްޓަކައި ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެން ޑޮކްޓަރުގެ ލިޔެކިޔުންތައް ސިންގަޕޫރު އެއާލައިންސަށް ދެއްކެވުމުން، އެ އެއާލައިނުން އެންގީ އެ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިނުގެންނެވޭނެ ކަމަށެވެ. ބޭސްފަރުވާ އަށް ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރައްވަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދޭން އާއިލާ އިން ވަނީ އެދިފަ އެވެ.

ގާސިމް ގާސިމްގެ ހިތުގެ އޮޕަރޭޝަން މި މަހުގެ 20 ގައި ކޮށްފައިވާ އިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.