Roadha Mihaaru
ޔާމީންގެ ފޯމު ހުށަހަޅަން މަސައްކަތް ފަށައިފި

ޔާމީންގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހެޅުމަށް މަސައްކަތް ފަށައިފި

22 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު 9:00 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

އެ އިއުލާނާއެކު ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމާއި އެ އާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަަމަށެވެ.

"ފޯމު ހުށަހަޅާ ދުވަސް މީޑިއާތަކަށް އަންގާނަން،" ހީނާ ވިދާޅުވި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މި ވަގުތު މާފުށީ ޖަލަށް ލާފައިވާ ޔާމީންގެ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ކުރަމުން އަންނަ އިރު އެ މަނިކުފާނަށް ވަނީ އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތެއް ގެއްލިފަ އެވެ.

އީސީން ކުރި އިއުލާނުގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ 7 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައިސްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅި އަދަބަށް މާފު ލިބުނުތާ ތިން އަހަރު ވާން ޖެހޭ ކަމަށެވެ.

އެ މީހަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފްގެ އަޑު އެހުންތައް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. ނަމަވެސް އިންތިހާބަށް ކައިރިވެފައި ވަނިކޮށް، ގިނަ އަޑުއެހުންތަކެއް ކެންސަލް ވުމާއި ފަނޑިޔާރުންތަކެއް ޗުއްޓީ ނެގުން ފަދަ ކަންކަމާ ހެދި ކުރިމަތިލާން ހުޅުވައިލި މުއްދަތުގެ ކުރިން އަޑުއެހުންތައް ނިންމާލެވޭނެ ކަމަކަށް ނުބެލެވެ އެވެ.

އެކަމަކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ނިންމާފައި ވަނީ އެ ޕާޓީން އަމިއްލަ އަށް ޔާމީންގެ ފޯމު ފުރައި އީސީ އަށް ހުށަހެޅުމަށެވެ. އެ ކޮމިޝަނުން ފޯމު ބަލައިނުގެންފި ނަމަ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް އެ ޕާޓީ އޮތީ ތައްޔާރަށެވެ.

ޕީޕީއެމް/ޕީއެންސީން މިއަދާ ހަމައަށް ވެސް ބުނަމުން އަންނަނީ އެ ދެ ޕާޓީގެ ތެރެއިން ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނުނިކުންނާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ތެރޭގައި އެކަމާ ބެހޭ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުން ހުއްޓަސް އެ އިން އެއްވެސް ކަމަކަށް އެ ޕާޓީގެ ލީޑަޝިޕުން އެއްބަހެއް ނުވެ އެވެ.