Roadha Mihaaru
ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި

ޕީޕީއެމްގެ އިންތިހާބީ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި

23 ޖުލައި 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު، ކެރޮން ރޮސްލާއާ ހިއްސާކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު، ކެރޮން ރޮސްލާއާ ހިއްސާކުރައްވައިފި އެވެ.

ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ހައި ކޮމިޝަނަރާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތްގޮތާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށެވެ.

ސަރުކާރުން ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކަށް ވެސް ނުފޫޒު ފޯރުވަމުންދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ ސައީދު ވަނީ އެފަދަ ނުރަނގަޅު ސިޔާސީ ކަންތައް ނިމުމަކަށް ގެނައުމަށް ވެސް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އިންތިހާބަކަށްވުމަކީ އެންމެނަށް ވެސް އެކަމުގައި ފައިދާ ބޮޑު ގޮތެވެ.

އިނގިރޭސީ ހައި ކޮމިޝަނަރާ ބައްދަލުކުރައްވައި ޕީޕީއެމުން ކަންބޮޑުވުންތައް ހިއްސާކުރިއިރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ވަކީލުން މިއަދު ޖަލަށް ވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރަން ކަރެކްޝަންސުން ހުއްދައެއް ނުދިނެވެ. އެއީ، ވަކީލުން ގެންދިޔަ ފައިލެއް ދައްކަން ދެކޮޅު ހެދުމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން އަންނަނީ މަސައްކަތް ކުރަމުން އަންނައިރު ޖަލަށް ގެންދިޔަ ފައިލުގައި ކެންޑިޑެސީއާ ގުޅޭ ލިޔުމެއް ނޯންނާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެ އެވެ. އެކަމަކު ޖަލު ހުކުމެއް ތަންފީޒު ކުރެއްވިޔަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ މަނިކުފާނުގެ ފޯމު އިލެކްޝަންސަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ.

ޔާމީންގެ އިންތިހާބީ ހައްގުތައް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުކޮށް އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިޔަސް އެ މައްސަލަ ބަލައި ނުގަންނަން ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެމަނިކުފާނުގެ އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ އެވެ.