Roadha Mihaaru
ރަފިއްޔާ "އަވަގުރާނަ" ގޮވައިގެން ފާޑުކިޔަނީ

ކެމްޕޭން ޖަލްސާއެއްގައި ރަފިއްޔާ "އަވަގުރާނަ" ގޮވައިގެން ފާޑުކިޔަނީ

09 އޯގަސްޓް 2023

ގދ. ގައްދޫގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާގައި އެމްޑީޕީގެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ދެއްކެވި ވާހަކައިގެ ތެރެއިން "އަވަގުރާނަ" ގޮވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ގދ. ގައްދޫގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާގައި އެމްޑީޕީގެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ދެއްކެވި ވާހަކައިގެ ތެރެއިން "އަވަގުރާނަ" ގޮވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެ ރަފިއްޔާ ދެއްކެވި ވާހަކައިގައި ވިދާޅުވީ މާލޭގައި ފެން ފޯއް ރުއް އިންދި ސަރުކާރެއް ފެނުނު ކަމަށެވެ. ރުއް އިންދައިގެން ލިބުނު ފައިދާއެއް ނެތް ކަމުގެ މިސާލު އޭނާ ނެންގެވީ އާއްމުކޮށް ބޭނުންކޮށް އުޅޭ އަވަގުރާނައަކުންނެވެ.

އޭނާގެ ފާޑުވިދާޅުވުން ފެއްޓެވީ ހުވަދު އަތޮޅަށް މީގެ ކުރިން އޭނާ ކުރެއްވި ދަތުރެއްގައި އެ ރަށުގެ މީހަކާ ދެކެވުނު ވާހަކައަކުންނެވެ.

އެ އަތޮޅުގެ ރަށެއްގައި ކުރީގެ ސަރުކާރަކުން އަޅާފައި ހުރި ފްލެޓުތަކެއްގެ މޮޅު ވާހަކަ އެ މީހާ ދެއްކުމުން، ރަފިއްޔާ ވިދާޅުވީ އެ ރަށުގެ ނަރުދަމާ ކޮބައިތޯ އެއްސެވި ކަމަށެވެ.

އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ނަރުދަމާ ނާޅައި ފްލެޓު އެޅި ވާހަކަ ކުރިއަށް ގެންދަވަމުން ރަފިއްޔާ ވިދާޅުވީ މާލޭގައި ފެންފޯއް ރުއް އިންދި ރައީސަކު ވެސް ރައްޔިތުންނަށް ފެނިއްޖެ ކަމަށެވެ.

އެކަމަށް ޖޯކު ޖައްސަވައި އޭނާ ފުރަތަމަ މިސާލު ނެންގެވީ ނަރުދަމާ އެޅުމާއި ކައްޓަލަ އިންދުމާ ހުރި ގުޅުމުންނެވެ.

"ކައްޓަލަ އިންދީމަ ކައްޓަލަ ފަޅާނީ އަޑިއަށޭ. ނުކުންނާނީ ބިމުން އަޑިއަށޭ. އެއެއް ނުއެއް ފެންނާނެ. އެކަމަކު ކައްޓަލައަކީ ސިއްހަތަށް ކިހާ ފައިދާއެއް ހުރި އެއްޗެއްތޯ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ އޭ؟،"

"ހަމަ އެގޮތަށް ނަރުދަމާ އެޅީމާ އެ ފައިބާނީ ތިރިއަށޭ. އެއެއް ނުއެއް ފެންނާނެ އޭ."

ރަފިއްޔާ ވިދާޅުވީ އެ ރަށުގެ ނެރުން ވަންނައިރު، ދެކޮޅުން ރާޅު ޖަހައި ފްލެޓު ބަރިއަށް ފެން ވަންނައިރު ވެސް، އެތަން ބިމުން މައްޗަށް ފެންނަން ހުންނާތީ އެ މީހާ ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.

މިއީ އޭނާ ވިދާޅުވި ގޮތުންނަމަ، ރައްޔިތުން "ގުނބޯ" ހައްދަން ކުރީގެ ސަރުކާރުންތަކުން ކޮށްފައި ހުރި ކަންކަމެވެ.

އެއާ ވިދިގެން، ފެންފޯއް ރުއްތަކުގެ ވާހަކަ އަލުން ފައްޓަވައި، ރައީސް ވެސް އިންނެވި އެ ޖަލްސާގައި އޭނާ ވިދާޅުވީ "ފެން ފޯއް ރުއްތައް އިންދީމާ..... އެރޭނީ ފައިން" ކަމަށެވެ.

އެ ވާހަކަ އާ ގުޅުވައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންނެވެ.

"ރަށްރަށަށް އަރައި ކުޑަ ކުދިންނާއި، އާއިލާއާއި، މައިން ބަފައިން ކުރިމަތީ ތިހެން އަވަގުރާނަ ގޮވާނީ އެއްވެސް ގޮތެއްފޮތެއް ނެތީމަ،" ސޯޝަލް މީޑިޔާގައި މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ އެފަދަ ވާހަކައެއް ދައްކާނީ "ލަދެއް ހަޔާތެއް ނެތީމަ" ކަމަށާއި ރަފިއްޔާ ނެންގެވި މިސާލަކީ "އަންހެނުންނަށް ވެސް ހުތުރެއް" ކަމަށެވެ.

އެ ވާހަކައަށް ފާޑުކީ އެހެން މީހަކު ބުނީ، ރަފިއްޔާގެ ވާހަކައިން ރައީސަށް ނޫނީ ކޯލިޝަނުގެ ކެމްޕޭނަށް ލިބުނު މޮޅެއް ދޭހައެއް ނުވި ކަމަށެވެ.

އަދި ރައްޔިތުން އެއްކޮށްގެން ވާހަކަ ދައްކާއިރު، ސިޔާސީ މީހުން މިއަށްވުރެ ޒިންމާދާރުވާންޖެހޭނެ ކަމަށް ބުންޏެވެ.