Roadha Mihaaru
"މި ހުސް ނޫނުގައި ފިލި ޖެއްސެވީ ރައީސް"

"މި ހުސް ނޫނުގައި ފިލި ޖެއްސެވީ ރައީސް"

15 އޯގަސްޓް 2023

ކުއްޅަވަކަށް މަޝްހޫރު ނ. ލަންދޫގެ ބަނދަރުމަތިން ރަށުތެރެއަށް އަރައިގެން އައި އިރު މަތީގައި ދަމާފައި އޮތް ބެނާއެއްގައި "ނޫނުގައި ފިލި ޖެއްސެވީ ރައީސް އިބޫ" ކަމަށް ލިޔެފައި އޮތެވެ. އެ ބެނާގެ ދަށުގައި ހުރި މީހަކު އޭގެ މާނައެއް ކަމަށް ބުނީ މި ނ. އަތޮޅަށް ކަމެއްކޮށްދެއްވީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމެވެ.

ނާޒިމް ހަސަން ނ. މާފަރުން ނާޒިމް ހަސަން

ކުއްޅަވަކަށް މަޝްހޫރު ނ. ލަންދޫގެ ބަނދަރުމަތިން ރަށުތެރެއަށް އަރައިގެން އައި އިރު މަތީގައި ދަމާފައި އޮތް ބެނާއެއްގައި "ނޫނުގައި ފިލި ޖެއްސެވީ ރައީސް އިބޫ" ކަމަށް ލިޔެފައި އޮތެވެ. އެ ބެނާގެ ދަށުގައި ހުރި މީހަކު އޭގެ މާނައެއް ކަމަށް ބުނީ މި ނ. އަތޮޅަށް ކަމެއްކޮށްދެއްވީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމެވެ.

ދެވަނަ ދައުރެއް ހޯއްދަވަން ރައީސް ކުރައްވާ ކެމްޕެއިންގައި މިދިޔަ ތިން ދުވަހު އުޅުއްވީ ނ. އަތޮޅުގަ އެވެ. އަތޮޅުގެ 13 ރަށަށް ތިން ދުވަހުގެ ތެރޭގައި ވަޑައިގެންނެވިއިރު، އެންމެ ބޮޑަށް ރަށްރަށުން އިވުނީ އެ ރަށްތައް މީގެކުރިން ބާކީވެ، އެކަހެރިވެފައިވާ ކަމުގެ ވާހަކަ އެވެ. އެކަމަކު، މި ވެރިކަމުގައި އެކަން ބަދަލުވެ އަސާސީ ހިދުމަތްތައް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

އެއްވެސް ރައީސަކަށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ތަރައްގީކޮށް ރައްޔިތުން ހެއްވާލެވިފައެއް ނެތް މި ރައީސް ނޫނިއްޔާ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް މި ރައީސްއާ މެދު ދެވަނަ ދައުރަކަށް ހޮވައިފިއްޔާ މިއަށްވުރެ މާގިނަ، މާބޮޑު ކަންތައްތަކެއް ކޮށްދޭނެކަން، އެދުނު ހުރިހާ ކަމެއް ފެށި ނުވަތަ ނިމިފައި މި ރަށަށް މި އޮތީ.

"ސާޅީސް ހަތް އަހަރު އަޅުގަނޑުގެ ހަޔާތުގައި ވެއަތުވެދިޔައިރު މި އަތޮޅު އޮތީ ބާކީކޮށް އެކަހެރިވެފައި. ބަލަމުން ދިޔައީ މިއީ ހުސް ނޫނެއްގެ ގޮތުގައި. އެކަމަކު މި ހުސް ނޫނުގައި ފިލި ޖެއްސެވީ ރައީސް އިބޫ. މިވަރުގެ ސަރުކާރެއް އަދި އަޅުގަނޑުމެން ނުދެކެން،" ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒު މުހައްމަދު ވިދާޅުވި އެވެ.

އާބާދީ ކުޑަ، އަސާސީ ހިދުމަތްތަކެއް ނެތް

މި އަތޮޅުގެ ގިނަ ރަށްތަކަކީ އާބާދީ ވަރަށް މަދު ރަށްރަށެވެ. ހާހަކަށްވުރެ މަތީގެ އާބާދީއެއް އޮތީ އެންމެ ހަތަރު ރަށުގަ އެވެ. އާބާދީގައި 200 މީހުން އުޅޭ ދެ ރަށް އެބަ އޮތެވެ. މި ވެރިކަން ފެށުނުއިރު ގިނަ ރަށްރަށުގައި ނަރުދަމާއެއް، ފެނެއް، ރަނގަޅު ފެންވަރުގެ ބަނދަރެއް ނެތެވެ. ސިއްހީ ހިދުމަތުގެ ހާލަތު ދަށެވެ.

ހާއްސަ ގޮތެއްގައި ހެނބަދޫ، މަގޫދޫ އަދި ފޮއްދޫއަކީ ވަރަށް ބޮޑަށް ބާކީވެފައި އޮތް ތިން ރަށެވެ. މީސްކޮޅު މަދު މި ރަށްރަށުގެ މީހުންގެ މާބޮޑު ޑިމާންޑުތަކެއް ނުވެސް ނެތެވެ. އެކަމަކު، އަސާސީ ހިދުމަތްތައް ފުރިހަމަ ވުމަކީ ކުރި އުއްމީދެކެވެ. އަމިއްލަ ވަޒަނުން ފައިބައިގެން އެހެން ތާކަށް ވަޒަންވެރިވާން ދާން އެ މީހުން ބޭނުމެއް ނުވެ އެވެ.

"މި ފަސްގަނޑުން ފައިބައިގެން ދާން ޖެހިދާނެ ކަމުގެ ބިރު ހީވެފައި ތިބީ. ރަށް ފަޅުވެދާނެ ކަމުގެ ބިރު ހީވެފައި. އެކަމަކު އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫން. މިއަށްވުރެ ރަނގަޅު މާހައުލެއް އަޅުގަނޑުމެންނަށް ނުލިބޭނެ،" ހެނބަދޫގެ ޒުވާނެއް ކަމަށްވާ އަހުމަދު ޝިޔާމް ބުންޏެވެ.

އެކަމަކު، މިހާރު އެއިން ކޮންމެ ރަށެއްގައި ވެސް ފެނާއި ނަރުދަމާގެ މަސައްކަތް ނިމި، ނުވަތަ ހިނގަމުންދަނީ އެވެ. ފޮއްދޫ، ހެނބަދޫ އަދި މަގޫދޫ ހިނެނޭ ގޮތަށް 33 މަޝްރޫއުއެއް ވަނީ ހިނގައިފަ އެވެ. ފޮއްދޫ ވަކިން ހާއްސަ އެވެ. ލޯކަލް ޓޫރިޒަމްގައި ކުރިއަށް ދެވޭނެ ސިފަތައް އޮތް އެ ރަށަށް މިހާރު އޮތީ މާބޮޑު އުއްމީދެކެވެ.

"އަޅުގަނޑަށް ފަސް ވެރިކަން ފެނިއްޖެ، މިފަދަ ހިދުމަތެއް އަޅުގަނޑުމެންނަށް ދިން ވެރިއަކު ނެތް އިބްރާހިމް މުހައްމަދު ސޯލިހު ނޫނިއްޔާ. އެހެންވެ ތާއިދު ކުރަނީ. އެހެންވެ މި ތަނުގައި މި ހުރީ،" ރީނދޫ ޓީޝާޓެއް ލައިގެން ބަނދަރު މަތީ ރައީސްގެ އިސްތިގުބާލުގައި ހުރެ، އިސްމާއިލް އަބްދުﷲ، 56 ބުންޏެވެ.

ތަފާތު އިހުސާސްވެއްޖެ، ރައީސްއާ މެދު އިތުބާރު

ކެމްޕެއިންގައި ރައީސް މި އަތޮޅުގެ 13 ރަށަށް ވަޑައިގެންނެވިއިރު ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދިގު ސަފުތައް ދަމާލި އެވެ. މާފަރު، ވެލިދޫ އަދި ޅޮހީގައި ބައެއް ރައްޔިތުން ރައީސްއާ ދެކޮޅަށް އަޑުއުފުލި ނަމަވެސް، އިތުރު އެހެން ރަށަކު އެ މަންޒަރެއް ނެތެވެ. ބަނދަރުމަތީ އޮތީ އެމްޑީޕީ އާއި އެމްޑީއޭގެ ދިދަތަކެވެ.

ނ. އަތޮޅުގެ ސިޔާސީ އޮއިވަރުގައި އަބަދުވެސް ގަދަ ކުލައެއްގެ ގޮތުގައި އޮތީ ކުޑަފަރިއަށް އުފަން، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އެވެ. ދެން ވާދަކުރަނީ އެމްޑީޕީންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް 1،000 ވޯޓުގެ ފަރަގަކާ އެކު މި އަތޮޅުން ކުރި ހޯދީ އެމްޑީޕީ އެވެ. މިހާރު މި ދެ ޕާޓީ އެކުވެ، ކެމްޕެއިން ކުރަމުންދާއިރު ބޮޑު ތަފާތެއް ފެންނަ ކަމަށް ރަށްރަށުން ވާހަަކަ ދެއްކި މީހުން ބުނެ އެވެ.

ސިޔާމް ވެސް ރައީސަށް ޔަގީންކަން ދެއްވާ ގޮތުން މި އަތޮޅުގެ 80 ޕަސެންޓް ވޯޓު ލިބޭނެ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް: އޭނާ ވިދާޅުވި ގޮތުގައި އެ ރަށަށް ކަންކަން ކޮށްދިނީ މި ސަރުކާރުން - ފޮޓޯ: މިހާރު

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް: އޭނާ ވިދާޅުވި ގޮތުގައި އެ ރަށަށް ކަންކަން ކޮށްދިނީ މި ސަރުކާރުން - ފޮޓޯ: މިހާރު

މިހާ ބޮޑު ޕަސެންޓެއްގެ ވޯޓަށް ޔަގީންކަން އޮތީ ހަމައެކަނި ސިޔާސީ ކުލައަށް ބަލާފައި ނޫން ކަމާއި ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރެއްގެ ބޮޑުވުމުން ކަމަށް ރަށްރަށުގެ ކައުންސިލްގެ ރައީސުން ފާހަގަކުރައްވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުންނަށް ތަފާތެއް އިހުސްސާކުރެވުނީ މި ސަރުކާރުގަ އެވެ. އެހެންވެ، ސިޔާސީ ވިސްނުމަކަށް ނުބަލާ ވެސް ރައީސަށް ވޯޓު ދޭނެ ރައްޔިތުން ގިނަ އެވެ.

"އެއްވެސް ރައީސަކަށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ތަރައްގީކޮށް ރައްޔިތުން ހެއްވާލެވިފައެއް ނެތް މި ރައީސް ނޫނިއްޔާ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް މި ރައީސްއާ މެދު ދެވަނަ ދައުރަކަށް ހޮވައިފިއްޔާ މިއަށްވުރެ މާގިނަ، މާބޮޑު ކަންތައްތަކެއް ކޮށްދޭނެކަން، އެދުނު ހުރިހާ ކަމެއް ފެށި ނުވަތަ ނިމިފައި މި ރަށަށް މި އޮތީ،" ކެނދިކުޅުދޫގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އެންމެ ބޮޑު ނަތީޖާއެއް މި އަތޮޅުން ރައީސަށް ނެރެދޭނެކަން،"

ލަންދޫ ކައުންސިލްގެ ރައީސް އަބްދުއްއަޒީޒު މުހައްމަދު ވިދާޅުވި ގޮތުގައި އާބާދީއަށް ނުބަލައި، ކުދި ރަށްތައް ވެސް ތަރައްގީ ކުރަމުން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ގިނަ މަޝްރޫއުތަކެއް ޒުވާނުންނަށް ވެސް ކުރިއަށްދާއިރު ލަންދޫ ރައްޔިތުން ތިބީ މި ސަރުކާރު ހޮވަން ކެތްމަދުވެފައި ކަމަށް ވިދާޅުވި އެވެ.

ލަންދޫ ކައުންސިލްގެ ރައީސް: އޭނާ ގަބޫލުކުރާ ގޮތުގައި މި އަތޮޅުން ރައީސަށް ބޮޑު ތާއިދެއް އޮވޭ - ފޮޓޯ: މިހާރު

ލަންދޫ ކައުންސިލްގެ ރައީސް: އޭނާ ގަބޫލުކުރާ ގޮތުގައި މި އަތޮޅުން ރައީސަށް ބޮޑު ތާއިދެއް އޮވޭ - ފޮޓޯ: މިހާރު

އެދުނު ކޮންމެ ކަމެއް ރައީސްގެ ލިސްޓަށް

މި އަތޮޅު މިލަދޫގެ އާބާދީއަކީ 800 އެވެ. ރަށުން އެދުނީ ބޮޑެތި މަގުތަކުގައި ތާރުއަޅައި ތަރައްގީކޮށްދިނުމަށެވެ. އެކަން ރައީސްގެ ލިސްޓްގައި ހިމަނައި އަންނަ ދައުރުގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. މާޅެންދޫއަށް ވެސް ހަމަ އެ ވައުދެވެ.

އާބާދީގައި 200 އޮތް މަގޫދޫން އެދުނު ގޮތަށް ޕިކްނިކް އައިލެންޑެއްގެ ވައުދު ރައީސް ވެވަޑައިގެންނެވި އެވެ. ފޮއްދޫއަށް ބަނދަރެއްގެ ވައުދެވެ. އަދި ކޮންމެ ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް އާއި މިސްކިތް އަދި އައުޓްޑޯ ޖިމެއް އަޅަން ވެސް ވައުދުވެވަޑައިގެންނެވި އެވެ.

ރިސޯޓެއްގެ ގޮތަށް ފައްކާވަމުން މިދަނީ. މިހާރު ފެން ލިބޭނެ، ނަރުދަމާ އެބަ އޮތް، ޓޫރިސްޓުން ބަލާނެ ޗެކްލިސްޓް އެ އޮތީ ފުރިހަމަވެފައި، މިއީ ރަނގަޅު މުސްތަގުބަލެއްގެ ފެށުން. -- ރައީސް

ރައީސް ވިދާޅުވާ ގޮތުން، އާބާދީ ކުޑަވުމަކީ ރައްޔިތުން އެދޭ ކަންކަން އެމަނިކުފާނު ދޫކޮށްލައްވާނެ ކަމެއް ނޫނެވެ. މި ސަރުކާރުގެ ސިޔާސަތަކީ އާބާދީއަށް ނުބަލައި، ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލާ ތަރައްގީކުރުން ކަމަށެވެ. މި ނޫން ސަރުކާރަކުން އެ ސިޔާސަތު ނުގެންގުޅޭނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ރަށެއްގެ ބަނދަރު މަތީ މީހުން ޖަމާވެފައި

ރައީސަށް މަރުހަބާ ދެންނެވުމަށް ރަށެއްގެ ބަނދަރު މަތީ މީހުން ޖަމާވެފައި

ރައީސް ވިދާޅުވީ ރާއްޖެ ކުރިނާރާ އޮތީ ވެސް ކުދި ރަށްތައް ބާކީކުރުމުގެ ސިޔާސަތު ސަރުކާރުތަކުން ގެންގުޅެފައި އޮތުމުން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންއިރު ހެނބަދޫ އަދި ފޮއްދޫ ފަދަ ރަށްތަކަކީ މީހުން ދިރިއުޅޭ ރަށްތަކެއްހެން ހީވެސް ނުވާ ކަމަށާއި ކުރީ ސަރުކާރުތަކުން ރަށްތަކާ މެދު އަމަލުކޮށްފައިވަނީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ރައީސް ވިދާޅުވާ ގޮތުގައި މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. މިހާރު ކުދި ރަށްތައް ތަރައްގީވަމުން އަންނަނީ ރިސޯޓެއްގެ ފެންވަރުގަ އެވެ.

"ރިސޯޓެއްގެ ގޮތަށް ފައްކާވަމުން މިދަނީ. މިހާރު ފެން ލިބޭނެ، ނަރުދަމާ އެބަ އޮތް، ޓޫރިސްޓުން ބަލާނެ ޗެކްލިސްޓް އެ އޮތީ ފުރިހަމަވެފައި، މިއީ ރަނގަޅު މުސްތަގުބަލެއްގެ ފެށުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެދިވަޑައިގަންނަވަނީ މި ތަރައްގީ ދަމާލަން، މި ވެރިކަން ވެސް އިތުރު ދައުރަކަށް ދަންމާލަދިނުމަށެވެ. އެ ޔަގީންކަން ނ. އަތޮޅުގެ ގިނަ ރަށްރަށުން ރައީސަށް ދިނެވެ. ދަތުރު ނިންމަވާލައްވައި، ރައީސް ވަޑައިގެންނެވީ ވަރަށް އިތުބާރާ އެކު އެވެ.

"މި އަތޮޅުން ރައީސް ބޮޑު ތަނުން ނަގާނެ. އޭގައި އެއްވެސް ޝައްކެއް ނެތް،" ޅޮހިން ވާހަކަ ދެއްކި، އުމުރުން 36 އަހަރުގެ އަބްދުﷲ ނަސީރު ބުންޏެވެ.