Roadha Mihaaru
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި

ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވެސް ލަންކާ އަތުން ބަލިވެއްޖެ

13 އޯގަސްޓް 2023

މިމަހު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު، ރާއްޖޭގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި އިއްޔެ ކުޅުނު އަންހެން ޓީމުގެ މެޗު ލަންކާ ކާމިޔާބު ކުރީ 25-19، 25-18 އަދި 25-17 އިންނެވެ.

ފުރަތަމަ ސެޓުގައި ލަންކާ އިން ތަފާތު ބޮޑުކޮށް ކުރީގައި އޮތް ނަމަވެސް ފަހު ވަގުތު ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަ ކޯށްފަ އެވެ. ދެވަނަ ސެޓުގައި ރާއްޖޭން ތިން ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. ނަމަވެސް މައްސަލަ ދިމާވީ ސެޓުގެ ވަރަށް ކުރީކޮޅު ނަރީމާ އިދުރީސް (ނަންނި) ގެ ކަކުލަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުމުންނެވެ.

މެދުކެނޑުމަކަށް ފަހު އައިމިނަތު އަރީޝާ ވެސް އަންނަނީ ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުންނެވެ.

އަންހެން ޓީމުގެ މެޗު ފެށުމުގެ ކުރިން..-- ފޮޓޯ: ލަންކާ ވޮލީބޯޅަ ފެޑެރޭޝަން

އަންހެން ޓީމުގެ މެޗު ފެށުމުގެ ކުރިން..-- ފޮޓޯ: ލަންކާ ވޮލީބޯޅަ ފެޑެރޭޝަން

ލަންކާއާ ދެކޮޅަށް ރޭ ކުޅުނު ރާއްޖޭގެ ފިރިހެން ޓީމު ބަލިވީ، 25-23، 25-21 އަދި 25-18 އިންނެވެ.

ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ހަ އަހަރު ފަހުން ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުން އަންނައިރު، އަލީ އާމިރު (ދިގު އައްޔަ) ވެސް ޓީމުގައި ހިމެނެ އެވެ. އަދި ބީޗް ވޮލީއަށް ހާއްސަ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި ޝަމާއިލް ހުސައިން ވެސް ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން ކުޅެފައި ވެއެވެ.

އަންހެން އަދި ފިރިހެން ޓީމުން ވެސް އައިއޯއައިޖީ އަށް ދިޔުމުގެ ކުރިން މާލޭގައި ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަންހެން ޓީމުގެ ދެވަނަ މެޗު މިރޭ 8:30 ގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، ފިރިހެން ޓީމުގެ ދެވަނަ މެޗު ކުޅޭނީ މާދަމާރޭ 8:30 ގައެވެ.