Roadha Mihaaru
ކާޑެއްދޫ އެއާޕޯޓް އަތުލުން މަޑުޖައްސާލަން އަމުރުކޮށްފި

ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނި އަތުން ނެގުން މަޑުޖައްސާލަން ކޯޓުން އަމުރު ކޮށްފި

01 ފެބުރުއަރީ 2017

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ އަށް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ އަށް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓްގެ ހިންގުން 50 އަހަރަށް ދީފައި ވަނިކޮށް އެތަނުގެ އެއްބަސްވުން ސަރުކާރުން މިދިޔަ މަހު ބާތިލްކުރީ އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެވެ. އެ ތަނުގެ ބައެއް ކަންކަން ހުރީ ސިވިލް އޭވިއޭޝަންގެ މިންގަނޑާ ޚިލާފަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލަން ކޯޓުން އަމުރުކުރީ އެއްބަސްވުން އުވައިލީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ވިލާ އިން ކޯޓަށް ހުށަހެޅުމުންނެވެ.

ގާޒީ މުހައްމަދު ހަލީމް ނެރުއްވި އަމުރުގައި ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވަނީ އެ އެއްބަސްވުން އުވައިލި އުވައިލުމާ މެދު ކޯޓުން ގޮތެއް ނިންމަންދެން އެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުން ކާޑެއްދޫ އެއާޕޯޓް އަތުލީ އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށެވެ. އެގޮތުން އިތުރު 2.8 ހެކްޓަރު ހިއްކަން ނިންމައި، އިތުރު 200 މިލިއަން ޑޮޮލަރު އެ ތަނަށް އިންވެސްޓްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ގާސިމަށް ސަރުކާރުން ދިން ބައެއް ރަށްތަކާއި ފަޅުތައް 2015 ގައި އަތުލައި، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދައްކަން ދައުލަތުން އެންގި އެވެ. އެކަމަކު އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން އެ ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ އެއްކޮޅަށެވެ.