Roadha Mihaaru
ކާޑެއްދޫ އެއާޕޯޓް ނެގުން ހުއްޓުވަން ކުރި އަމުރު ބާތިލް

ކާޑެއްދޫ އެއާޕޯޓް އަތުލުން މަޑުޖައްސާލަން ނެރުނު އަމުރު ބާތިލްކޮށްފި

23 ފެބުރުއަރީ 2017

ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން އަތުލުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން އަތުލުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެތަން އަތުލަން ސަރުކާރުން މިދިޔަ މަހު ނިންމީ އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެވެ. އެކަމަކު އެ މައްސަލަ ވިލާއިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން އަމުރުކުރީ މައްސަލަ ނިމެންދެން، ސަރުކާރުގެ އެ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށެވެ.

ސިވިލް ކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ހައި ކޯޓުން ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް އެ މައްސަލަ ބެލި ތިން ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ. އެހެންވެ އެ އަމުރު ބާތިލްކުރީ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ވަގުތީ އަމުރެއް ނުނެރެފި ނަމަ ވިލާ އެއާ އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނާ ގެއްލުމަކީ ފައިސާ އިން އަގު ކުރެވިދާނެ ފަދަ ގެއްލުންތަކެއް ކަމަށާއި މައްސަލަ ނިމޭ ގޮތަކުން އެފަދަ ގެއްލުމެއް ވިލާއަށް ލިބިއްޖެ ނަމަ އެ ބަދަލެއް ދޭން ދައުލަތުން ތައްޔާރަށް ތިބި ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ.

އެއާޕޯޓްގެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ކަންކަން ވިލާ އިން ފުރިހަމަ ނުކުރާތީ ކަމަށާއި އެއީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ދައުލަތުން ބުނާއިރު އެ ވާހަކަތަކަށް ވިލާ އެއާ އިން އިންކާރު ނުކުރާ ކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ހުށަހެޅިފައިވާ ކަންތައްތަކަށް ބަލާއިރު މި މައްސަލާގައި ވަގުތީ އަމުރެއް ނެރެއްވުމުގައި ހިމާޔަތް ކުރެވޭ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ މަސްލަހަތަށް ވުރެ، އެ އަމުރު ނުނެރުމުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑު..." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އިސް ފަނޑިޔާރު އަބްދުﷲ އިތުރުން އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓް ނެގީ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް އޮތުމުން ކަމަށާއި އެހެންވެ، އެތަން އަތުލުން މަޑުޖައްސާލުމަކީ އެއާޕޯޓް ބޭނުންކުރާ މީހުންނަށް އޮތް ނުރައްކަލެއް ކަމަށެވެ.

ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ގޮތުން ކާޑެއްދޫ އެއާޕޯޓް އަތުލީ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށެވެ.