Roadha Mihaaru
އެއާޕޯޓް ނެގުން ހުއްޓުވުމުން ނުރައްކާވެދާނެ: ދައުލަތް

ކާޑެއްދޫ އެއާޕޯޓް އަތުލުން ހުއްޓުވުމަކީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް: ދައުލަތް

07 ފެބުރުއަރީ 2017

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގި ވިލާ ކުންފުނި ދައުލަތަށް ނެގުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރަކީ އެއާޕޯޓް ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދައުލަތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގި ވިލާ ކުންފުނި ދައުލަތަށް ނެގުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރަކީ އެއާޕޯޓް ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދައުލަތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި އޮއްވައި މިދިޔަ މަހު ސަރުކާރުން ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ވިލާއިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެފަ އެވެ.

ވަގުތީ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެއާޕޯޓް އަތުލަން ސަރުކާރުން ނިންމީ އެތަން ސަލާމަތީ މިންގަނޑުތަކަށް ނުފެތޭތީ ކަމަށާއި އެކަންކަމަކީ އެއާޕޯޓް ބޭނުންކުރާ އާންމުންގެ ސަލާމަތާ ގުޅުންހުރި ކަންކަން ކަމަށެވެ. އަދި އެތަނަކީ އާންމު ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ތަނެއްކަން ވަކީލް ފާހަގަކުރި އެވެ.

އެ އެއާޕޯޓްގައި ސަލާމަތީ މައްސަލަތަކެއް ހުރިކަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކުރި ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެކަންކަން އެގޮތަށް ހުއްޓާ އެތަން އަތުލުން މަޑުޖައްސާލަން އެންގުމަކީ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ވަކީލް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ނުރައްކާތެެރި ހާދިސާއެއް ހިނގައިފި ނަމަ އެއީ އިއާދަ ނުކުރެވޭނެ ގެއްލުމަކަށް ވާނެ ކަމަށެވެ.

ވަކީލް ވިދާޅުވީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން ވިލާއަށް ގެއްލުމެއް ލިބުނަސް ލިބޭނީ މާލީ ގެއްލުންތަކެއް ކަމަށާއި އެއީ އަގުކޮށްގެން ބަދަލު ދެވިދާނެ ގެއްލުންތަކެއް ކަމަށެވެ. އެކަމަކު ހާދިސާއެއް ހިނގައިގެން އާންމުންގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ އިއާދަ ނުކުރެވޭނެ ގެއްލުންތަކަކަށް ވާނެ ކަމަށާއި އެފަދަ ހާދިސާއެއް ހިނގައިފި ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ދައުލަތުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އެއާޕޯޓުގައި ސަލާމަތީ މައްސަލަތަކެއް ހުރި ކަމަށް ސިވިލް އޭވިއޭޝަނަށް ފާހަގަ ކުރެވުނުއިރު އެކަންކަން އިސްލާހު ކުރަން ކުރިން ފިޔަވަޅު އެޅުމެއް ނެތި، މުޅި އެއްބަސްވުން ބާތިލްކުރީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރިމަތި ކުރެއްވި

ވަގުތީ އަމުރެއް ނެރޭ ނަމަ އަމުރު ރައްދުވާ ފަރާތުގެ މަސްލަހަތަށް ވެސް ބަލަންޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަން ފާހަގަ ކުރައްވައި، ވަކީލް ވިދާޅުވި ގޮތުގައި އެ އަމުރު ނުނެރުނު ނަމަ ވިލާއަށް ލިބޭނެ ގެއްލުމަށް ވުރެ، އެ އަމުރު ނެރެގެން ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ. އެއީ އެތައް ބައެއްގެ ފުރާނަ އާއި ސަލާމަތާ ގުޅުންހުރި ކަމަކަށް ވުމުން ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ވިލާގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކޮށްފައިވަނީ އެއާޕޯޓް ހިންގުން ހުއްޓާލަންޖެހޭ ފަދަ ސީރިއަސް މައްސަލަތަކެއް ނޫން ކަމަށެވެ. އެއީ އެވަރުގެ ސީރިއަސް މައްސަލަތަކެއް ނަމަ މިދިޔަ ނޮވެމްބަރު މަހު އެ އޮތޯރިޓީން ހެދި އިންސްޕެކްޝަނަށް ފަހު، އެއާޕޯޓް ބަންދުކުރަން އެ އޮތޯރިޓީން އެންގީސް ކަމަށް ހުސްނީ ވިދާޅުވި އެވެ.

އެ އޮތޯރިޓީން އެންގި ކަންކަން ވިލާ އިން ދިޔައީ އިސްލާހު ކުރަމުން ކަމަށާއި އޭގެފަހުން އެތަނުގެ ލައިސަންސް ވެސް އެ އޮތޯރިޓީން އާކޮށްދީފައިވާ ކަމަށް ހުސްނީ ވިދާޅުވި އެވެ. ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ކަންކަން ރެގިއުލޭޓްކުރާ ސިވިލް އޭވިއޭޝަން އޮތޯރިޓީން، އެ އެއާޕޯޓް ހުއްޓާލަން ޖެހޭ ފަދަ ސީރިއަސް މައްސަލައެއް އެތަނުގައި ނެތް ކަމަށް ނިންމާފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން އެތަނުގެ އެއްބަސްވުން ބާތިލް ކުރި ސަބަބާ މެދު އޭނާ ސުވާލު އުފެއްދި އެވެ.

ހުސްނީ ވިދާޅުވި ގޮތުގައި ވަގުތީ އަމުރު ނުނެރެފި ނަމަ ވިލާއަށް ލިބޭނީ ހަމައެކަނި މާލީ ގެއްލުންތަކެއް ނޫން ކަމަށާއި ވިޔަފާރީގެ އިތުބާރު ގެއްލި، ވިލާ ކުންފުންޏަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި އެއާޕޯޓްގައި މަސައްކަތްކުރާ 100 އެއްހާ މުވައްޒަފުންގެ ވަޒީފާއަށް އެކަމުން ހުރަސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވީ ސިވިލް އޭވިއޭޝަނުން ފާހަގަކުރި ކަންކަން ރަނގަޅު ކުރާނެ ގޮތުގެ ޓައިމްލައިނެއް ވިލާ އިން ސަރުކާރަށް ފޮނުވި ކަމަށާއި ކަންކަން އިސްލާހު ކުރަމުން އައިސްފައިވާ ކަމަށެވެ. ސަލާމަތީ ގޮތުން ކުދި މައްސަލަތަކެއް ހުއްޓާ މުޅި އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓުގައި ސަލާމަތީ މައްސަލަތަކެއް ހުރި ކަމަށް ސިވިލް އޭވިއޭޝަނަށް ފާހަގަ ކުރެވުނުއިރު އެކަންކަން އިސްލާހު ކުރަން ކުރިން ފިޔަވަޅު އެޅުމެއް ނެތި، މުޅި އެއްބަސްވުން ބާތިލްކުރީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރިމަތި ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ސިވިލް އޭވިއޭޝަނުން ފިޔަވަޅު ނޭޅީ ކީއްވެގެން ކަން ސާފުނުވާ ކަމަށާއި އެކަމަކު އެތަނުން ފިޔަވަޅު ނާޅައި، އޮތުމަކީ އެ އެއްބަސްވުން ބާތިލްކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ހަދާފައި އޮތީ ޓޫރިޒަމް މިނިސްޓްރީއާ އެކު ކަން ދައުލަތުން ފާހަގަކުރި އެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ.

ވިލާގެ ޗެއާމަން ގާސިމް ވިދާޅުވެފައިވާ ގޮތުން އެއާޕޯޓް އަތުލީ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށެވެ.