Roadha Mihaaru
ކާޑެއްދޫ އެއާޕޯޓް އަތުލުން ހުއްޓުވުމުން އިސްތިއުނާފަށް

ކާޑެއްދޫ އެއާޕޯޓް އަތުލުން ކޯޓުން ހުއްޓުވި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި

01 ފެބުރުއަރީ 2017

ގދ. ކާޑެއްދޫ އެއާޕޯޓް، ވިލާ ކުންފުނި އަތުން ނެގުން މަޑުޖައްސައިލަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ކާޑެއްދޫ އެއާޕޯޓް، ވިލާ ކުންފުނި އަތުން ނެގުން މަޑުޖައްސައިލަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރަށް ކާޑެއްދޫ އެއާޕޯޓް ހިންގަން ދީފައި ވަނިކޮށް މިދިޔަ މަހު ސަރުކާރުން އެއްބަސްވުން ބާތިލްކުރީ، ވިލާއިން އެއްބަސްވުމާ ޚިލާފަށް އަމަލުކުރި ކަމަށް ބުނެ އެވެ. އެއްބަސްވުން ބާތިލްކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ރޭ އެންގީ އެ މައްސަލަ ނިމެންދެން އެއާޕޯޓް އަތުލުން މަޑުޖައްސާލުމަށެވެ.

ކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފް ކުރަން ނިންމާފައިވާ ކަން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަށަވަރުކޮށް ދެއްވި އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފަށް އަދި ހުށަހެއްނާޅަ އެވެ.

ކާޑެއްދޫ އެއާޕޯޓް އަތުލީ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށް ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ކަންކަން ވިލާ އިން ފުރިހަމަ ނުކުރާތީ އެއްބަސްވުން ބާތިލްކުރީ ކަމަށެވެ.

މީގެ ކުރިން 2015 ގައި ސަރުކާރުން ވަނީ ވިލާ އަށް ދޫކުރި ފަޅުތަކާއި ރަށްތަކެއްގެ އެއްބަސްވުން ވެސް ބާތިލްކޮށްފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ އެއްކޮޅަށެވެ.