23 އޮކްޓޯބަރ 2016
ހިއްސާގެ ބާޒާރު ބަލަހައްޓާ ކުންފުނީގެ ޗެއާމަނަކަށް އެލިއާ އިންވެސްޓްމަންޓްސްގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އައްޔަންކޮށްފި އެވެ.
ހިއްސާގެ ބާޒާރު ބަލަހައްޓާ ކުންފުނީގެ ޗެއާމަނަކަށް އެލިއާ އިންވެސްޓްމަންޓްސްގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އައްޔަންކޮށްފި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމުގައި ހުންނެވި މުހައްމަދު މާނިހް އަހުމަދު ވަނީ މި މަހުގެ ފަހެއްގައި އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެކަމަކު، އޭނާ އަދިވެސް ބޯޑުގައި އިންނަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މޫކައި ހޮޓަލާއި ސަމާ އައިލެންޑް ފަދަ ރިސޯޓުތައް ހިންގާ ކައިމޫ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ މާނިހްގެ ބަދަލުގައި ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ އަލާއު އެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށް އެލިއާގެ މެނޭޖިން ޑިރެކްޓަރެވެ.
"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް މުއްދަތުގައި އެމްއެސްއީ އާއި އެމްއެސްޑީ އަދި ސީއެމްޑީއޭ، ސީއެމްޑީއޭ އަދި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އެދެވިގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވި، އަދަށް ވުރެ ފަހި މުސްތަގުބަލަކާ އެކު އާ އުސްމިންތަކަކަށް ވާސިލްވުން،" އަލާއު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ސްޓޮކް އެކްސޭންޖުގެ ޑިރެކްޓަރުންގެ ބޯޑުގައި އަލާއު އާއި މާނިހްގެ އިތުރުން ފަސް ބޭފުޅަކު ތިއްބަވަ އެވެ. އެއީ އެ ތަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަސަން މަނިކުގެ އިތުރުން، ޑިރެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިލްޔާސް ހަނީފާއި މުހައްމަދު ޖައިޝް އިބްރާހީމާއި މުހައްމަދު ނިޒާމެވެ. މީގެެ އިތުރުން، ކޮމްޕެނީ ސެކްރެޓަރީގެ ގޮތުގައި އިބްރާހިމް ވަހީދު އިންނަވަ އެވެ.
ސްޓޮކް އެކްސްޗޭންޖުގައި މިހާރު 10 ކުންފުންޏެއް ލިސްޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިޔަސް، އަމިއްލަ ކުންފުނިތަކުން ލިސްޓުކުރާ މިންވަރު ވަނީ މި ފަހުން އިތުރުވެފަ އެވެ. އެ ގޮތުން، ޝިޕިން އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވާ ސެންޗޫރިއަން އާއި މުވާސަލާތީ ހިދުމަތް ދޭ އުރީދޫން ވަނީ ލިސްޓުކޮށްފަ އެވެ. ސެންޗޫރިއަން އިން ހިއްސާ ވިއްކަން ފަށާފައި ވާއިރު، އުރީދޫން ހިއްސާ ވިއްކާނީ އަންނަ އަހަރުގެ ކުރީކޮޅެވެ.
އެމްޓީސީސީން އެމްއެސްޑީއާ އެކު އެއްބަސްވުމެއް
ސެންޗޫރިއަންގެ ހިއްސާ ވިއްކުން ނިންމާލައިފި
ސެންޗޫރިއަންގެ ހިއްސާ ވިއްކައިދޭ ބޭންކަކަށް ބީއެެމްއެލް
ފެށީ 10,000ރ. އިން، މިހާރު މިލިއަނުން ފައިދާ
ސްޓޮކް އެކްސްޗޭންޖުން 2.3 ބިލިއަން ކުންފުނިތަކަށް!
ސީއެމްޑީއޭ އިން މޮބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށްފި
ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އިސްތިއުފާ ދެއްވަނީ
ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިސްރާބު
ޕޯޓަލް މެދުވެރިކޮށް 17 މިލިއަންގެ މުއާމަލާތް ކޮށްފި
ހިއްސާގެ ބާޒާރު ތަރައްގީ ކުރަން ބޫޓާނާ މަޝްވަރާކޮށްފި