Roadha Mihaaru
ސައޫދީ އެމްބަސީއެއް ގުދުސްގައި ނުހެދޭނެ: އިޒްރޭލު

ސައޫދީ އެމްބަސީއެއް ގުދުސްގައި ނުހެދޭނެ: އިޒްރޭލު

14 އޯގަސްޓް 2023

ސައޫދީ އަރަބިއްޔާ އިން ފަލަސްތީނަށް ސަފީރެއް ކަނޑައެޅިޔަސް، ގުދުސްގައި ސައޫދީ އަރަބިއްޔާގެ އެމްބަސީއެއް އަދި ޑިޕްލޮމެޓިކް އެއްވެސް އިދާރާއެއް ނުހެދޭނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

ސައޫދީ އަރަބިއްޔާ އިން ފަލަސްތީނަށް ސަފީރެއް ކަނޑައެޅިޔަސް، ގުދުސްގައި ސައޫދީ އަރަބިއްޔާގެ އެމްބަސީއެއް އަދި ޑިޕްލޮމެޓިކް އެއްވެސް އިދާރާއެއް ނުހެދޭނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެން ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާ އިން ފަލަސްތީނަށް ކަނޑައެޅި ސަފީރު ނާޔިފް ބިން އައް ސުދައިރީ ހުޅަނގު އައްސޭރި އަށް ވަޑައިގެން، ފަލަސްތީނުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ގުދުސްގައި ސައޫދީގެ އޮފީހެއް ނުވަތަ އިދާރާއެއް ހަދައިގެން ޑިޕްލޮމެޓިކް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައޫދީ ސަރުކާރުން ނާޔިފް ބިން އައްސުދައިރީ ފަލަސްތީނަށް ކަނޑައެޅީ ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގަ އެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރައްވާނީ، ޖޯޑްންގެ ވެރިރަށް އަންމާންގައި ހުންނަ ސައޫދީ އެމްބަސީގަ އެވެ.

ފަލަސްތީނާއި ސައޫދީއާ ގުޅޭ ކަންކަން ސައޫދީ ސަރުކާރުން މީގެ ކުރިން ވެސް ބަލަހައްޓަމުން އައީ އަންމާންގައި ހުންނަ ސައޫދީ އެމްބަސީންނެވެ. އަދި ސައޫދީ ސަރުކާރުން ފަލަސްތީނަށް ސަފީރެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ.

ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ގޮތުގައި ފަލަސްތީނުން މާ ކުރިއްސުރެ އިއުލާން ކޮށްފައި ވަނިކޮށް، އިޒްރޭލުން އެ ސަހަރަށް ވެރިވެގަނެ، އެ ބިން ހިފައިގެން އޮންނަތާ ވެސް މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ގުދުސްގެ އިރުމަތީ ފަޅީގައި ނުވަތަ އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ޑިޕްލޮމެޓިކް އެއްވެސް ހަރަކާތެއް ހިންގުން މަނާކޮށް، އިޒްރޭލުގެ ވެރިރަށް ކަމަށް އިޒްރޭލުން އަމިއްލަ އަށް ކަނޑައަޅާފައިވަނިކޮށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާ އިން ވަނީ އެކަން ގަބޫލުކޮށްފަ އެވެ.

ނަމަވެސް ދުނިޔޭގެ އެހެން ބޮޑު ބާރަކުން އިޒްރޭލުގެ އެ ނިންމުން މިހާތަނަށް ބަލައެއް ނުގަނެ އެވެ.

ސައޫދީ އަރަބިއްޔާ އިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް ކަނޑައަޅައި އެކަން ރަސްމީކޮށް ފަލަސްތީނު ސަރުކާރަށް އެންގީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ސައޫދީ ސަރުކާރުން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރަކީ ޖޯޑްންގައި ހުންނަވާ ސައޫދީ ސަފީރު ނާޔިފް ބިން ބަންދަރު އައްސުދައިރީ އެވެ.

ސަފީރެއްގެ ގޮތުގައި އައްޔަންކުރެއްވުމާ ގުޅިގެން، ނާޔިފް ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ މުޝީރު މާޖިދު އަލް ޚާލިދީއާ، ޖޯޑްންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި ބައްދަލު ކުރައްވައި އެކަން ފަލަސްތީނު ސަރުކާރަށް އަންގައިފަ އެވެ. ނަމަވެސް، ރަސްމީ ގޮތުން ސަފީރުކަމުގެ ފަތްކޮޅު، ރައީސް މަހުމޫދު އައްބާސް އަށް އެރުވުން އޮންނާނީ، ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުންނަ ފަލަސްތީނުގެ ރައީސް އޮފީހުގަ އެވެ.