Roadha Mihaaru
މުއިއްޒު ވައުދުވާއިރު ދިން ގޯތިތައް އަތުލީ: ރައީސް

ގޯތި ހަދައިދޭން މުއިއްޒު ވައުދުވާއިރު ދިން ގޯތިތައް ވެސް އޮތީ އަތުލާފައި: ރައީސް

21 އޯގަސްޓް 2023

މި ސަރުކާރުން ގުޅިފަޅުން ދޭ ގޯތިތައް ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާއިރު އޭނާ ހައުސިން މިނިސްޓަރުކަން ކުރެއްވި ސަރުކާރުން އޮތީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތައް ވެސް އަތުލާފައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުއިއްޒަށް މިއަދު ރައްދުދެއްވައިފި އެވެ.

އާސިމާ ނިޒާރު ބ. ފެހެންދޫން އާސިމާ ނިޒާރު

މި ސަރުކާރުން ގުޅިފަޅުން ދޭ ގޯތިތައް ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާއިރު އޭނާ ހައުސިން މިނިސްޓަރުކަން ކުރެއްވި ސަރުކާރުން އޮތީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތައް ވެސް އަތުލާފައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުއިއްޒަށް މިއަދު ރައްދުދެއްވައިފި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، ރާއްޖޭގެ އާބާދީ އެންމެ ކުދި ރަށްރަށުގެ ތެރޭގައި ހިމެނޭ ފެހެންދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. ރައީސް މުއިއްޒަކީ އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓަރުކަން ކުރެއްވި ވަޒީރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ފައްޓަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު ހައުސިން މިނިސްޓަރުކަމުގައި ހަތް އަހަރު ހުންނަވައިގެން ކުރެއްވީ ކީއްތޯ އެއްސެވި އެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގައި ދެން ވާދަކުރައްވާ ބޭފުޅުންގެ މާ ބޮޑު ވިސްނުންތަކެއް ނެތް ކަމަށެވެ.

އެ ބޭފުޅުން ބޭނުންވަނީ އަމިއްލަ ފައިދާ ނެރެ، އިންތިހާބުގައި ކުރި ހޯއްދަވާ ބޭފުޅަކާ އެކު ކޯލިޝަން ހަދައި ސަރުކާރުގެ ތެރެއިން ވަޒީފާ ހޯދުން ކަމަށް ވެސް ވިދާޅުވި އެވެ.

ބަލަ މިއޮއްހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ...ނުކުމެ ވަޑައިގެން މި ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދޭނެ ކަމަށް: ރައީސް

އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ އެ ބޭފުޅުން ކުޑަކޮށް ވެސް ވިސްނަންޖެހޭނީ ޕީއެންސީއަށް ކަމަށެވެ. މި ސަރުކާރުން ކޮށްދީފައިވާ ކަންކަން، އެ ޕާޓީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާނެ ކަމަށް އިއުލާނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ސްކޫލު ބޮޑު ޗުއްޓީ ބަދަލުކުރުމެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސްކޫލުގެ ބޮޑު ޗުއްޓީ އަހަރުގެ މެދު ތެރެއަށް ބަދަލުކުރީ ގިނަ ބައެއްގެ މަޝްވަރާއާ އެކު ކަމަށެވެ. އެކަމަކު، ކުރީގައި އޮތް ގޮތަށް ޑިސެމްބަރު މަހަށް އެ ޗުއްޓީ ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެ، އެ ވިސްނުން ބަދަލުކުރެއްވިކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، އޭނާގެ ވެރިކަމުގައި ރަށްރަށުގެ އަސާސީ ހިދުމަތްތައް ބަރާބަރަށް ފުރިހަމަކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވުމުން، އެކަމަށް ވެސް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ.

"ބަލަ މިއޮއްހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ...ނުކުމެ ވަޑައިގެން މި ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދޭނެ ކަމަށް. ބަލަ ނުފެނޭތޯ މި ރަށުގައި ފެނާއި ނަރުދަމާ އެޅި ތަނެއް؟ ކަރަންޓު ހިދުމަތް ނުލިބިގެން ޓީވީތަކާއި އައިސްއަލަމާރިތަކާއި އެއާކޮންޑިޝަންތައް ފުނޑުފުނޑުވެގެން ދިޔަތަން؟" ރައީސް ސުވާލުކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ސަޕޯޓަރުންގެ ބަޔަކާ ސަލާންކުރައްވަނީ -- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ސަޕޯޓަރުންގެ ބަޔަކާ ސަލާންކުރައްވަނީ -- ފޮޓޯ: އެމްޑީޕީ

މި ސަރުކާރުން ގުޅިފަޅުން ދިން ގޯތިތައް ހަދައިދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ތަނުން ދިން ގޯތިތައް ޕީޕީއެމްގެ ސަރުކާރުން އަތުލާފައި ވާތީ ވެސް ރައީސް ފާޑުވިދާޅުވި އެވެ.

"ކީއްތޯ ކުރެއްވީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން، އެ ތަނުން ކުރީ ސަރުކާރުން ދީފައި ހުރި ގޯތިތައް ނެގީ. ބަދަލެއް ވެސް ދިނީކީ ނޫން. އޭރު އަޅުގަނޑުމެން އެމްޑީޕީ ސަރުކާރުގައި އެތަން ހިއްކީ ބަޔަކަށް ކޮންޓްރެކްޓް ހަދައިގެން. އެ މީހުންނަށް ދެން އޮތް ލާރި ވެސް ނުދޭ. އޭރު ދޫކޮށްފައި ހުރި ފްލެޓުތައް ވެސް އަނބުރާ ނެގީ."

"އަޅުގަނޑުމެންނަށް ޖެހުނީ އެ މީހުންނަށް ބަދަލު ދޭން. މިއަދު އެ ވިދާޅުވަނީ އަނެއްކާ ވެސް ތިމަންނަ އެ ތަނުގައި ގެ އަޅައިދޭނަމޭ. ކިހިނެއްތޯ ގަބޫލުކުރާނީ؟."

މުއިއްޒު ވަނީ އޭނާގެ ހައުސިން މެނިފެސްޓޯ ރޭ ލޯންޗުކުރައްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގައި "އެއްގޮތަކަށް ވެސް ތާކުންތާކު" ޖެހޭ އެއްޗެއް ނެތެވެ.

"ގަބޫލު ނުކުރައްވައްޗޭ، ގަބޫލު ނުކުރައްވައްޗޭ ދެން ހުރި ޕާޓީތަކުގެ ވާހަކަތައް އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، ކުރިއަށް އޮތް ދައުރުގެ ތެރޭގައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ވެސް ރައްޔިތުންނަށް ހެޔޮ ހިތުން ކަމެއް ކޮށްދޭނެ ޕާޓީއަކީ ގުޅިފައިވާ މި ކޯލިޝަނުން." ރައީސް ވިދާޅުވި އެވެ.

އެ މެނިފެސްޓޯގައި، ގެދޮރު އެޅުމަށް ހައުސިން ބޭންކު ފެށުމަށް ހިމަނާފައިވެ އެވެ. ރައީސް ވިދާޅުވީ އެ ޕާޓީން އެކަން އިއުލާނުކޮށްފައިވާ ކަމަށެވެ.

ފެހެންދުއަށް ރައީސްގެ ވައުދުތައް

- ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކް ހެދުން

- ޑިންގީތައް އަޅަން ފްލޯޓިން ޖެޓީ ހެދުން

- ކުޑަކުދިންގެ ޕާކެއް ހެދުން

- ސިއްހީ މަރުކަޒުގެ ވަގުތު އިތުރުކޮށް، ލެބޯޓްރީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން

- ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ރޯހައުސް އެޅުން

- ފެހެންދޫ ސްކޫލުގެ ދަރިވަރުން ކިޔަވާ ސެޓްލައިޓް ސްކޫލު، މި ރަށުން މެނޭޖްކުރާ ތަނަކަށް ބަދަލުކުރުން

- ކޮމިއުނިޓީ ސެންޓަރެއް ހެދުން