Roadha Mihaaru
ސިއްހީ ހިދުމަތް ރަނގަޅުކޮށް އިސްލާމީ މަރުކަޒުގެ ވައުދު

އޭދަފުއްޓަށް ރައީސްގެ ވައުދު: ސިއްހީ ހިދުމަތް ރަނގަޅުކޮށް އިސްލާމީ މަރުކަޒެއް

21 އޯގަސްޓް 2023

ބ. އޭދަފުށީ ހޮސްޕިޓަލްގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ބ. އޭދަފުށިން އާސިމާ ނިޒާރު

ބ. އޭދަފުށީ ހޮސްޕިޓަލްގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މާޅޮސްމަޑުލަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، މި އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުށީ ބަނދަރުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރަށުގެ މަގުތައް ހަދަން ކިރިޔާ ފެށީ ކަމަށެވެ. އެހެންވެ، އެކަން ކުރިއަށްގެންދެން ޖެހުނީ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ރަށުގެ ހުރިހާ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރެއް ހަދައިދޭނެ ކަމަށް، ކެމްޕެއިނަށް ވަޑައިގެންނެވި 93 ވަނަ ރަށުގައި ރައީސް ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ރަނގަޅުކުރުމަކީ ރައްޔިތުން އެދުނު ގޮތެއް ކަމަށާއި އެކަން ހާސިލްކުރުމަށް ހޮސްޕިޓަލް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އިތުރު ވަސީލަތްތަކާއެކު އެ ތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިނުމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް އޭދަފުއްޓަށް ވަޑައިގަތް، ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް އޭދަފުއްޓަށް ވަޑައިގަތް، ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

މި ރަށުގައި މިހާރު ހަދާފައިވާ ބަނދަރު ކުޑަވުމުން، އެ ޝަކުވާ ކުރާކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ބަނދަރު މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަށުގެ ހުޅަނގު ފަރާތުގައި އާ ބަނދަރެއް ހަދައި، މީހުން މޫދަށް އެރޭ ސަރަހައްދެއް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

އޭދަފުއްޓަކީ އަބަދު ވެސް ކުޅިވަރުގެ ރަށެކެވެ. ހާއްސަކޮށް ކުޅިވަރުގައި ރާއްޖޭގައި ވަރުގަދަ ރަށެކެވެ. ރައީސް ވިދާޅުވީ ތަފާތު ކުޅިވަރުތައް ކުޅޭނެ ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމްކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދީނީ އިލްމު އުނގެނުމުގައި ވެސް އޭދަފުއްޓަކީ ރަނގަޅު ރަށެއް ކަމަށެވެ. އެ އިލްމުން ކުރިއަށް ދާން ބޭނުންވެފައި ތިބި އެތައް ބަޔަކު އެތައް ބަޔަކު އެބަތިބި ކަމަށާއި އެ މީހުންނަށް ފުރުސަތު ދިނުމަށް އިސްލާމީ މަރުކަޒެއް ބިނާކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.