Roadha Mihaaru
ކެމްޕެއިނަށް ކައުންސިލުން ތަނެއް ނުދިން މަައްސަލައެއް!

އެމްޑީޕީގެ ކެމްޕެއިން ޖަލްސާއަކަށް ސިޓީ ކައުންސިލުން ހުއްދަ ނުދިން މައްސަލައެއް!

22 އޯގަސްޓް 2023

އެމްޑީޕީން ބާއްވަން އުޅޭ ކެމްޕެއިން ހަރަކާތަކަށް ތަނެއް ދޫކޮށްދިނުމަށް އެތައް ފަހަރަކު އެދުމުން ވެސް މާލޭ ސިޓީ ކައުންސިލުން އެކަން ނުކޮށްދިން މައްސަލައެއް އެ ޕާޓީން މިއަދު ފެންމަތިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެމްޑީޕީން ބާއްވަން އުޅޭ ކެމްޕެއިން ހަރަކާތަކަށް ތަނެއް ދޫކޮށްދިނުމަށް އެތައް ފަހަރަކު އެދުމުން ވެސް މާލޭ ސިޓީ ކައުންސިލުން އެކަން ނުކޮށްދިން މައްސަލައެއް އެ ޕާޓީން މިއަދު ފެންމަތިކޮށްފި އެވެ.

އެކަން މީޑިއާގެ ސަމާލުކަމަށް ގެނައީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބޭއްވި ނިއުސް ކޮންފަރެންސެއްގަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލްގެ ހުއްދަ އަށް އެދެމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެކަމަކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލުން ތަކުރާރުކޮށް އަންގާފައި ވަނީ މާރިޔާ ވިދާޅުވި ގޮތުގައި، އެ ތަނުގައި އެހެން ހަރަކާތެއް ބާއްވަން ވަނީ ރާވައިފަ އެވެ. ނަމަވެސް އެތަނުގައި ކަމެއް ނުހިނގާ ކަން އެހެން ކައުންސިލަރުންނާ ހަވާލާދީ، މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ އެއީ އިދިކޮޅު ފިކުރުގެ ސިޔާސީ ވާދަވެރި ހަރަކާތްތައް ހުއްޓުވުން ކަމަށް ސިފަކުރައްވައިފަ އެވެ.

"ފާޑެއްގެ ގޮތަކަށް މި ކަންކަން އިދިކޮޅު ހަރަކާތްތައް ހުއްޓުވާލަން. ގާނޫނުއަސާސީގައި ސިޔާސީ ވާދަވެރި ނިޒާމެއް ގެނައީ އަޅުގަނޑުމެންނަށް އޭގެއިން ރައްޔިތުންނަށް ފައިދާވާނޭ ކަންކަން ކޮށްދެވޭތީ. އެކަމަކު އެކި ގޮތްގޮތުން އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތްތައް ކުރައްވަމުން [ގެންދަނީ]،" މާރިޔާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ގެންދަނީ ސަރުކާރެއް އޮވެ، ޒިންމާދާރު ގޮތެއްގައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަންކަން ކުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ވާދަވެރިންނަށް ވެސް ފަހިކޮށްދެމުން،"--- މާރިޔާ

އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ބާރުވެރިކަން އޮންނަ ކައުންސިލަކުން އެ ގޮތަށް އަމަލު ކުރިޔަސް މި ސަރުކާރުން ގެންދަނީ އަބަދުވެސް ސިޔާސީ ހަރަކާތްތަކަށް ޖާގަ ދެމުންނެވެ. ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ 2 ގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޖަލްސާ ވެސް ބޭއްވީ އާބަންކޯ އިން ހުއްދަ ދިނުމުން ކަމަށެވެ.

"އަޅުގަނޑުމެން މި ގެންދަނީ ސަރުކާރެއް އޮވެ، ޒިންމާދާރު ގޮތެއްގައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަންކަން ކުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ވާދަވެރިންނަށް ވެސް ފަހިކޮށްދެމުން،" މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމުން އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅިޔަސް އެމްޑީޕީއަކީ ކެމްޕެއިނަށް ހުރަސް އަޅާނެ ޕާޓީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާ ނުވާ ކަމަށް މާރިޔާ މިއަދު ވިދާޅުވިއިރު، އެ ޕާޓީގެ ކެމްޕެއިން ޖަލްސާއެއް މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސޯޝަލް ސެންޓަރަކީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތަކަށް ހުއްދަ ނުދިން ކަމަށް އެ ޕާޓީން ކުރާ ތުހުމަތަށް މިހާތަނަށް ސިޓީ ކައުންސިލްގެ ބަހެއް ނުލިބެ އެވެ.