Roadha Mihaaru
މުއިއްޒު ކުރައްވާނީ ޔާމީންގެ ވެރިކަން: މާރިޔާ

މުއިއްޒު ކުރައްވާނީ ޔާމީންގެ ވެރިކަން: މާރިޔާ

30 އޯގަސްޓް 2023

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ފެންނާނީ ރައްޔިތުން ބޭނުން ނުވެގެން ބަދަލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ފެންނާނީ ރައްޔިތުން ބޭނުން ނުވެގެން ބަދަލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނުގެ ހައިސިއްޔަތުން ސިލްސިލާކޮށް ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މާރިޔާ މިއަދު ވިދާޅުވީ، އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން މި އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން ކަމަށެވެ. ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ، ކިރިޔާ ވެސް ފުރުސަތަކުން މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ކުރީގެ ވެރިކަން އިޔާދަވާނެ ކަމަށެވެ.

މާރިޔާ ތުހުމަތު ކުރެއްވި ގޮތުގައި މުއިއްޒު ވެރިކަން ކުރައްވާނީ ޔާމީންގެ ކުރެއްވިހާ ގޯސްކޮށެވެ. ގާނޫނުތައް ހައްދަވާނެ ކަމަށް ހަރުކަށި ވާހަކަތައް ކެމްޕޭންގައި ވެސް ދައްކަވަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ އެ ބޭފުޅާ [މުއިއްޒު] ކުރައްވާނީ ޔާމީންް ކުރެއްވި ވެރިކަން. އެކަމަކު ޔާމީނަށްވުރެ ވެސް ހަރުކަށިކޮށް. މިހާރު ވެސް ދައްކަމުން އެ ގެންދަނީ ގާނޫނުތައް ފާސްކުރުމުގެ ވާހަކަތައް،" އޭނާ ވިދާޅުވި އެވެ.

އެންމެ ބޮޑުު އިދިކޮޅު ޕާޓީއަކީ ޕީޕީއެމަށް ވިޔަސް މާރިޔާ ވިދާޅުވީ މުއިއްޒު އުޅުއްވަނީ ޕީއެންސީ ބޮޑުކުރަން ކަމަށެވެ.

"...އެބޭފުޅާއާ ޔާމީނާ އެއީ ހަމަ އެކައްޗެއް އެއްގޮތަކުން ބަލާއިރު. އެ ޔަގީން ކޮށްދެއްވަނީ ތިމަންނައަށް ޔާމީން ބުނާ ގޮތަކަށް ވެރިކަމެއް ނުކުރާނަމޭ، އެކަމަކު ޔާމީނަށް ފުރުސަތު ދޭނަމޭ ފާޑު ވިދާޅުވާން. އެ ދެބޭފުޅުން ދޭތެރޭގައި މައްސަލައެއް ނުޖެހެންޏާ ތިބޭފުޅުން ޔަގީން ކުރައްވާ އެ ވާނީ 2013 އާއި 2018ގައި އެ އޮތް ވެރިކަމަށް،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވަނީ ޔާމީންގެ ވެރިކަމުގައި ފުލުހުން ބޭނުންކޮށްގެން މުއައްސަސާތަކަށް ވަދެ މުވައްޒަފުން ނެރެ، ޖަލަށްލީ ކަމަށާއި ނޫސްވެރިންނަށް ވެސް އޭރު އޮތް ހުރަސްތަކުގެ ވާހަކަ ވެސް ވިދާޅުވެފަ އެވެ.

މިއަދު ވެސް މާރިޔާ ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނަވައި ކުރެއްވި މަސައްކަތްތަކުގެ ފެންވަރުދަށް ވާހަކަ އާއި އޭރުގެ ސަރުކާރުގައި ހިނގި ބައެއް ހިޔާނާތްތަކުގެ ވާހަކަ ނޫސްތަކުން ދެއްކެވި އެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ނޯޓުކޮޅާ ހަވާލާ ދެއްވައި އިއްޔެ މާރިޔާ ވަނީ މުއިއްޒު މިހާރުން ފެށިގެން ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.