Roadha Mihaaru
ޔާމީނުގެ ހުރިހާ ކަމެއްގައި މުއިއްޒު ބައިވެރިވި: މާރިޔާ

ޔާމީންގެ ވެރިކަމުގައި ހިނގި ހުރިހާ ކަމެއްގައި ވެސް މުއިއްޒުގެ ބައިވެރިވުން އެބައޮތް: މާރިޔާ

20 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޯސް އެތައް ކަމެއް ހިނގާފައިވާ ކަމަށާއި އެ ހުރިހާ ކަމެއްގައި ވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުން އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ތުހުމަތު ކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކެމްޕެއިނު ތަރުޖަމާނުގެ ހައިސިއްޔަތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މާރިޔާ އަންނަނީ ވަރަށް ބޮޑަށް މުއިއްޒަށް ފާޑުވިދާޅުވެ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ.

އެކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވަދަ ނުކުރާ ކަމަށާއި އެކަމަކު، އެ މީހުންގެ ވިސްނުމާ އެންމެ ގާތް ވިސްނުމެއް ގެންގުޅޭ ޕާޓީއަކީ ޕީއެންސީ ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަކީ ޕީޕީއެމްގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އޭރު ހިނގި ހުރިހާ ކަމެއްގައި އޭނާގެ ބައިވެރިވުން އޮންނާާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ހުރިހާ ކަމަކާ އޭރު އެއްބައިވެ ވާގިވެރިވެފައިވާ ބޭފުޅަކަށް ވާއިރު، އެ ވާހަކަތައް ނުދައްކާ ކުރިއަށް ދެވޭކަށް ނެތް. އަދި 2013 އިން 2018 އަށް ހިނގި ހުރިހާ ކަމެއްގައި ވަޒީރުން މަޖިލީހުގެ މެންބަރެއްގެ ގޮތުން މުއިއްޒުގެ ބައިވެރިވުން އެބައޮތޭ،" މާރިޔާ ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކަ ތަކުރާރުކޮށް ދައްކަވަނީ އެއީ އެއްގޮތަކަށް ވެސް އެމްޑީޕީ އަށް އޮތް ޗެލެންޖަކަށް ވެގެން ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"[ބޭނުން ވަނީ] ރައްޔިތުންނަށް ހަނދާން ކޮށްދޭން، މުއިއްޒަކީ އާ ބޭފުޅެއް ނޫން ކަން،" މާރިޔާ ވިދާޅުވި އެވެ.