Roadha Mihaaru
ތްރީ އޮން ތްރީ ބާސްކެޓް ދެ ޓީމަށް ވެސް ލޯ މެޑަލް

ތްރީ އޮން ތްރީ ބާސްކެޓް އަންހެން އަދި ފިރިހެން ޓީމަށް ވެސް ބްރޯންޒް މެޑަލް

29 އޯގަސްޓް 2023

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތްރީ އޮން ތްރީ އަންހެން އަދި ފިރިހެން ޓީމު ވެސް ލޯ މެޑަލް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތްރީ އޮން ތްރީ އަންހެން އަދި ފިރިހެން ޓީމު ވެސް ލޯ މެޑަލް ހޯދައިފި އެވެ.

މިއީ ރާއްޖޭގެ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ޓީމެއް ގޭމްސްއެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އަންހެން ޓީމު ލޯ މެޑަލް ހޯދީ އިއްޔެ ކުޅުނު ތިންވަނަ ހޮވި މެޗުގައި 19-15 އިން މަޔޯޓް ބަލިކޮށްފަ އެވެ.

އަންހެން ޓީމު ލޯ މެޑަލް ޔަގީން ކުރުމަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

އަންހެން ޓީމު ލޯ މެޑަލް ޔަގީން ކުރުމަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

މުޅިން އަލަށް ގޭމްސްއެއްގައި ވާދަކުރި ތްރީ އޮން ތްރީ ބާސްކެޓް އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ސެމީ ފައިނަލް ކުޅެފަ އެވެ. އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ރާއްޖެ ބަލިވީ ރީޔޫނިއަން އަތުން 18-6 އިންނެވެ.

ފިރިހެން ޓީމު ލޯ މެޑަލް ހޯދީ ތިންވަނަ ހޮވި މެޗުގައި 14-13 އިން އިއްޔެ މޮރީޝަސް ބަލި ކޮށްގެންނެވެ.

ފިރިހެން ޓީމު ލޯ މެޑަލް ޔަގީން ކުރުމަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ފިރިހެން ޓީމު ލޯ މެޑަލް ޔަގީން ކުރުމަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ތްރީ އޮން ތްރީ ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ. މި ޓީމު ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސީޝެލްސް ބަލިކޮށްފަ އެވެ. ނަމަވެސް ދެވަނަ މެޗުގައި މަޔޯޓް އަތުން ބަލިވުމުން ޖެހުނީ ކުއާޓާ ފައިނަލް ކުޅޭށެވެ.

އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުން ރާއްޖެ ވަނީ 20-18 އިން ރީޔޫނިއަން ބަލިކޮށްފަ އެވެ. ނަމަވެސް ސެމީ ފައިނަލްގައި 21-16 އިން މަޔޯޓް އަތުން ބަލިވެގެން ތިންވަނަ ހޮވާ މެޗު ކުޅެން ޖެހުނީ އެވެ.