Roadha Mihaaru
ނަބާ، ނަބީއަށް ރަން، ސިންގަލްސްއިން ނަބީއަށް ރިހި

ނަބާ އާއި ނަބީއަށް މިފަހަރު ރަން، ސިންގަލްސް އިން ނަބީ އަށް ރިހި

02 ސެޕްޓެމްބަރ 2023

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖޭޣެ އަންހެން ބެޑްމިންޓަން ޕެއާ، ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރަން މެޑަލް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖޭޣެ އަންހެން ބެޑްމިންޓަން ޕެއާ، ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރަން މެޑަލް ހޯދައިފި އެވެ.

ނަބާ އާއި ނަބީގެ ޕެއާ މިވަނީ އެންމެ ފަހުން 2019 ވަނަ އަހަރުގެ ގޭމްސްގައި ހޯދި ރިހި މެޑަލް ހޯދައިފަ އެވެ. ނަމަވެސް މިއަދު ކުޅުނު ފައިނަލްގައި ސީދާ ދެ ސެޓުން މޮރީޝަސްގެ ލޯނާ ބޮދާ އާއި ކޮބިތާ ދޫކީ ބަލިކޮށް މި ޕެއާ މިވަނީ ކުރިއެރުން ހޯދައިފަ އެވެ.

ފައިނަލް މެޗުގައި ނަބާ އަދި ނަބީގެ ޕެއާ ސެޓްތައް ގެންދިޔައީ 21-14، 21-15 އިންނެވެ. މި ޕެއާ ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި މޮރީޝަސްގެ ވިލީނާ އަޕިއާ އާއި ޓިއާ ބުރުތުން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

ކުއާޓާގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ ސީޝެލްސްގެ ޖެސީ މަންސިއެން އާއި ސެޖާލް ޝާހްގެ ޕެއާ ބަލިކޮށްފަ އެވެ. އައިޝަތު އަފްނާން ރަޝީދާއި އާމިނަތު ޝަހުރުނާޒް މޫސާގެ ޕެއާ ވަނީ ކުއާޓާ ފައިނަލްގައި ރީޔޫނިއަންގެ ޕެއާއެއް އަތުން ބަލިވެފަ އެވެ.

ބެޑްމިންޓަން ޓީމް އިވެންޓުން އަންހެން އަދި ފިރިހެން ޓީމު ވެސް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ޓީމް އިވެންޓުގެ ދެ ރިހި މެޑަލް އާއި އަންހެން ޑަބަލްސް އިން ހޯދި ރަން މެޑަލްގެ އިތުރުން ވެސް ރާއްޖޭން ވަނީ ބެޑްމިންޓަނުން ހަތަރު މެޑަލް އެއް ހޯދައިފަ އެވެ.

އައިއޯއައިޖީ 2023 ގައި ވާދަކުރި ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ޖުމްލަ ހަތް މެޑަލް ހާސިލް ކޮށްފަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

އައިއޯއައިޖީ 2023 ގައި ވާދަކުރި ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ޖުމްލަ ހަތް މެޑަލް ހާސިލް ކޮށްފަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

މިއާ އެކު ރާއްޖޭން މިވަނީ މިއަހަރުގެ އައިއޯއައިޖީގައި މިހާތަނަށް 27 ވަނަ މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ބެޑްމިންޓަނުން ވަނީ ހަތް މެޑަލް ހާސިލް ކޮށްފަ އެވެ. އެއީ ރަން މެޑަލް އަކާއި ތިން ރިހި މެޑަލްގެ އިތުރުން ތިން ލޯ މެޑަލް އެވެ.

ނަބާ އަށް ސިންގަލްސް އިން ރިހި، ނަބީ އަށް ލޯ މެޑަލް

މިއަދު އޮތް އަންހެން ސިންގަލްސް ފައިނަލްގައި ވާދަކުރި ނަބާހާ، މޮރީޝަސްގެ ކޭޓް ލުޑިކް އަތުން 21-13، 21-19 އިން ބަލިވުމުން ލިބުނީ ރިހި މެޑަލް އެވެ. ނަބާހާ ވަނީ ސެމީ ފައިނަލްގައި މޮރީޝަސްގެ ލޯނާ ބޮދާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ.

މޮރީޝަސްގައި 2019 ވަނަ އަހަރު ބެޑްމިންޓަން ސިންގަލްސްގައި ރަން މެޑަލް ހޯދި ނަބީހާ، މިއަހަރުގެ ސިންގަލްސް ނިންމާލީ ބްރޯންޒް މެޑަލް އަކާ އެކު އެވެ. ސެމީ ފައިނަލްގައި އިއްޔެ ނަބީހާ ބަލިވީ ކޭޓް ލޫޑިކް އަތުން 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 21-13 އިން ނަބީހާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓު ކޭޓް ކާމިޔާބުކުރީ 21-14، 21-18 އިންނެވެ.

އަންހެން ސިންގަލްސް ބައިން ރިހި މެޑަލް ހޯދި ނަބާ (ކ) އަދި ލޯ މެޑަލް ހޯދި ނަބީ (ވ)، ޓީމުގެ ކޯޗާ އެކު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

އަންހެން ސިންގަލްސް ބައިން ރިހި މެޑަލް ހޯދި ނަބާ (ކ) އަދި ލޯ މެޑަލް ހޯދި ނަބީ (ވ)، ޓީމުގެ ކޯޗާ އެކު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ނަބާހާ އާއި ނަބީހާގެ އިތުރުން އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުގައި އަފްނާން ވާދަ ކޮށްފައި ވެއެވެ. އަފްނާން ބަލިވީ މޮރީޝަސްގެ ލޯނާ ބޮދާ އަތުން 2-1 ސެޓުންނެވެ.

ފިރިހެން ސިންގަލްސް މެޑަލް ނިބާލަށް

ފިރިހެން ސިންގަލްސް އިން ރާއްޖެއަށް މެޑަލް ހޯދައިދިނީ ނިބާލް އަހުމަދެވެ. އޭނާ ވަނީ ސެމީ ފައިނަލްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދަައިފަ އެވެ. އިއްޔެ ކުޅުނު ސެމީގައި ނިބާލް ބަލިވީ، މުބާރާޓުގައި އެއްވަނައަށް ސީޑް ކޮށްފައިވާ މޮރީޝަސްގެ ޖޫލިއެން ޕޯލް އަތުން 21-13، 21-8 އިން ބަލިވެފަ އެވެ.

ބެޑްމިންޓަން ފިރިހެން ސިންގަލްސް އިވެންޓުން ބްރޯލްޒް މެޑަލް ހޯދި ނިބާލް.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ބެޑްމިންޓަން ފިރިހެން ސިންގަލްސް އިވެންޓުން ބްރޯލްޒް މެޑަލް ހޯދި ނިބާލް.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ނިބާލް، ސެމީ އިން ޖާގަ ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގައި މޮރީޝަސްގެ ކެމްޓިޝް ނަންދާ 21-19، 21-15 އިން ބަލިކޮށްފަ އެވެ. ކުއާޓާގައި ވާދަކުރި ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ މޮރީޝަސްގެ ލޫކަސް ޑޫޝް އަތުން ސީދާ ދެ ސެޓުންނެވެ.

މިކްސްޑް ޑަބަލްސް އިން ލޯ މެޑައްޔެއް

މިކްސްޑް ޑަބަލްސް އިން ވެސް ރާއްޖޭން ވަނީ ބްރޯންޒް މެޑަލްއެއް ހާސިލް ކޮށްފަ އެވެ. ސެމީ ފައިނަލްގައި ވާދަކޮށް މިކްސްޑް ޑަބަލްސް އިން ބްރޯންޒް ހޯދީ ޒަޔާން އާއި ނަބާހާގެ ޕެއާ އެވެ. މި ޕެއާ ސެމީގައި ބަލިވީ މޮރީޝަސްގެ ކޭޓް އާއި ޖޫލިއެންގެ ޕެއާ އަތުން 18-21، 16-21 އިންނެވެ.

ނަބާ (ކ) އަދި ޒަޔާޏް (ވ) ގެ ޕެއާ ވަނީ މިކްސްޑް ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައިނ.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ނަބާ (ކ) އަދި ޒަޔާޏް (ވ) ގެ ޕެއާ ވަނީ މިކްސްޑް ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައިނ.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

ޒަޔާން އާއި ނަބާހާ ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި މަޑަގަސްކަރައިގެ ރަޒާފިމަންޑިމްބީ އާއި ރަޒާފިމަމޮންޖިއާރިސަން 2-1 ސެޓުން ބަލިކޮށްފަ އެވެ.

ކުއާޓާގައި ވާދަކުރި ނިބާލް އާއި ނަބީހާ ބަލިވީ ރީޔޫނިއަންގެ ޕެއާއެއް އަތުންނެވެ. އަދި މުހައްމަދު އަޖްފާން ރަޝީދާއި މައިސާ ފަތުހުﷲ އިސްމާއިލް ބަލިވީ މޮރީޝަސްގެ ޕެއާއެއް އަތުންނެވެ. ދެ ޕެއާ ވެސް ކުއާޓާގައި ބަލިވީ 2-1 ސެޓުންނެވެ.

ފިރިހެން ޑަބަލްސްގައި ރާއްޖޭން އެންމެ ދުރަށް ދިޔައީ ނިބާލް އާއި އަޖްފާންގެ ޕެއާ އެވެ. ކުއާޓާގައި ރާއްޖޭގެ ޕެއާ ބަލިވީ މޮރީޝަސްގެ މެލްވިން އައްޕިއާ އާއި ތޭޖްރާޖް ޕުލްޓޫ އަތުން 2-1 ސެޓުންނެވެ.