03 ސެޕްޓެމްބަރ 2023
މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ.
މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ.
މިއީ ރާއްޖޭގެ ކޮންޓިންޖެންޓުން މިއަހަރުގެ އައިއޯއައިޖީގައި ކާމިޔާބުކުރި 28 ވަނަ މެޑަލް އެވެ.
އަންހެނުންގެ 4 ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ އައިޝަތު ހިމްނާ ހަސަން، ހައްވާ މުޒުނާ ފާއިޒު، އާމިނަތު ލަޔާނާ މުހައްމަދު އަދި ޒިވާ މޫސާ ޝަފީއު އެވެ.
އިއްޔެ އޮތް އިވެންޓުގައި ދުވެގެން ރާއްޖޭގެ ޓީމުން ލޯ މެޑަލް ހޯދީ ތިން މިނިޓް 52.99 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ލޯ މެޑަލް ހޯދީ ތިން މިނިޓް 52.76 ސިކުންތުން ރޭސް ނިންމި މޮރީޝަސްގެ ޓީމެވެ. އަދި ތިން މިނިޓް 45.78 ސިކުންތުން ރޭސް ނިންމައިގެން ރަން މެޑަލް ހޯދާފައި ވަނީ މަޑަގަސްކަރައިގެ ޓީމެވެ.
ރާއްޖޭގެ ދުވުންތެރިން ވަނީ މިއަހަރުގެ ގޭމްސްގައި އަންހެނުންގެ 4 ގުނަ 100 މީޓަރު އިވެންޓާއި 4 ގުނަ 100 މީޓަރު މިކްސްޑް ރިލޭ އިން ވެސް ލޯ މެޑަލް ހޯދައިފަ އެވެ.
ފިރިހެނުންގެ 4 ގުނަ 400 މީޓަރު ރިލޭ ވެސް އިއްޔެ އޮތެވެ. މި އިވެންޓުގައި ރާއްޖޭން ދުވެފައި ވަނީ ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަ ރިޒާ)، ހުސައިން ޒީކް ސުއާދު އަދި އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އެވެ. ފިރިހެން ޓީމު ތިން މިނިޓް 21.22 ސިކުންތުން ދުވެގެން ރޭސް ނިންމީ ހަތްވަނައިގަ އެވެ.
4 ގުނަ 400 މީޓަރު ފިރިހެނުންގެ ރިލޭ އިވެންޓުގައި ކުޑަ ރިޒާ ދުވަނީ.-- ފޮޓޯ: ސުއާދު އަބްދުއްސައްތާރު/ އެމްއޯސީ
ފިރިހެނުންގެ 800 މީޓަރު ދުވުމުގެ ފައިނަލްގައި އިއްޔެ ކުޑަ ރިޒާ އާއި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ވަނީ ދުވެފަ އެވެ. މެޑަލް އަކާ އެންމެ ގާތް ކުރީ ކުޑަ ރިޒާ އެވެ. އޭނާ ރޭސް ނިންމީ އެއް މިނިޓް 54.30 ސިކުންތުން، ހަތަރުވަނައިގަ އެވެ. ތިންވަނައިގައި ނިންމައި ބްރޯންޒް މެޑަލް ހޯދީ ކުޑަ ރިޒާ އަށްވުރެ 0.79 ސިކުންތު އަވަހަށް ރޭސް ފުރިހަމަކުރި މަޑަގަސްކަރައިގެ ރަޒަފިމަނާނާ ފްރެޑީ އެވެ. އެއް މިނިޓް 56.12 ސިކުންތުން ރޭސް ފުރިހަމަކުރި ފްލޭޝް ނިންމީ ހަވަނައިގަ އެވެ.
އަންހެނުންގެ 800 މީޓަރު އިވެންޓުގައި ދުވި ފަސޫހާ އަހުމަދަށް ލިބުނީ ނުވަވަނަ އެވެ. އޭނާ ރޭސް ފުރިހަމަ ކުރީ ދެ މިނިޓް 27.89 ސިކުންތުންނެވެ.
މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ދެން ބާކީ އޮތީ މިއަދު ކުރިއަށް ގެންދާ ހާފް މެރެތަން އިވެންޓެވެ. ފިރިހެނުންގެ ރޭހުގައި ވާދަކުރާނީ ގައުމީ ރެކޯޑް އޮންނަ ޔޫސުފް އިބްރާހިމް އެވެ. އަންހެނުންގެ ރޭހުގައި ދުވާނީ ގައުމީ ރެކޯޑް އޮންނަ ޝަމްހާ އަހުމަދެވެ.
ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ އިއްޔެ، ބާސްކެޓްބޯޅަ އިވެންޓުގެ ތިންވަނަ ހޮވި މެޗު ކުޅެފަ އެވެ. އެ މެޗުގައި ފްރާންސަށް ނިސްބަތްވާ މަޔޯޓްއާ ވާދަކޮށް ރާއްޖެ ބަލިވީ 72-56 އިންނެވެ.
އިއްޔެގެ މެޗުގެ ކުރިން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމް.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ
މި މެޗުގައި މަޔޯޓްގެ ކުޅުންތެރިން އެންމެ ގިނައިން ފައުލް ކުރީ ރާއްޖޭގެ ކެޕްޓަން ފާތިމަތު ރިޝްމާ އަށެވެ. ރިޝްމާ ވަނީ ރާއްޖެއަށް އިއްޔެގެ މެޗުގައި އެންމެ ގިނަ ޕޮއިންޓް ވެސް ހޯދައިދީފަ އެވެ. ރިޝްމާ 16 ޕޮއިންޓް ސްކޯ ކޮށްދިންއިރު އައިޝަތު އިނާޝާ ވަނީ 13 ޕޮއިންޓް ހޯސައިދީފަ އެވެ. އަދި އާމިނަތު އިސްރާއު 10 ޕޮއިންޓް ސްކޯ ކޮށްދިނެވެ.
މެޗުތެރޭން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ޝައިލާން އަފްޒަލްގެ ބޯ ފަޅައިގެން ދިޔަ ނަމަވެސް އޭނާ ވަނީ ބެންޑޭޖް ކޮށްގެން މެޗު ފުރިހަމަ ކޮށްފަ އެވެ.
ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމް އިއްޔެ ކުޅުނު މެޗުގައި ޝައިލާން، އޭނާގެ ބޯ ބެންޑޭޖް ކޮށްގެން ކުޅެނީ.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ
ތިންވަނަ ހޮވާ މެޗު ރާއްޖޭން ކުޅުނީ، ހުކުރު ދުވަހު މަޑަގަސްކަރައާ ވާދަކުރި ސެމީ ފައިނަލް މެޗުން 94-34 ޕޮއިންޓުން ބަލިވުމުންނެވެ. ރާއްޖެ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުން 85-32 އިން ބަލިވި ނަމަވެސް ފަހު މެޗުގައި ވަނީ 83-27 އިން ސީޝެލްސް ބަލިކޮށްފަ އެވެ.
މިއަހަރު މުޅިން އަލަށް ރާއްޖޭން ވާދަކުރި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ އިވެންޓުގައި ކުޅުނު އަންހެން އަދި ފިރިހެން ޓީމު ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އެތުލީޓުންގެ ކާމިޔާބު ފާހަގަކުރަން އިވެންޓެއް ބާއްވަނީ
ނަބާ، ނަބީއަށް ރަން، ސިންގަލްސްއިން ނަބީއަށް ރިހި
އަންހެން ރިލޭ ޓީމަށް ވެސް ތާރީހީ ލޯ މެޑަލް އެއް
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ފާތުންއަށް ތާރީހީ މެޑަލްއެއް ރައްޒާގަށް ވެސް ބްރޯންޒް
ސީޝެލްސް ބަލިކޮށް އަންހެން ބާސްކެޓް ޓީމު ސެމީ އަށް
މިކްސްޑް ރިލޭއިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑަލް
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ޓައެކްވޮންޑޯގެ ފާތިމަތަށް އަނެއްކާވެސް ބްރޯންޒެއް
ތްރީ އޮން ތްރީ ބާސްކެޓް ދެ ޓީމަށް ވެސް ލޯ މެޑަލް