Roadha Mihaaru
ސަންގު ޓީވީގެ ރިޔާސީ ބަހުސް ހޮނިހިރު ދުވަހުގެ ރޭ

ސަންގު ޓީވީގެ ރިޔާސީ ބަހުސް ހޮނިހިރު ދުވަހުގެ ރޭ، ފުރުސަތު ދިނީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެކަނި

29 އޯގަސްޓް 2023

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ސަންގު ޓީވީން ބާއްވާ ބަހުސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ސަންގު ޓީވީން ބާއްވާ ބަހުސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިރޭ ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމާ ގުޅިގެން ބާއްވާ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ދެއްވީ، ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ. އެއީ؛

- އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

- ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު.

- ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް.

- ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް.

- އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް.

އަސްވާޑު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 9-11 އަށް ބާއްވާ ބަހުސްގެ ދައުވަތު ހުރިހާ ކެންޑިޑޭޓުން ވެސް ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އެކަމަކު، ބަހުސް އޮންނާނެ ތަނެއް އަދި ފައިނަލެއް ނުވެ އެވެ.

ސަންގު ބަހުސްގައި ކެންޑިޑޭޓުންގެ ވައުދުތަކާއި މެނިފެސްޓޯގައި ހުރި ކަންކަން އަދި ތަސައްވުރާ ގުޅޭގޮތުން ވެސް ސުވާލުކުރާނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާއިން ވެސް ރިޔާސީ ބަހުސެއް ބާއްވަން މަސައްކަތް ކުރި އެވެ. އެކަމަކު، އަންނަ ހުކުރު ދުވަހު ބާއްވަން ނިންމި ބަހުސް އެންމެ ފަހު ވަގުތު ކެންސަލްކުރީ، ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތް ކަމަށް ބުނެ އެވެ.

އެކަމަކު، ޕީއެސްއެމްގެ ބަހުސް ކެންސަލްކުރިކަން މިރޭ އިއުލާންކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ބަހުސްގައި ބައިވެރިވެވަޑައިނުގަނެވޭތީ އެހެން ދުވަހަކަށް ފަސްކޮށްދޭން އެދިފައި ވަނިކޮށެވެ. ހުކުރު ދުވަހުގެ ރެ އަށް އެމްޑީޕީގެ ބޮޑު ޖަލްސާއެއް ތާވަލްކޮށްފައި ވާތީ އެ ރޭގެ ބަހުސަށް ވަޑައިގަންނަވަން ރައީސަށް ދަތިވީ ކަމަށް އެ ޕާޓީން ބުންޏެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ޕީއެސްއެމުން ބުނީ އެ ތަނުގެ ބަހުސް ކެންސަލްކޮށް، ސަންގާ ގުޅިގެން ބަހުސް ބޭއްވުމަށް މަަސައްކަތް ކުރާ ކަމަށެވެ.