Roadha Mihaaru
އެމްޕީއެލް ފްލެޓްގެ އަގު ދެއްކުމުގައި އިތުރު ލުޔެއް

އެމްޕީއެލް ފްލެޓްތަކުގެ އަގު ދެއްކުމުގައި އިތުރު ލުޔެއް

04 ސެޕްޓެމްބަރ 2023

އެމްޕީއެލް އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓް އިމާރާތް (ޕޯޓް ރެޒިޑަންސް) ގެ އަގު އަދާކުރުމުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓް އިމާރާތް (ޕޯޓް ރެޒިޑަންސް) ގެ އަގު އަދާކުރުމުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ، ބޯޑުން ގެނައި ބަދަލާ އެކު އޮޕްޝަން އެކެއްގެ ދަށުން އެއް ކޮޓަރީގެ (ޓައިޕް އޭ) އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރު މަހަކު ދައްކަން ޖެހޭނީ 3،700ރ. ކަމަށެވެ. އަދި އެއް ކޮޓަރީގެ ޓައިޕް ބީ އެޕާޓްމެންޓުތަކަށް ދައްކަން ޖެހޭނީ 3،800ރ. އެވެ.

އެއަށް ފަހު ބާކީ އޮތް 20 އަހަރު މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ (ޓައިޕް އޭ) އެއް ކޮޓަރީގެ އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި 4.000ރ. އެވެ. އަދި އެއް ކޮޓަރީގެ ޓައިޕް ބީ އެޕާޓްމެންޓުތަކަށް ދައްކަން ޖެހޭނީ 4،200ރ. އެވެ. ކުރިން މި އެޕާޓްމެންޓުތަކަށް ދައްކަން ޖެހެނީ މަހަކު 4،500ރ.- 4،700ރ. އާ ދެމެދުގެ އަގެކެވެ. ފްލެޓަށް ދައްކަންޖެހޭ މަހު ފީ ކުޑަވީ ފްލެޓުގެ އަގު ދެއްކުމުގެ މުއްދަތު 20 އަހަރުން 25 އަހަރަށް އިތުރު ކުރުމުންނެވެ.

ފުރަތަަމަ ފަސް އަހަރު ތިން ކޮޓަރީގެ ޓައިޕް އޭ 7،000ރ. އެވެ. އަދި ޓައިޕް ބީ އެޕާޓްމެންޓުތަކަށް ދައްކަން ޖެހެނީ 7،100ރ. އެވެ. އަދި އެއަށް ފަހު ކޮންމެ މަހަކު 8،000ރ.- 8،200ރ. އާ ދެމެދުގެ އަގެއް ފްލެޓު ލިބުނު މީހުން ދައްކަން ޖެހެ އެވެ.

އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

އެމްޕީއެލް އިން ކުރިން ވަނީ ފްލެޓްގެ ޑައުންޕޭމެންޓު ދެއްކުމަށް ހަތަރު އޮޕްޝަނެއް ދީފަ އެވެ.

ޑައުންޕޭމަންޓް ދެއްކުމަށް ދިން އޮޕްޝަންތައް

- ޑައުންޕޭމަންޓް 20 ޕަސެންޓް ޖުމްލަ ނުވަ މަަސް ދުވަހުގެ ތެރޭގައި ދެއްކުން. [ތިން މަސް ތެރޭގައި 10 ޕަސެންޓް އަދި ބާކީ 10 ޕަސެންޓް ހަ މަސް ތެރޭގައި ދެއްކުމަށް.

- ޑައުންޕޭމަންޓް 15 ޕަސެންޓް [ 12 މަސް ތެރޭގައި ކޮންމެ މަހަކު އެ މަހެއްގެ އިންޓޯލްމަންޓް ދެއްކުން]

- ޑައުންޕޭމަންޓް 1+2 ގެ އެޕާޓްމަންޓަށް 50،000ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް 40،000ރ. ދެއްކުމަށް ފަހު ޑައުންޕޭމަންޓުގެ ބާކީ ފައިސާ 1+2 ގެ އެޕާޓްމަންޓަށް 13،000ރ. ސްޓޫޑިއޯ އެޕާޓްމަންޓަށް މަހަކު 7،000ރ. ދެއްކުން [ފްލެޓް އަގުގެ ބާކީ ފައިސާ ކުންފުންޏަށް ދައްކަން ޖެހެނީ 9 ޕަސެންޓްގެ އިންޑިކޭޓެޑް ފައިދާއާ އެކު 20 އަހަރަށް ބަހާލައިގެން.

- 1+2 އެޕާޓްމަންޓުގެ ޑައުންޕޭމަންޓަށް 50،000ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް 40،000ރ. އެގްރީމަންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ. ޑައުންޕޭމަންޓްގެ ބާކީ ފައިސާ ނުވަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭއިރު 1+2 ގެ އެޕާޓްމަންޓަށް މަހަކު 5000ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް މަހަކު 4000ރ. ފްލެޓްގެ އަގުގެ ބާކީއަށް ވާ ފައިސާ ކުންފުންޏަށް ދައްކަން ޖެހެނީ 10 ޕަސެންޓްގެ އިންޑިކޭޓެޑް ފައިދާއާ އެކު 20 އަހަރުގެ މުއްދަތަށް ބަހާލައިގެން.

އެމްޕީއެލް އިން ބުނީ މި ހުރިހާ އޮޕަޝަނަކަށް ފައިސާ ދެއްކި މުވައްޒަފުންނަށް ވެސް ކުއްޔަށް ލުއި ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.