Roadha Mihaaru
ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ވަކި ޝަރުތުތަކެއް

ޑިމޮކްރެޓްސްގެ ޝަރުތަކީ އެމްޑީޕީ އަށް ނިޒާމީ ވޯޓު، ޕީޕީއެމަށް ސަރުކާރުގެ ހިއްސާ

18 ސެޕްޓެމްބަރ 2023

މި މަހު ފަހު ކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި ޝަރުތުތައް ހިމަނައި، އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މި މަހު ފަހު ކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި ޝަރުތުތައް ހިމަނައި، އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިހާރު ކުރިއަށްދާ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުގައި 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީ އާއެކު މަޝްވަރާ ކުރުމަށެވެ.

އަދި ޕީޕީއެމް އާއެކު ސަރުކާޜު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑީމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓިން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާ އެކުގައި މަސައްކަތް ކުރުމަށް ގަރާރުގައި ބުނެފައި ވެ އެވެ.

އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުންޏެވެ.

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި ޝިފާޒް ވާހަކަދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި ޝިފާޒް ވާހަކަދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

ގަރާރަށް ބަހުސް ކުރައްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިހާރު އޮތް ނިޒާމާ އެކު ބަޔަކާ އެކުވެގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ތާރީހު އެކަން ހެކި ދޭ ކަމަށެވެ.

ދެ ވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފާޑުވިދާޅުވެ އާޒިމް ވިދާޅުވީ، ޑިމޮކްރެޓުންނަށް އޮތް މޮޅު ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބުން ބަލި ކުރުން ކަަމަށެވެ. އެއީ އެ ޕާޓީ އެންމެ ބޮޑަށް ކުރި އަރައިގެން ދާނެ ގޮތް ކަމުގައި އޭނާ ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ދެރަކޮށްފައި، ވަރަށް އަވަހަށް މުއިއްޒު ވެރިކަމުން ބޭލުން [އެއީ އޮތް ގޮތަކީ]،" އާޒިމް ވިދާޅުވި އެވެ.

ބަހުސްގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ދެ ވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީގެ "ފަހަތުން ދުވަން" ޑިމޮކްރެޓުންނަށް ވަގުތު ނެތް ކަމަށެވެ.

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ދެ ދުވަސް ވެސް ގިނަ، 24 ގަޑިއިރު ތެރޭގައި ޖަވާބެއް ނުދީފިނަމަ އެކަން ނިންމާލަންވީ. ދެން އަންނަ އަހަރު އޮތް މަޖިލީހުގެ އިންތިހާބަށް ތައްޔާރުވާން ވީ، އެއްގޮތަކަށް ވެސް މި މީހުންގެ ފަހަތުގައި ދުވާކަށް ނުފެނޭ،" އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ، މިހާރު ތިބި ދެ ކެންޑިޑޭޓުންނަށް ވެސް އިތުބާރު ކުރަން ނުފެންނަ ކަމަށެވެ.

ޝިއްޕެގެ ގަރާރަށް ތާއީދުކުރައްވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 28 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނަގަނީ ރައީސަށް ތާއީދު ނުކުރާތީ ކަމަށާއި މީގެ ކުރިން ވެސް އެ ވައުދުވެގެން ވެރިކަމަށް ވަޑައިގެން އެކަން ކުރައްވާފައިނުވާ ކަމަށެވެ.

އީވާ ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްއަށް ފަހު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ވެސް ކުރައްވާފައިނުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި ނިޒާމީ ބަދަލު ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާނެ ކަމަކަށް. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ 30 ސެޕްޓެމްބަރުގެ ފަހަށް މިކަން ކުރަން އުޅެފިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވޯޓަށް އެއްސެވި ކަމަށް ވިޔަސް ފެއިލް ކޮށްލާނެޔޭ،" އީވާ ވިދާޅުވި އެވެ.

އީވާ ވެސް ވިދާޅުވީ، ދެ ޕާޓީއިން ވެސް ޝަރުތުތަކަށް އެއްބަސްނުވެވޭނަމަ، މި ރިޔާސީ ނިޒާމުގައި ވަކި ކޮޅަކަށް ނާރައި އެ ޕާޓީއަށް އެ ޕާޓީގެ ގޮތުގައި ތިބެވޭނެ ކަމަށެވެ.

ޝިއްޕެގެ ހުށަހެޅުއްވުންތަކަށް ބަހުސްގައި ވާހަކަ ދެއްކިހުރިހާ މެމްބަރުން ތާއީދުކުރި ނަމަވެސް، ގިނަ މެމްބަރުން ބުނީ ރައީސަށް އިތުބާރުނުކުރާ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ކުރިމަގު ގުޅިފައިއޮތީ، މި އިންތިހާބުން އެމްޑީޕީ ބަލިވެގެން ކަމަށް ވެސް ގިނަ މެމްބަރުން ފާހަގަކުރި އެވެ.

މިރޭގެ ބައްދަލުވުމުގައި ޝިއްޕެގެ ގަރާރު ފާސްވީ އިންޓަރިމް ކައުންސިލްގެ 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.