Roadha Mihaaru
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރަކަށް އަލީ އާޒިމް

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރަކަށް އަލީ އާޒިމް ހޮވައިފި

14 ސެޕްޓެމްބަރ 2023

ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕު އުފައްދައި، ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕު އުފައްދައި، ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފި އެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕު އެކުލަވާލުމަށް މިއަދު ވަނީ ފަސް މަގާމަކަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވައިފަ އެވެ.

އެމްޑީޕީ ޕީޖީ ލީޑަރުކަން ވެސް ކުރެއްވި އާޒިމް ލީޑަރަކަށް ހޮވުނުއިރު، ނައިބު ލީޑަރުންނަށް ހޮވިފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

ޑިމޮކްރެޓްސް ޕީޖީ ގުރޫޕު އިންތިހާބުގައި އަލީ އާޒިމް ވޯޓު ލައްވަނީ -- ފޮޓޯ: ޑީމޮކްރެޓްސް

ޑިމޮކްރެޓްސް ޕީޖީ ގުރޫޕު އިންތިހާބުގައި އަލީ އާޒިމް ވޯޓު ލައްވަނީ -- ފޮޓޯ: ޑީމޮކްރެޓްސް

ޕީޖީ ގުރޫޕުގެ އަމީންއާމަކަށް ހޮވާފައިވައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. ވިޕަކަށް އިންތިހާބުކޮށްފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގައި ތިއްބެވި 12 މެންބަރުން އެ ޕާޓީއިން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި އަލަށް ޕާޓީއެއް ވަނީ އުފައްދަވައިފަ އެވެ.

މިއަދުގެ އިންތިހާބުގައި 11 މެންބަރަކު ވޯޓު ދެއްވެވިއިރު، އޭގެ ތެރެއިން ޕާޓީ ބަދަލުވިކަން މަޖިލީހަށް މިހާތަނަށް އަންގާފައިވަނީ އެންމެ ތިން މެންބަރުންނެވެ. އެ ޕާޓީގެ ހުރިހާ މެންބަރުން މަޖިލީހަށް ސިޓީ ފޮނުއްވައި ދަފްތަރަށް އަރާ ހިސާބުން ޑިމޮކްރެޓްސް ވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ.