Roadha Mihaaru
ޑިމޮކްރެޓްސްގެ އެއްބަސްވުމުގަ ސޮއިކުރަން ޕީޕީއެމް ދެކޮޅު

ޕާޓީތަކަށް ހުށަހެޅީ ނިޒާމީ ވޯޓަކަށް ދާން، ޕީޕީއެމް ސޮއި ކުރާކަށް އެއްބަހެއް ނުވޭ: ޑިމޮކްރެޓްސް

15 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީ އާއި ޕީޕީއެމް އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަން ޕީޕީއެމް އިން ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީ އާއި ޕީޕީއެމް އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަން ޕީޕީއެމް އިން ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓާ އެކު ޑިމޮކްރެޓްސް ތިން ވަނަ އަށް ދިޔުމުން އެމްޑީޕީ އާއި ޕީޕީއެމް އިން އަންނަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.

އެހެން ނަމަވެސް ޑިމޮކްރެޓްސް އިން ހުށަހަޅާ ކަމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީގެ ވިސްނުން ހުރި ގޮތް ޕީޕީއެމް އާއި އެމްޑީޕީ އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޕީޕީއެމް އިން އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކުރިޔަށް ދާން ބޭނުން ނުވާ ކަމަށާއި ސޮއި ނުކުރެވޭ ނަމަ އެއީ ސީރިޔަސް ކަމެއް ގޮތުގައި ނުބެލެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި އެގޮތަށް ދާ ކަމަށް ވާނަމަ ޕީޕީއެމް އާއެކު މަސައްކަތް ވަރަށް ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ ފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ކަމުގައިވިޔަސް އެއީ ޔައުމިއްޔާ ކަމުގައި ވިޔަސް އަދި ނިންމާ ނިންމުންތަކުގައި ވެސް ދެ ފަރާތުގެ މެދުގައި ސޮއި ކޮށްގެން މަސައްކަތް ކުރުމަށް ޕީޕީއެމް އިން އެއްބަހެއް ނުވޭ." ހަސަން ލަތީފް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެން ނަމަވެސް މަޝްވަރާތައް އަދިވެސް ކުރިޔަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން ދެ ބަހެއް ނުވޭ އެހެން ނަމަވެސް އެއްބަހެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބު ވެއްޖެ ކަމަށެވެ. އެހެންވެ އެމަނިކުފާނަށް ދެން ވެސް ގާނޫނުއަސާސީގެ ތެރެއިން ކުރެވެން ހުރި ކަންކަން ކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"އެ ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. ރައިސުލްޖުމްހޫރިއްޔާ މިކަމާ ވިސްނާވަޑައިގަތުމަށް މިއީ އެންމެ އައުލާކަން ބޮޑު ވަގުތު،" އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކުގައި ސޮއި ކުރަން ޕީޕީއެމް އިން ދެކޮޅު ހަދާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އެ ޕާޓީގެ ބަހެއް އަދި ނުލިބެ އެވެ.