Roadha Mihaaru
ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި: މުއިއްޒު

ޑިމޮކްރެޓްސްއާ އެކު ކޯލިޝަން ހެދުން: ބޯޅަ އޮތީ އެ ޕާޓީގެ ކޯޓުގައި: މުއިއްޒު

12 ސެޕްޓެމްބަރ 2023

"ދަ ޑިމޮކްރެޓްސް"އާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އެކަމުގައި ގޮތް ނިންމުމަށް "ބޯޅަ އޮތީ އެ ޕާޓީގެ ކޯޓުގައި" ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

"ދަ ޑިމޮކްރެޓްސް"އާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އެކަމުގައި ގޮތް ނިންމުމަށް "ބޯޅަ އޮތީ އެ ޕާޓީގެ ކޯޓުގައި" ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެންމެ މުހިންމުވެފައި "ދަ ޑިމޮކްރެޓްސް" މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާއިރު، އެ ޕާޓީން އަންނަނީ ސަރުކާރާ އެކު ވެސް މަޝްވަރާތައް ކުރަމުންނެވެ. ޕީޕީއެމް/ޕީއެންސީއާ އެކު ވެސް މަޝްވަރާތައް ބާއްވާފައިވާއިރު ބޮޑެތި ޝަރުތަކެއް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޕީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު "ޑިމޮކްރެޓްސް"ގެ މަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ "ދަ ބޯލް އިޒް އިން ދެއާ ކޯޓު" ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މަސައްކަތް ކުރަނީ "ދިވެހިންގެ ރާއްޖެ"އެއް ހޯދުމަށް ކަމަށާއި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ދައުވަތު ވަނީ ހުޅުވާލާފަ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޔާމީން ވަނީ ހުރިހާ ޕާޓީއަކާ އެކު ކޯލިޝަން ހަދަން ރުހުން ދީފައި - ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޔާމީން ވަނީ ހުރިހާ ޕާޓީއަކާ އެކު ކޯލިޝަން ހަދަން ރުހުން ދީފައި - ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޑިމޮކްރެޓްސްއާ އެކު މަޝްވަރާތައް ކުރަމުންދާއިރު، އެ ޕާޓީން ހުށަހަޅާފައިވާ ޝަރުތުތަކުގެ ވާހަކަ މި ވަގުތު ދައްކަން ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ޑިމޮކްރެޓްސްއާ އެކު އެއްބަސްވުމަކަށް އާދެވިފައި ނެތް ނަމަވެސް، ވަރަށް އަވަހަށް އެކަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ލަފާ ދެއްވާފައިވަނީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކު ވެސް ކޯލިޝަން ހެދުމަށް ކަމަށެވެ.

އެ ލަފާގެ މަތިން އެކިއެކި ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށްދާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އެމްއެންޕީއާ އެކު ޕީޕީއެމް/ޕީއެންސީން މިއަދު އެއްބަސްވުން ހަދާފައިވާއިރު، ޑިމޮކްރެޓްސްގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫންއާ ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.