Roadha Mihaaru
"ނިޒާމީ ވޯޓަށް ޔާމީނާ ބައްދަލުކޮށް އެހީއަށް އެދޭނަން"

ނިޒާމް ބަދަލުކުރުމުގެ މަޝްވަރާ އަށް ޔާމީންއާ ބައްދަލުކުރާނަން: ނަޝީދު

16 ސެޕްޓެމްބަރ 2023

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ހޯދަން އެމަނިކުފާނާ މާފުށީގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ހޯދަން އެމަނިކުފާނާ މާފުށީގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް ޔާމީންއާ ބައްދަލުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް ކަނޑައަޅައި އަމަލުކުރަމުން އަންނަ އުސޫލު އޮންނަ ގޮތުން އެމަނިކުފާނާ ވެސް ބައްދަލުކުރެއްވޭނީ ލޯޔަރުންނާއި އާއިލީ ބޭފުޅުންނަށެވެ. އެހެން މީހުންނަށް ބައްދަލުކުރެވޭނީ ޚާއްސަ އުސޫލުގެ ތެރެއިން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފި ނަމަ އެވެ.

ދޮންމަނިކު ކެފޭގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބޭތީ ކޮންމެ ފަހަރަކު އިއްތިހާދެއް އުފައްދަން ސިޔާސީ ޕާޓީތަކަށް މަޖުބޫރުވާ ކަމަށެވެ.

އެހެން ނަމަވެސް އިއްތިހާދަކީ ގާނޫނުއަސާސީއާ ބީރައްޓެހި އަދި ގާނޫނު ދަންނަ އެއްޗެއް ނޫން ކަމަށާއި އެ އިއްތިހާދު ރޫޅުނަސް އަމަލު ކުރާނެ ގޮތެއް އެއްވެސް ތަނެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލައިގެ ހައްލެއް ގޮތުން، އިންތިހާބުގައި 15،000 ވޯޓު ހޯދި ޑިމޮކްރެޓްސް އިން ހުށަހަޅާފައި ވަނީ ނަޝީދު އަބަދުވެސް ވަކާލާތުކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމެވެ. ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން މި މަހުގެ 25ގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަން އެ ޕާޓީން ވަނީ އެމްޑީޕީ އާއި ޕީޕީއެމަށް ވެސް ހުށަހަޅައިފަ އެވެ.

އެމްޑީޕީން ވަކިވި މެމްބަރުންނާ އެކު އުފެއްދި ޑިމޮކްރެޓްސްގެ ހުށަހެޅުން ޕީޕީއެމް އާއި އެމްޑީޕީ އަށް ހުށަހަޅާފައިވާ އިރު އެކަމާ ގުޅޭ ގޮތުން ޔާމީން އާ ވެސް މަޝްވަރާ ކުރައްވަން އެމަނިކުފާނު ގަސްދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޔާމީން އާ ބައްދަލުވުމެއް ހަމަޖައްސައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައި ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އަމީންއާއްމު އަރިހުގައި ދަންނަވާފަ ވާނެ މާދަމާ އަޅުގަނޑު މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތަކާއި އަޅުގަނޑުމެންނަށް އެހީތެރިވެވެން އޮތް ނަމަ އެ ވާހަކަ." ނަޝީދު ވިދާޅުވި އެވެ.

"ޕީޕީއެމުން ޑިމޮކްރެޓްސް ގާތުގައި ބުނެފައި އޮތީ އަޅުގަނޑުމެން ދައްކާ ވާހަކައަކަށް އެ ބޭފުޅުން އެއްބަހޭ. އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ގޮތުން އެ ބޭފުޅުން އިއުތިރާޒްކުރޭ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ހުރިހާ މެމްބަރުން ވެސް ބޭނުންވާނެ ކޮބައިތޯ ވެވިފައި އޮތް އެއްބަސްވުމަކީ އެނގެން."

ހަމައެއާއެކު އެމްޑީޕީގެ ގާތުގައި ވެސް ތަކުރާރުކޮށް ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގެ މަސައްކަތް ފަށަން އެދެވިއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދެވަނަ ބުރު ކާމިޔާބު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ނިޒާމް ބަދަލު ކުރުމުގެ މަގަށް އަމަލު ކުރެއްވުމަށް ނަޝީދު އެދިވަޑައިގަތެވެ.

"ރައީސް ސޯލިހު މިވަގުތު ދެން މޮޅު ނުވެވޭނެ ކަން ގަބޫލު ކުރެއްވުން އެއީ ރާއްޖެ އަށް ވަރަށް ބޭނުންތެރި ކަމެއް. އަނބުރަން ޖެހޭ ވޯޓުގެ އަދަދު ވަރަށް ގިނަ. ފަރަގު ވަރަށް ބޮޑު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެދިވަޑައިގަތީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ޑިމޮކްރެޓުންނާ އެކު ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީން މަސައްކަތް ކުރުމަށެވެ. ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ބުނާ ބަސް ކޮންމެ ދުވަހަކު މަޖިލީހުގެ ތެރޭގައި ބުނެވެން ޖެހޭ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ގޮތެއް ނިންމަންދެން ޑިމޮކްރެޓްސްއަށް އަބަދަކު މަޑުކޮށްގެން ނުތިބެވޭނެ ކަމަށާއި އެމްޑީޕީ އަށް ހުށަހަޅާފައިވާ ގޮތްތަކާ ބެހޭ ގޮތުން އެ ޕާޓީގެ ޖަވާބެއް ވީހާވެސް އަވަހަށް ބޭނުންވާ ކަމަށް ނަޝީދު ތަކުރާރު ކޮށް ވިދާޅުވި އެވެ.

"މިސާލަކަށް މާދަމާ ނުވަތަ ނުވަތަ އޭގެ އަނެއް ދުވަހު ނަމަވެސް ނިންމަން އެބަޖެހޭ، ޕީޕީއެމުން އެބުނާ ގޮތަށް ޝަރުތަކާ ލައިގެން ނަމަވެސް ނުލާ ނަމަވެސް އަޅުގަނޑުމެން ކޮންމެވެސް ގޮތެއް ނިންމަން ޖެހޭ. އަޅުގަނޑަށް ފެންނަން ފެނުމުގައި ޑެޑްލައިނެއް އެމްޑީޕީއަށް ކަނޑައަޅަން ޖެހޭ. ގިނަ ވަގުތު ދެވޭކަށެއް ނެތް."

އެމްޑީޕީގެ ވެރިކަން ފެށުނުތާ ކުރީކޮޅު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލުތަފާތުވުން އެންމެ ބޮޑުވި މައްސަލައަކީ ބަރުލަމާނީ ނިޒާމެވެ. ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގެން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސް ގޮތެއް ނުނިންމަވަ އެވެ. އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށާއި އެމަނިކުފާނަށް އެކަން ކުރެއްވެން ގާނޫނުއަސާސީ ތަން ނުދޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭރު ގެންދެވީ ވިދާޅުވަމުންނެވެ.

އިިދިކޮޅު ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވެސް އޮތީ ނަޝީދުގެ ބަރުލަމާނީ ހުށަހެޅުމާ އޭރު ދެކޮޅު ހަދައި ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.