Roadha Mihaaru
"ބަނގުރޫޓުވެފައި ކަމަށް ބުނެ ވަނީ ބޮޑެތި ވައުދުތައް"

ރައީސްގެ ރައްދު އިދިކޮޅަށް: ބަނގުރޫޓުވެފައިވާ ކަމަށް ބުނެފައި އިދިކޮޅުން ވަމުންދަނީ ބޮޑެތި ވައުދުތައް

16 ސެޕްޓެމްބަރ 2023

ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ރައްދު ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި ކުޑަކުރަން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް އިދިކޮޅު ބުނާއިރު، އެކި މުއައްސަސާތަކުގެ މުސާރަ ދެ ގުނަކުރުމަކީ ކުރެވޭނެ ކަމެއްތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އަދި އެ ވައުދުތަކަކީ އެއްވެސް ޕްލޭނެއް ނެތި ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމަށާއި އޭގެ މަގްސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު އަނެއްކާވެސް ކާމިޔާބުކޮށް، އަނިޔާވެރިކަމާއި ބިރުވެރިކަން ރާއްޖޭގައި ފެތުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ފުރުސަތު ނުދެއްވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"އެއް ފަރާތުން މި ބުނަނީ ބަނގުރޫޓުވެފައޭ. އަނެއް ފަރާތުން އެކިއެކި މުވައްސަސާތަކުގެ މުސާރަ ދެގުނަ ކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީ ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ." ރައީސް ސުވާލު އުފެއްދެވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މެޗެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ މެޗްގެ ފުރަތަމަ ހާފްގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް ދެވަނަ ހާފް ނިންމާލައްވާނީ ބޮޑު ކާމިޔާބަކާ އެކު ކަމަށް ވެސް ރައީސް އިބްރާހިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަަޑައިގަތުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/މިހާރު

އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަަޑައިގަތުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/މިހާރު

މިމަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 101,494 ވޯޓު ހޯއްދެވިއިރު ރައީސަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.

ރައީސް ވިދާޅުވީ މެޗުގެ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުން ނޫން ކަމަށެވެ. ބައެއް ފަހަރު މެޗުގެ ފުރަތަމަ ހާފުގައި ބަލިވާ ކަމަށާއި އެގޮތަށް ބަލާ ނަމަ، މިވަގުތު އޮތީ 3-1 ގެ ނަތީޖާއަކުން ފަހަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ހާފުގައި ނިކުމެ އެވަރަށް ހަމަ އިތުރަށް ދެ ލަނޑު ޖަހާ، 5 ލަނޑުން މި މެޗު އަޅުގަނޑުމެން ކާމިޔާބުކުރާނަން."

ރައީސް ވިދާޅުވީ ހާފް ޓައިމްގައި ޗޭންޖިން ރޫމަށް ވަދެ، މެޗު ރާވާލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެވަނަ ބުރު ކުޅޭނެ ގޮތް އިންތިޒާމުކުރުމާއި ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުކުރުމާއި ބުންވަރު ހުރި މީހުން ކުރިއަށް ނެރެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލް ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް،" ރައީސް ވިދާޅުވި އެވެ.

ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ވޯޓުގެ ކަންކަމުގައި ބައެއް ކަންކަން ފަރުވާ ކުޑަކުރެވިފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ނާކާމިޔާބުވި ސަބަބަކީ ވެސް އެއީ ކަމަށެވެ. އެކަމަކު މިއަދު ރީރަޖިސްޓްރޭޝަން ފެށިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވަނީ ހުރިހާ ދާއިރާއަކުން އެކަމުގެ މަސައްކަތް އަވަހަށް ފަށަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުން: އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް.

އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުން: އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް.

ރީރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ފުރަތަމަ ބުރުގައި ގިނަ ބަޔަކަށް ވޯޓު ނުލެވިވާތީ އެކަން އަވަސް ކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ. އަދި ޓީމުތަކުން ދޮރުން ދޮރަށް ހިނގައިގެން އިންތިހާބު ގެއްލިއްޖެ ނަމަ، ދެން ކުރިމަތިވާނެ ކަންކަން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ގިނަ ބަޔަކު ގޭގައި މަޑުކޮށްގެން ތިބީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބުނު ހަމަޖެހުމާއި އަމާންކަމާ އެކު އެކަން އަދިވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެމީހުންނަށް އޮތުމުންނެވެ. އެކަމަކު ފުރަތަމަ ބުރުގެ ނަތީޖާ އާއެކު ގޭގައި ތިބި މީހުން ވެސް ނިކުމެފައި ވަނީ ކުރީގެ އަނިޔާވެރިކަން ތަކުރާރުވަން ނޭދޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ބުރުގެ ނަތީޖާއާ އެކު އެބޭފުޅުން [ގޭގައި ތިބި މީހުން] އަށް ކެތެއް ނުކުރެވުން. މުޅި މާލެ އެކީ މިއޮތީ ނިކުމެ. އިރާދަކުރެއްވިއްޔާ ބޮޑު ތަނުން މި އިންތިހާބު ކާމިޔާބުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މިމަހުގެ 30ގައި އޮންނަ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއިރު ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފަ އެވެ. އެކަމަކު އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވަނީ ސަރުކާރާ އެކު ކޯލިޝަން ހަދައިފަ އެވެ.