Roadha Mihaaru
ރިސޯޓު ކުލީގެ ޖޫރިމަނާއިން ހަތަރު ބިލިއަން މާފުވެއްޖެ

ރިސޯޓް ކުލީގެ ޖޫރިމަނާއިން ހަތަރު ބިލިއަން މާފުވެއްޖެ

18 ސެޕްޓެމްބަރ 2023

ޓޫރިޒަމް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ އެކު, ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ އެކު, ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވީ، ކުލީގެ ޖޫރިމަނާއިން ބޮޑު އަދަދެއް މާފުވެގެންދިޔައީ، ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ، މާފުކޮށްދީފައި ވަނީ އޮޕަރޭޝަނަށް ނުގޮސްހުރި، ނުހެދި ހުރި ރިސޯޓުތައް ކަމަށެވެ. އަދި އޭގެ ތެރޭގައި ކުލީގެ ޖޫރިމަނާ ފިޔަވައި އެހެން ޖޫރިމަނާއެއް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރީސްޓްރަކްޗާ ކޮށްދީފައި އިން ބައި ރައިޓް-އޮފް މި ކޮށްލީ. ކުރީމަ މާފޭ ވެސް ކިޔެދާނެ. އެކަމަކު ވެސް އޭގެ ޒާތުގައި އެކަން ކުރަން ތިބި މީހުންނަށް [ރިސޯޓު އޯނަރުންނަށް] މި ކަމުގައި ކުރިއަށް ދެވޭނެ މަގެއް މި ހޯދައިދިނީ. އެގޮތަށް ކުރިއަށް ނުދެވެންޏާ އަޅުގަނޑަކަށް ޔަގީން ދެން ހުރި ފިޔަވަޅުތައް ވެސް އަޅަމުން ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

"0.5 ޕަސެންޓުން ކޮންމެ ދުވަހަކު ޖޫރިމަނާ ވުމަކީ އެއީ ވަރަށް ބޮޑު އަދަދެއް. އެ ފައިސާ ނުދެއްކި އޭގެ މައްޗަށް ޖޫރިމަނާވަމުން އައިސް ރިސޯޓްތައް ނުހެދި ވެސް އެބަހުރި. އަޅުގަނޑުމެން މި ދައްކައިދެނީ އެކަމުގައި ކުރިއަށް ދާން މަގެއް."

ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަރާ ނިސްބަތް ކުޑަކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ރިސޯޓު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އޭރު އަރާ 0.5 ޕަސެންޓުން 0.0493 ޕަސެންޓަށް އޭރު ކުޑަކުރި އެވެ. އެކަމަކު މީރާ އިން ބުނީ އެ ޖޫރިމަނާ މާފުކުރިކަން ޓޫރިޒަމް މިނިސްޓްރީން މީރާ އަށް އަންގާފައި ވަނީ މިދިޔަ މަހު ކަމަށެވެ.

މައުސޫމް ވިދާޅުވީ، މި ބަދަލުގެ ތެރެއިން 0.5 ޕަސެންޓް ރޭޓުން އަރަމުންދިޔަ ޖޫރިމަނާ ދައްކަން ޖެހޭނީ 0.0493 ޕަސެންޓްގެ ރޭޓުން ކަމަށެވެ. އެކަމަކު މި ލުއި ލިބުނީ ކިތައް ރިސޯޓަށް ކަމެއް، އަދި އެއީ ކޮން ބައެއްގެ ކޮން ރިސޯޓްތަކެއް ކަމެއް ޓޫރިޒަމުން އަދި ހާމައެއް ނުކުރެ އެވެ. ރިސޯޓް ހަދަން ރަށް ދޫކޮށް، ނުހެދި ރަށްރަށުގެ އަދަދު 100 އާ ގާތްކުރެ އެވެ.

މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

މައުސޫމް ވިދާޅުވީ ޖޫރިމަނާ މާފުވި އެއްވެސް ރިސޯޓެއްގެ ތެރޭގައި މިހާރު ހިންގަމުން ގެންދާ ރިސޯޓެއް ނުހިމެނޭނެ ކަމަށެވެ.

"އެއީ ކޮންސްޓްރަކްޝަންގައި ރިސޯޓް އޮތް ވަގުތުގެ ތެރޭގައި ހިނގާފައިވާ ޖޫރިމަނާ އާއި ހަދަމުން އަންނަ ރިސޯޓްތަކުގެ ކުލީގެ ޖޫރިމަނާ،" އޭނާ ވިދާޅުވި އެވެ.

ޖޫރިމަނާއަށް ގެނައި ބަދަލާ ގުޅިގެން ބޮޑު އަދަދެއް މާފުވި އިރު މިދިޔަ އަހަރު މިދިޔަ އަހަރު ވަނީ ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ އިސްލާހު އަނބުރާ ގެންގޮސްފަ އެވެ.