Roadha Mihaaru
"މަޖިލިސް މި ހުއްޓުވީ ރައީސްގެ ބައިވެރިވުން އޮވެގެން"

މަޖިލިސް މި ހުއްޓުވީ ރައީސްގެ ބައިވެރިވުން އޮވެގެން: ނަޝީދު

19 ސެޕްޓެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ފެށުން ލަސްވެފައިވާ އިރު، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބައިވެރިވުން އޮވެގެން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ފެށުން ލަސްވެފައިވާ އިރު، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބައިވެރިވުން އޮވެގެން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ޖަލްސާ އެކޭ އެއްގޮތަށް، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ތަޅުމަށް ވަދެވަޑައިނުގެން ކުޑަދަށުގައި ތިއްބެވި ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވި އެވެ.

ބައިގަޑިއިރު ފަހުން ޖަލްސާ ފެށޭ ގޮތް ނުވުމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް "ސެބޮޓާޖުކޮށް" ހުއްޓުވާފައި މި ބާއްވަނީ "ކަނޑައެޅިގެން" ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކަމަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން، އިލްތިމާސްކުރަން، ދައުލަތުގެ ބާރުތައް މަނިކުފާނުގެ އަތްޕުޅުގެ މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާލައްވައި ތިޔަ ކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް،" ވަރަށް ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

"އަދި އަޅުގަނޑުގެ މަސައްކަތް ނުހުއްޓާނެ ކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން."

އެކި ފަހަރު މަތިން މަސައްކަތް ކޮށްގެން ވެސް އިއްޔެގެ ޖަލްސާ ފެށޭ ގޮތް ނުވީ، ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކާއި މަސައްކަތްތައް އެއްފަރާތް ކޮށް، ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތަކަށް މަޖިލީހުގެ އެޖެންޑާ އިން ޖާގަދީފައިވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ގިނަ މެމްބަރުން މަޖިލިހުގެ ތަޅުމަށް ވަދެވަޑައިގަތުމަށް ދެކޮޅު ހެއްދެވެމުންނެވެ.

އެކަމަކު ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ނިންމާފައިނުވާ ކަމަށް އެ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވެސް މައިގަނޑު ގޮތެއްގައި އޮތީ އިއްޔެގެ އެޖެންޑާ އެވެ. އިތުރު މަސައްކަތަކަށް އޮތީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރެވެ.

އެ ގަރާރުގެ މަސައްކަތް އަވަސްކުރަން މިއަދަށް އެޖެންޑާ ކުރީ، އެމްޑީޕީގެ ޕީޖީ ލީޑަރު އެއްބަސްވެވަޑައިގެންފައިވާތީ ކަމަށް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް އެ ޕާޓީން ޝަރުތުކުރާ ނިޒާމީ ވޯޓު ނެގުމުގެ ތާރީހެއް އެ ގަރާރު މެދުވެރިކޮށް އަންގައި ދިނުމަށް ނަޝީދަށް ދަންނަވާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެއީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ވަގުތު ނެތުމުން ކަމަށް އެ މަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން، ޑިމޮކްރެޓްސްއިން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ މި މަހުގެ 28 ވަނަ ކުރިން ނިޒާމީ ވޯޓު ނަގަން އެމްޑީޕީ އަށް ޝަރުތެއްގެ ގޮތުގައި ހުށަހެޅުމެވެ.